ހަބަރު

ދެމައިންގެ ހައްގުގައި ފެށި ދަތުރުގެ މަންޒިލަށް!

"ކޮޕިއާ ރިޕެއާއިން 11،000 ރުފިޔާގެ ފޮޓޯ ކޮޕީ ހެއްދިއްޖެ،"! އެ ސިޓީތަކާއި ރިޕޯޓްތައް ކިހިލި ޖަހައިގެން ހިނގާތާ ތިން އަހަރުވީ އެވެ. ސަރުކާރުގެ ކޮންމެ އޮފީހަކަށް ކޮންމެ މުއައްސަސާއަކަށް ވަކިވަކިން ހިނގި އެވެ. ފެންނަ ކޮންމެ މީހަކަށް އެ ލިޔުންތައް ދައްކައި އެ ވާހަކަތައް ހިއްސާ ކުރެ އެވެ. ސަރުކާރުގެ އިސްވެރިންނާއި ވިޔަފާރިވެރިން ގާތަށް ދިޔަ އެވެ. އެކަމަކު އޮތީ ކޮޅެއް މެދެއް ނުފެނި އެވެ.

މިއީ މި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ހިޝާން އަހުމަދު ކުރި ދިގު އަދި އުނދަގޫ ދަތުރުގެ ވާހަކަ އެވެ. އޭނާ މި ދަތުރު ފެށީ ގާތް ތިމާގެ ބަޔަކަށްޓަކައެއް ނޫނެވެ. ބޭއިންސާފުން ކަންކަން އެއްވެސް މީހަކާމެދު ވެގެން ނުވާނެ ކަމަށް ގަބޫލުކުރާތީ އެވެ. ނިކަމެތި ދެމައިންނާ ހިޝާންއާ ބައްދަލުވީ އެ ދެމައިންގެ ރަށަށް އޭނާ ކުރި ދަތުރެއްގަ އެވެ. އެކަނިވެރި އެ ދެމައިން ދިރިއުޅެމުން ދިޔައީ ޖިފުޑި ގަނޑެއްގަ އެވެ. ރަށުގެ މުޖުތަމައުގެ ތެރެއިން ވެސް ތިބީ ބާކީވެފަ އެވެ.

އެމީހުންގެ އެ ނިކަމެތިކަމުގެ މައްޗަށް އިތުރު ބުރައެއް ދައުލަތުން ދީފައި އޮތެވެ. ދެމައިންގެ މައްޗަށް ވެސް ޖިނާއީ ދައުވާއެއް އުފުލާފައި އޮތެވެ. -- އެ ދެމައިންގެ މައުލޫމާތާއި އުފުލާފައިވާ ދައުވާގެ ތަފްސީލް މައްސަލާގެ ގޮތުން ނުހިމެނީ އެވެ.

ދެމައިންގެ ތެރެއިން ދަރިފުޅަކީ ފުލުހުން ހައްޔަރުކޮށް ގޮޅީގައި ވެސް ބެހެއްޓި ކުއްޖެކެވެ. އޭނާ ގޮޅީގައި ހުރިއިރު އަމިއްލަ ނަފުސަށް ގެއްލުންދޭ މަސައްކަތްކުރި އެވެ. އެ ހާދިސާއަށްފަހު އޭނާގެ ނަފުސާނީ ކަންކަމާމެދު ވަރަށް ބޮޑު ޝައްކު އުފުދުނެވެ. ނަމަވެސް އޭރު ފުލުހުން އޭނާގެ ރިޕޯޓެއް ނުހެދި އެވެ. ފަހުން ހިޝާންގެ މަސައްކަތުން ޒުވާނާގެ ގިނަ ރިޕޯޓްތަކެއް ހެދި އެވެ. ޑރ. ނާޒް ވެސް ރިޕޯޓެއް ތައްޔާރުކޮށްފައިވެ އެވެ. ޑރ. ނާޒް ހިލޭ ތައްޔާރުކޮށްދީފައިވާ ރިޕޯޓްގައިވާ ގޮތުން ޒުވާނާގެ ވަރަށް ގިނަ ނަފްސާނީ މައްސަލަތައް އެބަހުއްޓެވެ. ނަފްސާނީ ގިނަ މައްސަލަތަކަށް އޭނާ ބޭސް ކާން ޖެހެ އެވެ.

ހަމައެހެން، އޭނާގެ މަންމަގެ ވެސް ނަފްސާނީ ގިނަ މައްސަލަތަކެއް ފާހަގަވި އެވެ. ނަމަވެސް މަންމަގެ އެކަށީގެންވާ އެސެސްމެންޓެއް ވެސް ނުހެދެ އެވެ. އެސެސްމެންޓް ހެދޭ ވަރަށް ބަސްމޮށުންތެރިކަން ވެސް ނެތުމުންނެވެ. ނަމަވެސް ފުލުހުން ވަނީ ތަހުގީގަށް އޭނާގެ ބަޔާނެއް ނަގައި، ދައުވާކުރުމަށް އެދިފަ އެވެ. އެދުނު ގޮތަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ދައުވާ ވެސް ކުރި އެވެ. ދެމައިންގެ މައްސަލަ ވެސް ކުރިއަށް ދިޔައީ ރަށު މެޖިސްޓްރޭޓް ކޯޓުގަ އެވެ.

ކޯޓަށް މައްސަލަ ވެއްދުމާއެކު އެކަމުގެ ތެރެއަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ވެސް ވަނެ އެވެ. އެޗްއާރްސީއެމްއިން ދެމައިންނާ ގުޅޭ ރިޕޯޓް ވެސް ތައްޔާރުކޮށްފައިވެ އެވެ. އަދި އެ ދެމައިންގެ ގިނަ ނަފްސާނީ މައްސަލަތަކެއް ހުރިކަން އެ ރިޕޯޓްތަކުން ވެސް އެނގެ އެވެ. އޭގެ އިތުރުން ޒުވާނާއާ ގުޅޭ ގޮތުން ހަދާފައިވާ ރިޕޯޓެއްގައި އޭނާއަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އެ މައްސަލަ މިހާރު ވަނީ ޖެންޑާ މިނިސްޓްރީގެ ފަރާތުން ވެސް އެންއައިސީއަށް ހުށަހަޅާފަ އެވެ. ނަމަވެސް އަދި ތަހުގީގެއް ނުނިމެ އެވެ. ފިޔަވަޅެއް ނޭޅެ އެވެ.

އެޗްއާރްސީއެމް އާއި ޑޮކްޓަރުންގެ ރިޕޯޓްތަކުން އެ ދެމީހުންނަކީ ވެސް ނަފްސާނީ މައްސަލަތަކެއް ހުންނަ ދެމީހުންކަން ސާބިތުވާތީ ދައުވާ އަނބުރާ ގެންދިޔުމަށް ހިޝާންގެ ފަރާތުން ޕީޖީއަށް ސިޓީތައް ހުށަހެޅި އެވެ. ނަމަވެސް އެއަށް ޖަވާބެއް ނުލިބެ އެވެ. ހިޝާންއަކީ އެމީހުންގެ ބެލެނިވެރިޔާ ކަމުގައި ނުވުމުންނެވެ. އެހެންވެ، އޭނާ ވަނީ ފެމެލީ ކޯޓަށް މައްސަލަ ހުށަހަޅައިގެން ޒުވާނާގެ ބެލެނިވެރިއަކަށްވުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް ކޯޓުން އެ މައްސަލަ ނިންމީ އޭނާއާ ދެކޮޅަށެވެ. ޒުވާނާގެ ބެލެނިވެރިކަން އޭނާއަށް ނުދިނެވެ.

ޕީޖީއިން އެންމެ ފަހުން ދީފައި އޮތް ޖަވާބަކީ ޑޮކްޓަރުންގެ ރިޕޯޓްތަކުން މާ ސީރިއަސް މައްސަލަތަކެއް އެ ފަރާތަށް ނުފެންނަ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ގޮތެއް ނިންމާނީ ކޯޓުން ކަމަށެވެ. ޑޮކްޓަރުންގެ ރިޕޯޓްތައް އެހެން ހުއްޓާ ޕީޖީއިން އެގޮތަށް ނިންމުމުން އެކަން ހެލްތް މިނިސްޓްރީއަށް ހިޝާން ހުށަހެޅި އެވެ. ނަމަވެސް މިނިސްޓްރީއިން އޭނާއަށް އެއްބާރުލުމެއް ނުލިބުން ކަމަށް އޭނާ ބުނެ އެވެ.

ނިމިދިޔަ ސަރުކާރުގެ ތެރެއިން ދެމައިންއަށް އިންސާފު ހޯދައިދޭން މުއައްސަސާތަކާ ދެކޮޅަށް ހިޝާން ކުރި މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބި މާޔޫސްކޮށްލި އެވެ. ހިނގާ ހިނގާ އޭނާ ވަރުބަލިކޮށްލިޔަސް އަޒުމަށް އެއްވެސް ބަދަލެއް ނާދެ އެވެ. ކުޑަ ވެސް އުއްމީދެއް ލިބުނީ ސަރުކާރު ބަދަލުވުމާއެކު އެވެ.

އާ ސަރުކާރު އައުމާއެކު، އޭނާ ވަނީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާ ބައްދަލުކޮށްފަ އެވެ. އަދި ރައީސް އޮފީހަށް ގޮސް އެ ތަނުގެ ވެރިންނާ ވެސް ބައްދަލުކުރި އެވެ. އެކަމުގެ ހަބަރު ނައިބު ރައީސް ފައިސަލް ނަސީމްއާ ހަމައަށް ވެސް ދިޔަ އެވެ. ހިޝާން ބުނި ގޮތުގައި އެ ދުވަހުން ފެށިގެން ކޮންމެ ހަފުތާއަކު ވެސް ނައިބު ރައީސް ގުޅުއްވައި އެ ދެމައިންގެ ހާލު ބައްލަވަ އެވެ. ޖެންޑާ މިނިސްޓަރު ވެސް އެކަން ގާތުން ބެއްލެވި އެވެ. އޭގެއިތުރުން ދެމައިންގެ ގިނަ ހަރަދުތަކަކާ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހަވާލުވެވަޑައިގެންނެވި ކަމަށެވެ.

ގާނޫނީ ވަކީލް ހުސެއިން ޝަމީމާއި ހިސާން ހުސެއިންގެ ފަރާތުން ވެސް ފެށުނީންސުރެ ވަރަށް ގިނަ ލަފާތައް ހިޝާންއަށް އައީ ލިބެމުންނެވެ. ދާންވީ މަގުތައް ދައްކައިދެމުން ދިޔައީ އެ ދެ ވަކީލުންނެވެ. އެގޮތުން ހިޝާން، ދެން އެކަމުގެ ސަމާލު ކަމަށް ގެނައީ ސުޕްރީމް ކޯޓެވެ.

ސުޕްރީމް ކޯޓުގެ ސަމާލުކަމަށް މައްސަލަ ގެނެސްފައިވަނިކޮށް އިއްޔެ ވަނީ މެޖިސްޓްރޭޓްގެ ކޯޓުގައި ދެމައިންގެ މައްސަލާގެ ވެސް އަޑުއެހުމެއް ބާއްވާފަ އެވެ. އެ އަޑުއެހުމުގައި އެ ދެ ދައުވާއަކީ ވެސް މަދަނީ ގޮތުން ކުރިއަށް ނުގެންދެވޭނެ ދެ ދައުވާ ކަމަށް ކޯޓުން ކަނޑައެޅި އެވެ. އެ ދެ މީހުންނަކީ އެފަދަ ދައުވާއެއް ކުރެވޭނެ ފަދަ ހާލަތުގައި ތިބި ބައެއް ނޫން ކަމަށް ކަނޑައެޅި އެވެ. މި މައްސަލާގައި ދެމައިންގެ ވަކީލަކީ މިހުފާޒެވެ. އޭނާ ވެސް އެ މަސައްކަތްކުރީ ހިލޭ ސާބަހަށެވެ. ބުރަ ދިގު މަސައްކަތަކަށް ފުރަތަމަ ކާމިޔާބީ ލިބުނީ އެވެ.

މި މައްސަލަ ހިޝާން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީގެ ސަމާލު ކަމަށް ވެސް ގެނެސްފަ އެވެ. އެ ދުވަހުން ފެށިގެން އެ ކޮމެޓީގެ މުގައްރިރު ޖިހާން މަހުމޫދު ދަނީ އެކަން ވަރަށް ގާތުން ބައްލަވަމުން ކަމަށް ހިޝާން ބުންޏެވެ. އަދި ކޮމެޓީއިން ވެސް އެ މައްސަލަ ދިރާސާ ކުރުމަށް ވަނީ ތާވަލުކޮށްފަ އެވެ. އަދި އެކަމުގައި އިހުމާލުވި މީހުން ޖަވާބުދާރީކުރުވަން އެ ކޮމެޓީއިން މަސައްކަތް ކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

އިއްޔެ ހިޝާންގެ ދިގު ދަތުރަށް ލިބުނު ފުރަތަމަ ކާމިޔާބީއާއެކު އޭނާ ދޭން ބޭނުންވި މެސެޖް އެންމެންނަށް ވެސް ދެވިއްޖެ ކަމަށް ބުންޏެވެ. "ނިކަމެއްޗެއް ކަމަކު ބޭއިންސާފުވާނަަމަ، މުޅި ދައުލަތާ ދެކޮޅަށް ވިޔަސް ތެދުވާނަން، ކިތަންމެ ބޮޑު މުއައްސަސާއެއް ވިޔަސް ކިތަންމެ އިންޒާރެއް ލިބުނަސް ބޭއިންސާފަށް ދީއްލައެއް ނުލާނަން،"