ހަބަރު

އިންޑިއާ ހައި ކޮމިޝަނަރާ އިދިކޮޅު ކޯލިޝަނުން ބައްދަލުކޮށްފި

Jul 20, 2020
2

ރާއްޖޭގައި ހުންނަވާ އިންޑިއާ ހައި ކޮމިޝަނަރު ސަންޖޭ ޝުދީރުއާއި އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ކޯލީޝަންގެ ލީޑާޝިޕްގައި ތިއްބަވާ ބައެއް ބޭފުޅުން މިއަދު ބައްދަލު ކުރައްވައިފި އެވެ.

އިންޑިއާ ހައި ކޮމިޝަންގައި ބޭއްވި އެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން އެ ކޯލިޝަންގެ އެޑްވައިޒަރުންގެ މަގާމަށް ދާދި ފަހުން ހަމަޖެއްސެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ވަހީދާއި ޖަމީލުގެ އިތުރުން، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި، ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، އަދި މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމަށް ފަހު، މުންދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައި ކޮމިޝަނަރާއެކު ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ރާއްޖޭގެ މުއައްސަސާތައް ހަރުދަނާ ކުރުމަށް އިންޑިއާގެ ހުށަހެޅުންތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރެވުނު ކަމަށެވެ. ރާއްޖޭގެ ތަރައްގީއާއި ރާއްޖޭގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ޓްވީޓުގައިވެ އެވެ.

އިންޑިއާގެ ހައި ކޮމިޝަނަރާއި އިދކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން މިއަދު ބައްދަލު ކުރެއްވިއިރު، މި ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމަކީ އިންޑިއާ އެވެ. އަދި ޕީޕީއެމްގެ ސަރުކާރުގައި ރާއްޖެއާއި އިންޑިއާ ދެމެދު އޮތް ގުޅުމަށް ހީނަރުތަކެއް ވެސް އައިސްފައިވެ އެވެ.