ހަބަރު

ހަޅުތާލު ކުރަނިކޮށް، 28 ވޯޓާއެކު މުންދުގެ ނަން ފާސްކޮށްފި

Aug 23, 2017
13

އިދިކޮޅު މެންބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަމުން ދަނިކޮށް، މަޖިލީހަށް ހުށަހެޅިފައިވާ ދެ މައްސަލާގެ ވޯޓު ނަގާ ފާސްކޮށްފި އެވެ. މަޖިލީހުގައި މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ ސްރީލަންކާއަށް ކަނޑައަޅުއްވާ ދިވެހި ސަފީރު ކަމަށް މުހައްމަދު ހުސެން ޝަރިފް (މުންދު) އައްޔަން ކުރުމާ ބެހޭ ގޮތުން ގޮތެއް ނިންމުމެވެ.

ލަންކާ ސަފީރު ކަމަށް މުންދު އައްޔަން ކުރަން ފެންނަ ކަމަށް މިއަދު ވޯޓު ދެއްވީ 28 މެންބަރުންނެވެ. އެ މައްސަލާގައި އިދިކޮޅު އެއްވެސް މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައިގެންފައެެއް ނުވެ އެވެ. ވޯޓު ނެގުން ކުރިޔަށް ދިޔަ އިރު ވެސް އިދިކޮޅު މެންބަރުން ތިބީ އިހުތިޖާޖުކޮށް އަޑުގަދަ ކުރާށެވެ.

އެ މައްސަލައިގެ އިތުރުން އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގައި ރާއްޖެ ބައިވެރިވުމާ ބެހޭ މައްސަލައަށް ވެސް ވަނީ ވޯޓު ނަގާފަ އެވެ. އެ މައްސަލައިގެ ވޯޓުގައި ބައިވެރިވީ 27 މެންބަރުންގެ ވޯޓުންނެވެ.

އިއްޔެ އާއި މިއަދު ވެސް ބޭއްވި ޖަލްސާތައް ކުރިޔަށް ގެންގޮސްފައި ވަނީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން ރިޔާސަތު ވަށާލައިގެން ތިބެ އެވެ.

ލަންކާ ސަފީރު ކަމަށް މުންދު އައްޔަން ކުރާއިރު އޭނާ މިވަގުތު ހުންނެވީ ރާއްޖެ ފަރާތުން ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމުގެ މަގާމުގަ އެވެ. ޑީއާރްޕީ އާއި ޕީޕީއެމްގައި ވެސް އިސް ދައުރެއް އަދާ ކުރައްވާފައިވާ މުންދުއަކީ ރައީސް މައުމޫންގެ ވެރިކަމުގައި ސަރުކާރުގެ ތަރުޖަމާނު ކަމާއި އެހެން ވެސް އިސް މަގާމުތަކެއް ފުރުވައި ފަހުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.