ހަބަރު

ދުންޔާ އާއި ގައްސާން އިދިކޮޅާ ގުޅެން ޔުމްނާ ގޮވާލައިފި

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތެއް ކަމަށާއި ގައުމަށް އަލުން ޑިމޮކްރަސީ ގެނެސް، އިންސާފު ގާއިމްކުރަން ކުރާ މަސައްކަތުގައި ބައިވެރިވެ ދެއްވުމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ބޭފުޅުންގެ ތެރެއިން ސަރުކާރުގައި ތިއްބެވި ދުންޔާ މައުމޫނާއި ގައްސާން މައުމޫނަށް، ޔުމްނާ މައުމޫން ގޮވާލައިފި އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޔުމްނާ ވިދާޅުވީ މި ވެރިކަމުގައި ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކާއި ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާ އެތައް ކަމެއް ހިންގަމުންދާ ކަމަށެވެ. އަދި އިދިކޮޅުން ކުރާ މަސައްކަތަކީ ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށް ރައީސް މަައުމޫނާއި ފާރިސްވެސް ގަބޫލުކުރައްވާ ކަމަށެވެ. އިންސާފަށް ކުރަމުންދާ މަސައްކަތުގައި ފާރިސް އަދި ރައީސް މައުމޫންގެ ޒިންމާއެއް އޮތް ކަމަށް ދެކިވަޑައިގެން އިދިކޮޅު ލީޑަރުންނާއި ގުޅިގެން އެ ކުރައްވާ މަސައްކަތުގައި ގައްސާން އަދި ދުންޔާ ބައިވެރިވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

"އިލްތިމާސަކީ އަޅުގަނޑުމެންނާއެކު މި މަސައްކަތުގައި ބައިވެރިވެވަޑައިގެންދެއްވާށޭ، ހުރިހާ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތެއް. ގައުމަށް އަލުން ޑިމޮކްރަސީ ގެނައުމަށް އިންސާފު ގާއިމްކުރުމަށް ކުރެވޭ މަސައްކަތެއް،" ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ އެންމެންގެ ހިޔާލު އެއްގޮތް ނުވާނެ ކަމަށާއި މިހާރު ސިޔާސީ މަސްރަހަށް ބަލާއިރު އެއް އާއިލާއެއްގައި ހުރިހާ ބޭފުޅުން އެއް ފިކުރެއްގައި މަސައްކަތް ކުރާ އާއިލާއެއް ނެއް ކަމަށާއި އެ އާއިލާއަށް ވެސް އެހެން ވެފައިވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ގައުމަށް އަލުން ޑިމޮކުރަސީ ގެނެސް އިންސާފު ގާއިމްކުރުމަށް ކުރާ މަސައްކަތަކީ ހުރިހާ ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތެއް ކަމަށް ޔުމްނާ ވިދާޅުވި އެވެ.

"ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި، ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާއިރު، އަދި އިންސާފު ނެތިގެންދާއިރު މި މަސައްކަތް ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށް ރައީސް މައުމޫންވެސް ފާރިސް ވެސް ގަބޫލު ކުރައްވާ،" ޔުމްނާ ވިދާޅުވި އެވެ. "އެންމެންގެ ޚިޔާލު އެއްގޮތެއް ނުވާނެ، ސިޔާސީ މަސްރަހަށް ބަލާއިރު، މިހާރު ނެތްކަން ނޭންގެ ދެއްތޯ އެއް އާއިލާއެއްގައި ހުރިހާ ބޭފުޅުން އެއް ފިކުރެއްގައި އެއް ޕާޓީއެއްގައި ތިއްބެވި، އެހެންވީމަ އަޅުގަނޑުމެން އާއިލާއަށްވެސް އެހެން ދިމާވީކަމަށް ބެލެވެނީ،"

ކޮއްކޯފުޅު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޝަހުސުއޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގެ އިއްްޔެގެ އަޑުއެހުމަށް ފުރަތަަމަ ފަހަރަށް ދުންޔާ މައުމޫނު ވަނީ ވަޑައިގެންފަ އެވެ. ދުންޔާ އިއްޔެ ވިދާޅުވީ ފާރިސްގެ ޝަރީއަތުގެ އަޑުއެހުމަށް ވަޑައިގެންނެވީ ކޮއްކޯފުޅު ކަމަށްވާތީ އޭނާއާމެދު ކަންބޮޑުވުންވާތީ ކަމަށެވެ. ސަރުކާރާ ހިޔާލު ތަފާތުވެގެން ނޫން ކަމަށެވެ. ފާރިސް އާއި ޔުމްނާ މައުމޫން ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވަމުންދާއިރު، ދުންޔާގެ އިތުރުން ގައްސާން މައުމޫން ވެސް ހުންނެވީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.