ބޮލީވުޑް

"ވީރެ ދި ވެޑިން" ގެ އެންމެފަހުގެ ތައްޔާރީތައް ފަށައިފި

Aug 22, 2017

މީގެ އަހަރެއްހާ ދުވަސްކުރިން އިއުލާންކޮށް، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައި އޮތުމަށްފަހު އެތަކެއް ފަހަރު މަތިން ފަސްކޮށްފައި އޮތް ފިލްމު، "ވީރޭ ދި ވެޑިން" ގެ ޝޫޓިން އަންނަ މަހުގައި ފަށަން އެންމެފަހުގެ ތައްޔާރީތައް ފަށައިފި އެވެ.

ލީޑްރޯލުން ހަތަރު ބަތަލާއިން ފެނިގެންދާ މި ފިލްމުގެ ޝޫޓިން އަންނަ މަހުގައި ފަށާއިރު، ފިލްމުގެ ލީޑްރޯލުން ފެނިގެންދާ ބަތަލާ ކަރީނާ ކަޕޫރާއި ސޯނަމް ކަޕޫރު އަދި ސްވަރާ ބާސްކަރާއި ޝިކާ ޓަލްސާނިއާ ވަނީ ފިލްމުގެ އެއް ޕްރޮޑިއުސަރު ރީއާ ކަޕޫރާ އެކު ސްކްރިޕްޓް ކިޔުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

މި ފިލްމުގެ ޝޫޓިން ފެށުން އަހަރެއްހާ ދުވަހަށް ލަސްވެގެން ގޮސްފައިވަނީ ފިލްމުގެ ލީޑް ބަތަލާ ކަރީނާ ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުމާ ގުޅިގެންނެވެ. މިދިޔަ ޑިސެމްބަރުގައި ވިހައި، ކަރީނާ ވަނީ ކުރީގައި ހުރި ގޮތަށް ހަށިގަނޑު ވެެސް ލޫޅާފަތިކޮށްލާފަ އެވެ.

ރީއާ އުފެއްދި "ހޫބްސޫރަތް" ވެސް ޑައިރެކްޓްކުރި ޝަޝަންކް ގޯޝް ޑައިރެކްޓްކުރާ މި ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ މުމްބައި، ދިއްލީ އަދި ތައިލޭންޑްގަ އެވެ. އެގޮތުން ފުރަތަމަ ނެގުމަށް ހަމަޖެހިފައިވަނީ ދިއްލީގައި ނަގާ މަންޒަރުތައް ކަމަށްވެ އެވެ.

މިފަހުން މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ކަރީނާ ވަނީ އޭނާ ބަނޑުބޮޑުކަން އެނގުނު ހިސާބުން ފިލްމުގެ މަސައްކަތަށް ބުރު އަރާނެކަން އެނގޭތީ ފިލްމު ދޫކޮށްލަން ރީއާ އާ މަޝްވަރާކުރި ކަމަށާއި ނަމަވެސް ފިލްމު އޭނާ ނޫން އެހެން ބަތަލާ އަކު ލީޑްރޯލުގައި ހިމަނައިގެން އުފައްދަން ރީއާ ބޭނުންނުވީ ކަމަށް ބުނެފަ އެވެ.

"ވީރޭ ދި ވެޑިން" އަކީ ބަތަލާއިންނަށް ހާއްސަކޮށްގެން ބޮލީވުޑްގައި އުފައްދާ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ފެނިގެންދާނީ ޒަމާނީ ހަތަރު އަންހެނަކާ އެމީހުންގެ އިހްސާސްތަކުގެ ވާހަކަ އެވެ.