ދުނިޔެ

ތާރީހީ ކޭތަ ބަލަން އެމެރިކާގައި އާދަޔާ ހިލާފު ޝައުގުއް

އެމެރިކާގެ އެެއް އައްސޭރިންް އަނެއް އައްސޭރިއަށް ދެމިގެންދާ 70 މޭލުގެ ފުޅާ ސަރަހައްދަކަށް މިއަދު ފުރިހަމަ އިރުކޭތައެއް ހިފާނެއެވެ. އެމެރިކާގެ ނޫސްތަކުން ފާއިތުވި ހަފުތާއެއްހާ ދުވަސް ތެރޭގައި އެންމެ ގިނައިން ހަބަރުތަކާއި ރިޕޯޓްތައް ގެނެސްދެމުން އައީ އެކަމާ ގުޅޭ ގޮތުންނެވެ.

އިރުކޭތަ ބަލަން ދާންވީ ސަރަހައްދުތަކާއި ރަށްތަކާއި އެތަންތަނުގެ ހާލަތު އޮތް ގޮތް ވެސް ނޫސްތަކުން އަންނަނީ ވަރަށް ތަފުސީލުކޮށް ގެނެސްދެމުންނެވެ. އެމެރިކާ މީހުންނަށް އެކަމުން ވީ ފަސޭހައާއި އެކު ބޮޑެތި މައްސަލަ ތަކެއް ވެސް ވަނީ ކުރިމަތިވެފައެވެ. ކުދި ކުދި ބައެއް ރަށްތަކުގެ އާބާދީއާ އެއްވަރުގެ ނުވަތަ އެއަށް ވުރެ ގިނަ އަދަދެއްގެ މީހުން އެރަށްތަކަށް ވަނީ ޒިޔާރަތްކޮށްފައެވެ. އެއާ އެކު މުޅި ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައެވެ.

ފުރިހަމަ ކޭތައެއް ފެންނާނީ ކޮން ސަރަހައްދަކަށް؟

އިރު މުޅީން ނިވާވެފައިވާ ފުރިހަމަ އިރުކޭތައެއް ފެންނާނެ ކަަަމަށް ބެލެވިފައި ވަނީ އެމެރިކާގެ އެއްފަރާތު އައްސޭރިން އަނެއް ފަރާތު އައްސޭރިއަށް ދެމިގެންދާ 70 މޭލުގެ ފުޅާމިނުގެ ރޮނގަކަށެވެ. އެރޮނގު ދެމިގެންދާނީ 14 ސްޓޭޓެއްގެ ތެރެއިންނެވެ. އެ ރޮނގުގައިވާ ކުދި ކުދި ރަށްތައް މިހާރުވެސް ވަނީ ދަތުރުވެރިންނައިގެން ތޮއްޖެހި، ޓްރެފިކް ޖޭމްތައް އުފެދިފައި ކަމަށް ނޫސްތަކުން މިއަދު ބުންޏެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާއާ ހަވާލާދީ ނޫސްތަކުން ބުނީ އެނޫން ސަރަހައްދުތަކަށް ފެންނާނީ އިރުގެ 71 ޕަސެންޓް ގެއްލޭ އިރުކޭތައެއް ކަމަށެވެ. އެމެރިކާގެ ބައިބޯ އަދި މަޝްހޫރު އެެއް ޝަހަރުކަމަށްވާ ނިއުޔޯކް ސިޓީއަށް ފެންނާނީ އެފަދަ ކޭތައެކެވެ. ނަމަވެސް ކޭތަހިފާ މަންޒަރު ބަލައި އުފާ ފާޅުކުރުމުގެ ޕާޓީތައް ބާއްވަން އެރަށު މީހުން ވެސް ވަނީ ތައްޔާރުވެފައެވެ.

ކޭތަ ފެންނާނީ ކިހިނެތް؟

ގިނަ ހާދިސާތަކެއް ތަފުސީލުކޮށް ގެނެސްދޭ ވޮކްސް ނިއުސް ބުނީ ފުރިހަމަ އިރުކޭތަ ފެންނަ ސަރަަހައްދުތައް މަދު މިނެޓްތަކަކަށް މުޅީން އަނދިރިވެ، ތަރިތައް ފެންނަ ވަރު ވާނެ ކަަމަށެވެ. ނާސާ އިން ބުނެފައި ވަނީ ބިމާއި އިރާއި ދެމެދަށް ހަނދު ވަދެ، ފުރިހަމަ ކޭތަ ފެންނަ ސަރަހައްދުތަކަށް އިރުގެ އެޓްމޯސްފިއާ ' ދަ ކޮރޯނާ ' ރީތިކޮށް ފެންނާނެ ކަމަށެވެ.

ނާސާއިން ވަނީ އިރުކޭތަ ގިނަ ބަޔަކަށް ބެލޭނެ ގިނަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އަދި ލޮލަށް ގެއްލުމެއް ނުލިބި ކޭތަ ބަލާނެ އިރުޝާދުތަކެއް ވެސް އެ އެޖެންސީގެ ވެބްސައިޓްގައި އާއްމުކޮށްފައެވެ.


އަދި ކޭތައަށް ތައްޔާރުވުމަށް ނާސާއިން ވަނީ ކައުންޓް ޑައުން އެއް ވެސް ފަށާފައެވެ. އެ ކައުންޓް ޑައުން އިން ދައްކާ ގޮތުގައި ކީތަ ހިފުމާ ދެމެދު އަދި ހަތް ގަޑި އިރަށް ވުރެ ގިނަ ވަގުތު އެބަ އޮތެވެ. ނާސާއިން ބުނެފަައިވާ ގޮތުގައި މިއަދު ފެންނަ ފަދަ އިރުކޭތައެއް އެމެރިކާގެ މިޖީލުގެ މީހުންނަށް ދެން ފެނުމުގެ ފުރުސަތެއް ނެތެވެ.