ހަބަރު

ގަވަރުނަރުކަމަށް ނަސީރު އައްޔަން ކުރާ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމަށް އަހުމަދު ނަސީރުގެ އައްޔަން ކުރުމުގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ފޮނުވައިފި އެވެ.

އެމްއެމްއޭގެ ގަވަރުނަރަކަށް ހަމަޖައްސަވަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަޖިލީހަށް ފުރަތަމަ ފޮނުއްވީ ނީޒާ އިމާދުގެ ނަމެވެ. ނަމަވެސް ނީޒާގެ ނަން ނަންގަވައި އެ މަގާމަށް، އަހުމަދު ނަސީރު ހަމަޖެއްސުމަށް މަޖިލީހަށް ނަން ފޮނުވާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެމްއެމްއޭގެ ގަވަރުނަރަކަށް ނަސީރު ހަމަޖައްސަވަން ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ހުށަހެޅުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ތަޅުމަށް ވަދެވަޑައިގަތީ ސެކިއުރިޓީގެ އެހީގަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރުމުގެ ސަބަބުން މަސީހު ދެއްކެވި ވާހަކަތަކެއް ސާފެއް ނުވެ އެވެ.

ނަމަވެސް ބައެއް މެންބަރުން ކަށަވަރުކޮށްދީފައިވާ ގޮތުގައި މިއަދު އެޖެންޑާކޮށްފައިވާ ކަންކަން ވަނީ ފްލޯއަށް ހުށަހަޅާފަ އެވެ. ނަމަވެސް މެންބަރުންނަށް އަޑު ނީވޭތީ އިދިކޮޅު ފަރާތްތަކުން އެ ހުށަހެޅުންތައް ގަބޫލެއް ނުކުރެ އެވެ.

ނަސީރަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރަށް އޭނާ އަކީ ސީއެމްޑީއޭގެ ސީއީއޯކަން ކުރެއްވި ބޭފުޅެކެވެ. ނަސީރު މިވަގުތު މަސައްކަތް ކުރައްވަނީ ވޯލްޑްބޭންކްގެ ޕްރޮޖެކްޓެއްގައި ފިނޭންސް މިނިސްޓްރީގަ އެވެ. ނަސީރު މީގެ ކުރިން އެމްއެމްއޭގައި ވެސް މަސައްކަތް ކުރެއްވި އެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމުން އަޒީމާ އާދަމް އިސްތިއުފާދެއްވީ، އޭނާގެ ފިރިކަލުން ޑރ. އަލީ ނަސީރާ އެކު ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރެއްވުމަށެވެ. އަލީ ނަސީރު ދާދިފަހުން ހަމަޖައްސާފައި ވަނީ ރާއްޖެއިން އދ އަށާއި އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބެއްގެ ގޮތުގަ އެވެ.