އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަން ދޫކުރައްވައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންނެވި ބައެއް މެންބަރުން ދިޔައީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަޝްވަރާގެ މަތިން ކަމަށް ވިދާޅުވެ ދޮގު ވާހަކަ ފަތުރާ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅު ކޯލިޝަންގެ ދެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނަައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ދެ ޕާޓީގެ އިސް ސަފުގައި އުޅުއްވި ބައެއް ބޭފުޅުން ދެ ޕާޓީ ދޫކުރެއްވުމަށް ފަހު، ޕީޕީއެމްއާއި ޕީއެންސީގެ އާންމު މެންބަރުން ގެންދަން ވެސް މަސައްކަތް ކުރައްވާ ކަމަށެވެ.
އެ ގޮތުން ޕީޕީއެމްއާއި ޕީއެންސީގެ ބައެއް އާންމު މެންބަރުންނާއި ދެ ޕާޓީގެ ބައެއް ގޮފިތަކުގެ ވެރިންނާ ގުޅުއްވައި ޖޭޕީއަށް ސޮއި ކުރެއްވުމަށް ދައުވަތު ދެއްވަމުން ހަގީގަތާ ހިލާފު ވާހަކަތައް ދައްކަވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ގޮފިތަކުގައި އުޅުއްވާ ވެރިންނާ ގުޅުއްވާފައި މި ވިދާޅުވަނީ އެ ބޭފުޅުން މި ވަޑައިގަތީ އަޅުގަނޑުމެންގެ ޕާޓީގެ ރައީސާ މަޝްވަރާ ކުރައްވައިގެން ކަމަށް." މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެ ޕާޓީ ފިޔަވައި އެހެން އެއްވެސް ޕާޓީއަކާ ގުޅިގެން އެ ކޯލިޝަނުން މަސައްކަތް ނުކުރާ ކަމަށާއި އެ ގޮތަށް މަސައްކަތް ކުރާނަމަ ރައްޔިތުންނަށް އެ ކަން ހާމަ ކުރާނެ ކަމަށެވެ. އެހެންކަމުން ދެ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ގުޅެން ރައީސް ޔާމީން މަޝްވަރާ ދެއްވާފައި ނުވާނެ ކަމަށެވެ.
"ދެ ޕާޓީގެ މެންބަރުންނަށް ވެސް ދަންނަވާލަން ބޭނުން ވަނީ ދެ ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި އެއްވެސް ބޭފުޅަކީ އަޅުގަނޑުމެންނާއި ޕާޓީގެ ރައީސްގެ މަޝްވަރާ ހޯއްދަވައިގެން ވަޑައިގެންނެވި ބޭފުޅުންނެއް ނޫން. ރައީސް ޔާމީންގެ މަޝްވަރާ ހޯއްދެއްވި ކަމަށް ވިދާޅުވާނަމަ އެ ހައްދަވަނީ އިތުރުފުޅެއް." މުންދު ވިދާޅުވި އެވެ.