ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ މާދަމާ ބޭއްވުމަށްފަހު މެންބަރުން އެއްމަސް ދުވަހުގެ ޗުއްޓީއަކަށް ދިއުމަށް ނިންމައިފި އެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ މާދަމާ ބާއްވާއިރު ދެވަނަ ދައުރުގައި 39 ޖަލްސާ ބާއްވަން ޖެހެ އެވެ. ނަމަވެސް ބާއްވާފައިވަނީ 10 ޖަލްސާ އެވެ. މާދަމާ ބާއްވަން ހަމަޖެހިފައިވާ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި އެޖެންޑާ ކޮށްފައިވަނީ ގަވަރުނަރަކަށް ހަމަޖެއްސެވުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވާފައިވާ އަހުމަދު ނަސީރަށް ރުހުން ދިނުމުގެ މައްސަލަ އެވެ.
މި ދައުރުގައި ނިންމި ބައެއް ކަންތައްތަކުގެ ތެރޭގައި އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމާއި މިނިސްޓަރުން ހާޒިރުކޮށް ސުވާލު ކުރުމާއި ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެނައުމާއި މިނިވަން މުއައްސަސާތަކަށާއި ބޭރުގެ ސަފީރުންނަށް އައްޔަން ކޮށް ރުހުން ދިނުން ހިމެނެ އެވެ.
ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ މެޖޯރިޓީ ގެއްލުމުން މަޖިލިސް ވަނީ ގިނަ ދުވަސް ތަކަކަށް މެދު ކަނޑާލާފަ އެވެ. މެދު ކަނޑާލުމަށް ފަހު މިހަފްތާގައި އަލުން ބޭއްވި ދެ ޖަލްސާގައި ވެސް މަޖިލީހުގެ ރައީސް މަޖިލީހަށް ވަޑައިގެންފައިވަނީ އެމްއެންޑީއެފް ސެކިއުރިޓީގެ އެހީގަ އެވެ. އަދި ޖަލްސާތައް ކުރިއަށް ގެންގޮސްފައިވަނީ މަޖިލިސް ރައީސްގެ ޗެމްބާ ވަށައި ސެކިއުރިޓީން ބައިތިއްބައިގެން ނެވެ. މަސީހު ވަނީ އެ ދެދުވަހު އެޖެންޑާ ކުރި ކަންކަން އިދިކޮޅު ފަރާތްތަކުން އިހުތިޖާޖް ކުރަމުން ދަނިކޮށް ނިންމާލާފަ އެވެ.
މިދައުރުގައި، 45 މެންބަރުންގެ ސޮޔާއެކު ރައްޔިތުން މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރުނެއް މައްސަލަ ވައްދާފައި ވަނިކޮށް އެ މައްސަލާގައި ސޮއި ކުރި ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމުމުން މަސީހުގެ އިތުބާރުނެއް މައްސަލަ މަޖިލީހުން ވަނީ ބޭރު ކޮށްލާފަ އެވެ. އެކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ޖަލްސާތައް ބޭއްވުމަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މަސީހުގެ އިތުބާރު ނެއް ކަމަށާއި އެ މަގާމުގައި މަސީހުއަށް ނުހުރެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ޖަަލްސާތަކުގައި މިހާރު ނިންމާ ކަންކަމަކީ ސައްހަ ކަންކަމެއް ނޫން ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން މިއަދު ނެގި އެއްވެސް ވޯޓެއްގައި ބައިވެރިވެފަ އެއް ނުވެ އެވެ.