ހަބަރު

ލަންކާ ސަފީރު ކަމަށް މުންދު ހަމަޖައްސަނީ

Aug 21, 2017
2

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކަމަށް މ. ކޮތަންމާގެ، މުހައްމަދު ހުސައިން ޝަރީފު (މުންދު) އައްޔަން ކުރުމަށް މަޖިލީހަށް ނަން ފޮނުއްވައިފިއެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުންދު ހަމަޖެއްސެވުމުގެ މައްސަލަ އެޖެންޑާ ކުރައްވާ 22 ދުވަސް ފަހުން މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. އެ މައްސަލަ ދިރާސާ ކުރުމަށްޓަކައި މާދަމާގެ ޖަލްސާގައި މަޖިލިހުގެ ދާއިމީ ކޮމެޓީ އަކަށް އެ މައްސަލަ ފޮނުވާނެ އެވެ.

ލަންކާ ސަަފީރު ކަމަށް މުންދު ހަމަޖައްސަން މަޖިލީހަށް ނަން ފޮނުވިއިރު މުންދު މިހާރު ހުންނެވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމުގަ އެވެ.

ޑީއާރްޕީ އާއި ޕީޕީއެމްގައި ވެސް އިސް ދައުރެއް އަދާ ކުރައްވާފައިވާ މުންދުއަކީ ރައީސް މައުމޫންގެ ވެރިކަމުގައި ސަރުކާރުގެ ތަރުޖަމާނު ކަމާއި އެހެން ވެސް އިސް މަގާމުތަކެއް ފުރުވައި ފަހުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން މުންދު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.