ހަބަރު

މަޖިލީހުގެ ޖަލްސާ: އަވަގުރާނަ އާއި މާރަމާރީގެ ހުތުރު މަންޒަރު!

Aug 23, 2017
21

ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މިިދޔަ ހޯމަ ދުވަހު އަލުން ފެށިފަހުން އިދިކޮޅު ފަރާތްތަކުގެ އިހުތިޖާޖާ ހެދި މަޖިލީހުގެ ޖަލްސާތައް އާންމު އުސޫލުން ކުރިޔަށް ގެންދެވޭ ގޮތެއް ނުވެ އެވެ. އެންމެ ފަހުން ބޭއްވި ތިން ޖަލްސާ ވެސް ފާޑަކަށް ކުރިޔަށް ގެންދިޔައީ ގިނަ އަދަދެއްގެ ސިފައިން ބޭނުންކޮށްގެނެވެ. ނަމަވެސް މިއަދު އިދިކޮޅު މެންބަރުން މަޖިލީހުގެ ތެރޭގައި ކުރި އިހުތިޖާޖާ ދެކޮޅަށް ސަރުކާރު މެންބަރުން ވެސް ރުޅިގަނޑު ފަޅައިގެން ގޮސްގެން ނިކުތުމުން ފެނުނު މަންޒަރަކީ ދެ ބައިމީހުންގެ ދެމެދުގައި ހޫނު ޒުވާބުތައް ހިނގާ، އެއް މެންބަރަކު އަނެއް މެންބަރަކަށް އަވަގުރާނަ ގޮވައި މާރަމާރީ ހިންގި މަންޒަރެވެ.

އެކަން ފެށިގެން އައީ ޖަލްސާ ފެށުމުގެ ކުރިން އިދިކޮޅު މެންބަރުން ރައްޔިތުން މަޖިލީހުގެ ރައީސްއާ ބައްދަލު ކުރަން އެމަނިކުފާނުގެ ކޮޓަރިކޮޅުގެ ކުރިމަތީގައި ހަޅުތާލު ކުރަން ފެށުމުންނެވެ. މަސީހުގެ ހިމާޔަތުގައި މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ އިތުރުން ޕީޕީއެމްގެ މަޖިލީސް މެންބަރުން ވެސް ވަނީ އިދިކޮޅު މެންބަރުންނާ ކުރިމަތިލާފަ އެވެ. އިހުތިޖާޖަށް ސަރުކާރު މެންބަރުން ހުރަސް އަޅަން ފެށުމުން އިދިކޮޅު މެންބަރުންނާއި ސަރުކާރު މެންބަރުންގެ ދެމެދުގައި ހޫނު ޒުވާބެއް ފެށި، އެ ޒުވާބު ބޮއްސުންލައިން އަވަގުރާނަ ގޮވަން ފެށި އެވެ.

އެ ހުރިހާ ކަމެއް ހިނގި އިރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ދިޔައީ އެ މަންޒަރު ފޭސްބުކްގައި ލައިވް ކުރަމުންނެވެ. އަދި ބައެއް ޗެނަލްތަކުން މަޖިލީހުގެ ތެރޭގައި ހިނގާދިޔަ ހުތުރު މަންޒަރު ދިޔައީ މުޅި ރާއްޖެއަށް ވަގުތުން ދައްކަމުން ނެވެ.

އެ ޒުވާބުގެ ތެރޭގައި އިދިކޮޅު މެންބަރުން މަސީހުއަށް ތަފާތު ވަނަމުން އަޑުހަރުކޮށް ގޮވައި، އެއް މެންބަރަކު އަނެއް މެންބަރެއްގެ ބޮލުގައި "ވައްކަމާއި ފަސާދައިގެ" ތުހުމަތު އަޅުވަމުން ދިޔަ އެވެ. ސަރުކާރު ފަޅީގެ މެންބަރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ތުހުމަތުކޮށް "ގނޖ ބ" އޭ ގޮވިއިރު އަނެއްބައި މެންބަރުން ރައީސް މައުމޫންއަށް "ގޅބ" އޭ ވެސް ގޮވަމުން ދިޔަ އެވެ. އަދި ޒުވާބު އިތުރަށް ހޫނުވެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް އާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ އިދިކޮޅު މެންބަރުންނާ ދިމާލަށް އަވަގުރާނަށް ގޮވާ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އިދިކޮޅު މެންބަރުންގެ ފަރާތުން ވެސް އެކަންކަމަށް ހުތުރު ބަހުން ރައްދުތައް ދޭ މަންޒަރު ވެސް ފެނެ އެވެ. އެގޮތުން މެންބަރު ފައްޔާޒު އާއި ނިޒާރު ވެސް ސަރުކާރު މެންބަރުންނާ ދިމާލަށް އަވަގުރާނަ އާއި ހުތުރު ބަސްތަކުން ގޮވި އެވެ.

ކޮޓަރިކޮޅުން މަސީހު ނިކުމެވަޑައިގެންނެވި އިރު 20 އަށް ވުރެ ގިނަ ސެކިއުރިޓީ މީހުން މަސީހު ވަށާލާފައި ތިއްބެވެ. އަދި އިދިކޮޅު މެންބަރުންގެ އަޑު ގަދަވެ މަސީހާ ދިމާލަށް ދާން ހެދުމުން ސަރުކާރު މެންބަރުންނާއި އިދިކޮޅު މެންބަރުން އެއް މެންބަރަކު އަނެއް މެންބަރެއްގެ ގަޔަށް އަތްލާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ. އަދި އެކަމުގެ ތެރޭގައި ބައެއް މެންބަރުންނަށް އަނިޔާވި ކަމަށް ވެސްވެ އެވެ.

އެ ހޫނުގަނޑުގައި ސަރުކާރު ފަޅީގެ މެންބަރުން ވަނީ އެމްޑީޕީ ޕީޖީ ގްރޫޕް ލީޑަރު، އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮޓަރިކޮޅަށް ގަދަކަމުން ވަދެގެންފަ އެވެ. އެގޮތުން އެ ކޮޓަރީގެ ދޮރުހުޅުވީ މެންބަރު އަލީ އާރިފް ފައިން ޖަހައިގެން އެވެ. ފައިން ޖަހައި ދޮރު ގަދަކަމުން ހުޅުވުމަށް ފަހު އެ ކޮޓަރީގެ ތެރެއަށް ވަދެ އިބޫ އިށީންދެގެން އިން މޭޒުގައި އަލީ އާރިފް އަތުން ޖަހައި "މިކަން ހުއްޓާލާ"ށޭ ބުނި މަންޒަރު ރޮޒެއިނާ ލައިވް އިން ފެނެ އެވެ.

އޭރުވެސް މޭޒުކޮޅުގެ ކައިރީގައި އިބޫ ހުންނެވީ ވަރަށް މަޑުމަތިރިކަމާ އެކުގަ އެވެ. ނަމަވެސް އިދިކޮޅު އެހެން މެންބަރުން ޕީޕީއެމް މެންބަރުން ނެރުމަށް މަސައްކަތްކޮށް އެ ޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާންއާ ޒުވާބުތައް ފެށި އެވެ. ނަމަވެސް ނިހާން މަސައްކަތް ކުރެއްވީ މަޖިލީސް ކުރިޔަށް ނުގެންދެވޭތީ އެކަމާ އިބޫއާ ވާހަކަދައްކާށެވެ. ނަމަވެސް ހައްލެއް ގެންނަން ދޮރު "ފަޅާލާފައި" ވަނުމުން ނިހާންއަށް އިބޫއާ ވާހަކަ ދައްކަން ފުރުސަތެއް ނުލިބުނެވެ. އިދިކޮޅު މެންބަރުންގެ ބަހުގެ ހޫނު ހަމަލާތަކާ ހުރެ ނިހާން ވެސް އެންމެ ފަހުން އިބޫގެ ކޮޓަރިން ނިކުންނަން މަޖުބޫރުވި އެވެ. އިބޫއަށް ހަމައެކަނި ވިދާޅުވެވުނީ މިކަންކަން ގަދަކަމުން ނުކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ވަގުތު ރޮޒޭނާ ލައިވް ކުރި ވީޑިއޯއިން ފެންނަނީ އަބްދުއްރަހީމް އާއި މައްޗަންގޯޅި ދާއިރާގެ މެންބަރު މާރިޔާ ދީދީއާ ދެމެދު ހިނގި ހޫނު ޒުވާބެކެވެ. މާރިޔާއަކީ ރައީސް މައުމޫން ދައުރުގައި އިސް މަގާމެއް އަދާ ކުރެއްވި ފަރާތަކަށްވާތީ "ލާރިތައް ބަނޑު އަޅައިގެން އޮތީ" އޭ ބުނެ އަބްދުއް ރަހީމް ދިޔައީ މާރިޔާއަށް ހޫނު ރައްދުތައް ދެމުންނެވެ. އަދި މާރިޔާއަށް "ހައިވާނަށް" ވެސް އަބްދުއް ރަހީމް ގޮވި އެވެ. ނަމަވެސް ބައެއް ސަރުކާރު މެންބަރުން އައިސް އެ ޒުވާބުގެ މެދަށް ވަދެ ހުއްޓުވާ އަބްދުއްރަހީމް ދުރަށް ގެންދިޔަ އެވެ.

ޒުވާބާ މާރަމާރީތަކު ތެރޭގައި މެންބަރުން ހުސެން މުހައްމަދު ލަތީފްގެ މޫނު މަތީގައި މެންބަރު އަލީ އާޒިމް ޖެހި ކަމުގެ ތުހުމަތު އޭނާ ކުރި އެވެ. މަޖިލީހުގެ ތަޅުމުން ބޭރުގައި ގިނަ މެންބަރުންތަކެއް މާރަމާރީ ހިންގި ތަން ވީޑިއޯތަކުން ފެނެ އެވެ. އަދި މަޖިލީޖުގެ ޗެމްބަރުގެ ތެރޭގައި ވެސް އަބްދުއްރަހީމް އާއި ފަލާހް އަދި މަހުލޫފްއާ ދެމެދު ހޫނު ޒުވާބު ހިނގި އެވެ. އަވަގުރާނައިގެ ބަސްތައް އަމުނަމުން އަބްދުއްރަހީމް ވަނީ މަހުލޫފް ފަހަތުން ޗެމްބަރުގައި ދުވެފަ އެވެ. އަދި ފަލާހު ވަނީ މަހުލޫފް ވެސް އެމްއެމްޕީއާރުސީގެ ފައިސާ ބޭނުން ކުރި ކަމަށް ބުނެ، ކޮރަޕްޝަންގެ ތުހުމަތު އަޅުއްވައިފަ އެވެ.

މާދަމާ ވެސް މަޖިލީހުގެ ޖަލްސާއެއް އެބަ އޮތެވެ. މާދަމާގެ ޖަލްސާގައި ވެސް ކަންވާނީ ހަމަ މިކަހަލަ ގޮތަކަށެވެ. އިދިކޮޅު މެންބަރުން ބުނަނީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ވޯޓެއް ނުނަގާހާ ހިނދަކު ޖަލްސާއެއް ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށެވެ. ނަމަވެސް ގިނަ ސިފައިންގެ އެހީގައި މަޖިލީހުގެ ޖަލްސާތައް އަންނަނީ ނިޒާމުން ބޭރުން ގަދަކަމުން ބާއްވަމުން އެވެ. މަޖިލީހަށް ކަންކަން ހުށަހަޅައި ބަހުސް ވެސް ކުރުމެއް ނެތި ކަންކަން ފާސްކޮށްލީ ފުލުފުލުން އެވެ.