އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) ހިމެނޭ ގޮތަށް ވަރަށް ގިނަ އާންމު ރައްޔިތުން ބައިވެރި ވެގެން ފުޅާކޮށްފައިވާ "އިންޑިއާ އައުޓް" ކެންޕޭން ހަަރަކާތަކީ އަޑީގައި ހަރުކަށި ފިކުރުގެ ބަޔަކު ތިބެގެން ހިންގާ ހަރަކާތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތަށް އިދިކޮޅުން ރައްދު ދީފި އެވެ.
ރައްޔިތުންގެ މަޖިލީިގެ ރައީސްގެ އެ ތުހުމަތުތައް އެ މަނިކުފާނު ތިލަ ކުރައްވާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕެއްގެ ތެރެއަށެވެ.
އެ މަނިކުފާނުގެ އެ މެސެޖެއްގައި ހަރުކަށި ފިކުރުގެ މީހުނަށް ތުހުމަތުތައް ކުރެއްވި އިރު ޕީޕީއެމާއި ކޮންގްރެސް ޕާޓީން އެ ފަރާތްތަކަށް އެ ޖާގަ ދޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. ހަމަ އެ މެސެޖްގައި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޕީޕީއެމުން އެފަދަ ހަރުކަށި މީހުންގެ ނާޖާއިޒު ފައިދާ ނަގާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެއީ ޕީޕީއެމުން ކުރާ ވަރަށް ނުރައްކާތެރި އަދި ދަށު ދަރަޖައިގެ ކަމެއް ކަމަށާއި އެއީ ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ވެސް ކަންތައް ކަމަށެވެ. އެ ތުހުމަތުތަކުގައި އިދިކޮޅުން މަސައްކަތް ކުރަނީ "އައިސިސް ރާއްޖެ ހިފުމުގެ ޕްލޭނަކަށް" ކަމަށް ވެސް ނަޝީދު ވިދާޅުވެފައި ވެއެވެ
އެކަމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިސްލާމް ދީނާއި ގައުމުގެ ހައްގުގައި ވާހަކަ ދައްކާ ކޮންމެ މީހަކު ހަރުކަށި ފިކުރުގެ ނުރައްކާތެރި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުވާ ކަމަށެވެ.
"ކޮން ކަމެއް ހާސިލުކުރައްވަން ދައްކަވާ ވާހަކަފުޅެއްތޯ؟ ކޮންބައެއް ތާއީދު ނުލިބިގެންތޯ ތި އުޅުއްވަނީ؟،" އަމިއްލަ ވެރިކަމުގައި ރައްޔިތުންނަށް ކަމެއް ކޮށްދެއްވުން ބުއްދިވެރިކަމަށް ވިދާޅުވެ، ނުސީދާކޮށް ނަޝީދާ ސުވާލުކުރައްވަމުން ޝިޔާމް ވިދާޅުވި އެވެ.
ނަޝީދުގެ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވިދާޅުވީ ކޮރަޕްޝަން ހިންގައި، ގައުމަށް ފައިދާހުރި ކަމެއް ނުކޮށް ދެވުމުން އައިސިސްގެ "ޓޭޕު" އަޅުވާނެކަމެއް ނެތް ކަމަށާއި، އެމްޑީޕީގެ އިސްވެރިން ކުރައްވާ އެ ތުހުމަތަށް ދިވެހި ރައްޔިތުން ފަރިތަވެއްޖެ ކަމަށެވެ.
"ތިޔަ ދުވަސްވީ އައިސިސް ޓޭޕުން އިގުތިސޯދަށް އަދި ރާއްޖެއަށް ކޮންމެ ފަދަ ގެއްލުމެއް ވިޔަސް ރައީސް ނަޝީދާއި އެމްޑީޕީއަށް ސީޔާސީ ފައިދާ އެއް ނެގިދާނެކަމަށް ހީވާނަމަ އެ ނިމުނީ ތޯ؟" ޖަމީލްވެސް ސުވާލު ކުރެއްވި އެވެ.
"އިންޑިއާ އައުޓު" ކެމްޕޭން ފުޅާކޮށްފައިވާއިރު އެ ހަރަކާތުގައި އިދިކޮޅު ފަރާތްތައް ނޫނަސް އާންމު ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ބައިވެރިވެ އެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިންގެ ގިނަ އަދަދެއްގެ މީހުން ގާއިމުވެ ތިބޭ ތިބުމާމެދު ދިވެހިން ގެންދަނީ ނުރުހޭކަން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޅު ކުރަމުންނެވެ.