ހަބަރު

ރާއްޖެ ހިފަން ކުރާ މަސައްކަތުގައި ބައެއް ޕާޓީތައް ބައިވެރިވާކަމުގެ ތުހުމަތު

Oct 7, 2020
5

ބޭރުގެ ދީނީ ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ބައިނަލްއަގުވާމީ އާއިލާއާ އެކަހެރިކޮށް، ރާއްޖެ ހިފަން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގައި ދިވެހި ބައެއް ސިޔާސީ ޕާޓީތަކުން ބައިވެރިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

މިއަދުގެ ޖަލްސާއަށް ދިވެހި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައުލޫމާތު ހޯދަން ނައިފަރު ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައި ނުގަނެވޭނެ ކަމަށް ނިންމަވައި، ނަޝީދު ވިދާޅުވީ އިންޑިއާ އާއި ދިވެހި ދައުލަތާމެދު ގުޅުން ބޭއްވުމަކީ ދިވެހިން އެދޭ ކަމެއް ކަމަށެވެ.

ނަމަވެސް، އިންޑިއާ ފަދަ ގައުމުތަކާ އޮންނަ ގުޅުން ހީނަރުކޮށް، ބައިނަލްއަގުވާމީ މުޖުތަމައުއާ ރާއްޖެ އެކަހެރިކޮށްލުމަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އަދި އަލްގައިދާ ފަދަ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ތަސައްވަރުގެ ފުރަތަމަ މަރުހަލާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެއްވެސް ޝައްކެއް ނެތް އައިސިސް އަދި އަލްގައިދާ އިން އެބަ ގެންގުޅޭ ތަސައްވަރެއް ރާއްޖެ ހިފުމުގެ. ހިތާމައަކީ އެ މައްސައްކަތުގައި އަޅުގަނޑުމެން ގަދަރުކުރާ އިހުތިރާމް ކުރާ ބައެއް ސިޔާސީ ޕާޓީތައް ހިމެނޭތީ،" ނަޝީދު ތުހުމަތު ކުރެއްވި އެވެ.

ނަމަވެސް، ހަރުކަށި ފިކުރުގެ ޖަމާއަތްތަކާ ގުޅިގެން މަސައްކަތް ކުރާކަމަށް ތުހުމަތު ކުރެއްވި ޕާޓީގެ ނަމެއް ނަޝީދު ވިދާޅެއްނުވެ އެވެ.

އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) ހިމެނޭ ގޮތަށް ވަރަށް ގިނަ އާންމު ރައްޔިތުން ބައިވެރި ވެގެން ފުޅާކޮށްފައިވާ "އިންޑިއާ އައުޓް" ކެންޕޭން ހަަރަކާތަކީ އަޑީގައި ހަރުކަށި ފިކުރުގެ ބަޔަކު ތިބެގެން ހިންގާ ހަރަކާތެއް ކަމަށް ނަޝީދު މީގެ ކުރިން ވެސް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީިގެ ރައީސްގެ އެ ތުހުމަތުތައް އެ މަނިކުފާނު އޭރު ތިލަ ކުރައްވާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕެއްގެ ތެރެއަށެވެ.