އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ރަނަގަޅަށް ތަހުގީގުކޮށް ނުބެލެނީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް ސަރުކާރާއި ސިޔާސީ ނުފޫޒު އޮތުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބޭއްވި "ހޯޕް ކޮންފަރެންސް" ނިންމާލުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގައި އެމްޑީޕީގެ ސަރުކާރެއް އޮވެ، 2021 ވަނަ އަހަރުގެ މެއި ހައެއްގައި އެ ޕާޓީގެ ރައީސް ނަޝީދަށް ދިން ހަމަލާ ރަނގަޅަށް ތަހުގީގުނުކުރެވޭއިރު، އެމްޑީޕީން ރަނގަޅު ވާނީ ފަނޑިޔާރުން އިސްލާހުކުރުމުގެ ވާހަކައާއި އިންސާފުގެ ވާހަކަ ނުދެއްކިއްޔާ ކަމަށެވެ. މި ސަރުކާރަށް އަމިއްލަ ޕާޓީގެ ރައީސްއަށް ރައްކާތެރިކަމާއި އިންސާފު ހޯދައިނުދެވޭތީ އެނގިގެންދަނީ މި ވެރިކަމުގައި އެއްވެސް ރައްޔިތަކަށް ރައްކާތެރިކަން ނެތް މިންވަރު ކަމުގައިވެސް ޝިޔާމް ވިދާޅުވި އެވެ.
"މި ގައުމުގައި މި ސަރުކާރުގައި އެއްވެސް ރައްޔިތަކަށް ރައްކާތެރިކަމެއް ނެތް ކަން އަންގައިދެނީ އެމްޑީޕީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އިހަށް ދުވަހު ގޮއްވާލީ. ބެލިކަމެއް ނޭނގެ. އެމްއެންޑީއެފުން ކުރި ކަމެއް ނޭނގެ. ތަހުގީގީ އިދާރާތަކުން ކުރިކަމެއް ނެތް. އެހެންވީމަ ތިމާގެ އަމިއްލަ ޕާޓީގައި ތިބި މީހުންނަށް ހަމަލާދީ އެ ހަމަލާތައް ތަހުގީގު ނުކުރެވި ދެން ކޮން ރައްޔިތަކަށްތޯ އޮންނާނީ މި ގައުމުގައި އިންސާފު،" ޝިޔާމް ފާހަގަކުރެއްވި އެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ބޭނުންވާ އިސްލާހު ތިން ފަހަރެއްގެ މަތިން ޕީޕީއެމްގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެ މައްސަލަ މަޖިލީހުން ބޭރުކޮށްލާ ކަމަށް ވިދާޅުވި އެވެ. އަދި ވެރިމަމުގެ ފުރަތަ 100 ދުވަހުގެ ތެރޭގައި ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލުކުރާނެ ކަމަށް ވިދާޅުވެ ރައީސް ސޯހިލު ވެވަޑައިގަތް ވައުދުފުޅު އަދި ވެސް ފުއްދައިނުދެވޭކަން ޝިޔާމް ފާހަގަކުރެއްވި އެވެ.
"މިނިވަން އިންސާފުވެރި ޖުޑީޝަރީއެއް ގާއިމު ކުރާނަމޭ ވިދާޅުވެފައި މި ބޭފުޅުން ވެރިކަމަށް އައީ. ފުރަތަމަ 100 ދުވަސް ތެރޭގައި ޖޭއެސްސީގެ ކޮމްޕޮސިޝަން ބަދަލުކުރާނަމޭ، ޖޭއެސްސީގައި އޮންނަ ސިޔާސީ ނުފޫޒު ދުއްވާލަނަމޭ،" ޝިޔާމް ވިދާޅުވި އެވެ.
މީގެ އިތުރުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނުގެ އިތުރުން މި ސަރުކާރުގެ ބައެއް ކެބިނެޓް މިނިސްޓަރުންގެ މައްސަލަ ވެސް ހިމެނޭއިރު ހަމައެކަނި ރައީސް ޔާމީނުގެ މައްސަލަ ބަލައި ހުކުމް ކުރި ކުރުމުން ވެސް، އެ ހުކުމަކީ ނަހަމަ ނުފޫޒެއްގެ ތެރެއިން އައިސްފައިވާ ހުކުމެއްކަން ސާފުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. މިގޮތުން ރައީސް ޔާމީނަށް ހުކުމް ކުރާ ފަނޑިޔާރުންނަށް މަގާމުގެ ކުރިއެރުން ފަދަ އިނާޔަތްތަކާއި ޕްރޮމޯޝަންތައް ލިބޭކަމަށް ޝިޔާމް ތުހުމަތުކުރެއްވި އެވެ.
ވ. އާރަށު މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ކުރި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރ 25 ގައެވެ. މި ހުކުމަކީ "ހަރާމް ހުކުމެއް" ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އަންނަނީ ރައީސް ޔާމީނު މިނިވަންކުރުމަށް ގޮވާލާ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި އެމަނިކުފާނުގެ ވަކީލުން އަންނަނީ މަތީ ކޯޓެއްގައި އެ ހުކުމް އިސްތިއުނާފުކުރުމަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.