ހަބަރު

ހިމާޔަތްކޮށްފައިވާ ސަރަހައްދަށް އުޅަނދެއް ވަނުމުން ޖޫރިމަނާ ކޮށްފި

ގއ. ހިތާދޫގެ ހިމާޔަތް ކޮށްފައިވާ ސަރަހައްދަށް ގަވާއިދާ ހިލާފަށް އޭޝިއާ ޕެސިފިކްގެ ސުޕަޔޮޓްސް ކުންފުނީގެ އުޅަނދެއް ވަނުމާއި ގުޅިގެން އެ ކުންފުނި 391000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، މިއަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު "ކޯކޯ ޖޯޖް ޓައުން" އުޅަނދު ހިތާދޫގެ ފަރުގެ ސަރަހައްދަށް ނަގިލިލައި އެ އުޅަނދުގައި ދަތުރުކުރި މީހުން އެރަށަށް އަރައި ހިންގާފައިވާ ތިމާވެއްޓަށް ގެއްލުންވާފަދަ އަމަލުތައް ބަލައި ތަހުގީގު ކުރެވުނު ކަމަށެވެ. ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ހުވަދު އަތޮޅު އުތުރުބުރީ ކައުންސިލް އިދާރާއާއި އެ އަތޮޅު ކޮލަމާފުޅި ކައުންސިލްގެ އިދާރާ އާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ކަމަށް އީޕީއޭ އިން ބުންޏެވެ.

ތަހުގީގަށް ލިބިފައިވާ މައުލޫމާތުން ހިތަދޫ ސަރަހައްދުގައި އޭޝިއާ ޕެސިފިކްގެ ސުޕަޔޮޓްސް ކުންފުނީގެ އެޖެންޓްކަމުގެ ދަށުން ރާއްޖޭގައި ހަރަކާތްތެރިވަމުން އައި ސްޕަޔޮޓެއް ކަމަށްވާ އެމްވައީ ކޯގޯ ޓައުން އުޅަނދު ގަވާއިދާ ހިލާފަށް ހަރަކާތްތެރި ވެފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

އީޕީއޭ އިން ބުނީ ހިތާދޫ އާއި އެރަށު ފަރަކީ ހިމާޔަތް ކޮށްފައިވާ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުގައި އެއްވެސް ހަރަކާތެއް ހިންގޭނީ އީޕީއޭގެ ހާއްސަ ހުއްދައެއް ލިޔުމަކުން ލިބިގެން ކަމަށެވެ. ނަމަވެސް ކޯކޯ ޖޯޖް ޓައުން އުޅަނދު އެ ސަރަހައްދުގަައި ހަރަކާތްތެރި ވެފައިވަނީ އެ އޭޖެންސީގެ ހުއްދައަކާ ނުލައި ކަމަށާއި އެ އުޅަނދަކީ އޭޝިއާ ޕެސިފިކްގެ ސުޕަޔޮޓްސް ކުންފުނީގެ އޭޖެންޓް އުޅަނދެެއް ކަމުން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.

"ކޯކޯ ޖޯޖް ޓައުން އުޅަނދު އެ ސަރަހައްދުގަައި ހަރަކާތްތެރި ވެފައިވަނީ އެ އޭޖެންސީގެ ހުއްދައަކާ ނުލައިކަމުގައި ވާތީވެ، އޭޝިއާ ޕެސިފިކްގެ ސުޕަޔޮޓްސް ކުންފުނި ޖުމްލަ 391000 ރުފިޔާއިން ޖޫރިމަނާ ކުރެވުނު، އަދި ޖޫރިމަނާ ވަނީ މި އޭޖެންސީން ދެއްކުމަށް ކަނޑައެޅި މުއްދަތުގެ ތެެރޭގައި ދައްކައި ހަލާސް ކޮށްފަ،" ނޫސް ބަޔާނުގައި ވެއެވެ.