ވިޔަފާރި

އުރީދޫގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އުރީދޫ މޯލްޑިވްސްގެ އާންމު ހިއްސާދާރުން ރަމްޒު ކޮށްދިނުމަށް ކަނޑައަޅާ ބޯޑް އޮފް ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫއިން ބުނީ އެކުންފުނީގެ ގަވާއިދުގައިވާ ގޮތުގެ މަތިންނާއި ހިއްސާދާރުން ގަނެފައިވާ ހިއްސާގެ އަދަދަށް ބެލުމަށްފަހު، އާންމު ހިއްސާދާރުން ރަމްޒު ކޮށްދޭނެ މެންބަރަކު ބޯޑު އޮފް ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރަންޖެހޭ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އުރީދޫގައި މަދުވެގެން 50 ހިއްސާ އޮތުމާއި އުރީދޫގެ މަދުގެވެގެން 50 ހިއްސާ އޮތް ކުންފުންޏަކުން ނަން ހުށަހަޅާފައިވާ ފަރާތެއްކަމުގައިވުމާއި، ކުންފުންޏާބެހޭ ގާނޫނާއި އެ ގަނޫނާ ގުޅިގެން ހެދިފައިވާ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން އާންމުކޮށްފައިވާ ކޯޕަރޭޓް ގަވަނަންސް ކޯޑުގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި ގާބިލިއްޔަތުކަން ހުރުމާއެކު، އިންޑިޕެންޑެންޓް ޑިރެކްޓަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވުން ހިމެނެ އެވެ.

ސީއެމްޑީއޭ އިން އާންމުކޮށްފައިވާ ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕާ" ގައިޑްލައިންތަކު ގައިވާ ("ފިޓް އެންޑް ޕްރޮޕާ ގައިޑްލައިންސް") ޝަރުތުތައް ފުރިހަމަވާން ޖެހޭއިރު ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ޔުނިވަސިޓީއަކުން ޑީގްރީ ހާސިލްކޮށްފައި ވުމާއި، ރާއްޖޭގައި ނުވަތަ އެހެން ގައުމެއްގެ ޕްރައިވެޓް ނުވަތަ ޕަބްލިކް ސެކްޓާގައި މަތީ މަގާމެއްގައި މަސައްކަތްކޮށް، މަދުވެގެން 10 އަހަރު ތަޖުރިބާ ލިބިފައިވުމާއި، ރާއްޖޭގައި މިހާރު ހިނގަމުންދާ ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރުކަމުގެ މަގާމު، މަދުވެގެން އެއް ކުންފުނީގައި އަދާކޮށްފައިވާ ފަރާތަކަށްވުމާއެކު، ބޯޑު ޑިރެކްޓަރެއްގެ ގޮތުން ހިދުމަތް ކޮށްފައިވާކަން ދައްކުވައިދޭފަދަ ރިކޯޑެއް/ލިޔުމެއް އޮތުން އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކޮށްފައިވާ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމުގެ މަގާމު، ދެ ކުންފުންޏަށް ވުރެ ގިނަ ކުންފުނީގައި ފުރާ ފަރާތަކަށް ވެގެން ނުވެއެވެ.

އުރީދޫ އިން ބުނީ އެ މަގާމަށް ކުރިމަތި ލާ ފަރާތްތައް އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީ އިން ދިރާސާ ކުރުމަށްފަހު ޝޯޓް ލިސްޓުކޮށް، އެންމެ އެކަށީގެންވާ ފަރާތްތައް ކަނޑަޅާ އެ ފަރާތްތަކުގެ މައުލޫމާތު، އާންމު އަހަރީ ޖަލްސާ އިއުލާނު ކުރާއިރު އާންމުކުރާނެ ކަމަށެވެ.

އެ މަގާމަށް ހޮވޭ ފަރާތް ބޯޑުގައި އިންނާނީ ޑިރެކްޓަރު ކަމަށް ހޮވާ ދުވަހުން ފެށިގެން 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނިޔަލަށެވެ. އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އުރީދޫގެ ހެޑް އޮފީހަށް ހުށަހަޅަން ޖެހެ އެވެ. އެޕްލިކޭޝަން ފޯމް އުރީދޫގެ ވެބްސައިޓް އަދި އުރީދޫގެ ހެޑް އޮފީހުގެ ކައުންޓަރުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 އިން ހަވީރު 4.30 އަށް ލިބެން ހުންނާނެ އެވެ.