ހަބަރު

ހުކުމަށް ބަލާނަމަ ފާރިސް ހުރީ ގާނޫނީ ބަންދެއްގަ ނޫން: ވަކީލް

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މިހާރު ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި ކަމަށް ބުނެ، އޭނާ ދޫކޮށްލުމަށް ލަސްނުކޮށް އަމުރު ނެރެދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގައި އެދިއްޖެ އެވެ.

ފާރިސްގެ ވަކީލް މައުމޫން ހަމީދު ޕީޖީ އައިޝަތު ބިޝާމްއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ފާރިސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ޕީޖީގެ ފަރާތުން ފާރިސްއަށް ކުރަނީ ބޮޑު ޖިނާއީ ކުށެއްގެ ތުހުމަތު ކަމަށް ބުނެފައިވާތީ ކަމަށެވެ. އަދި އޭނާ ބަންދުކުރި އަމުރުގައި ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށެވެ.

ނަމަވެސް ފާރިސްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ތުހުމަތަކީ ބޮޑު ޖިނާއީ ކުށެއްގެ ތުހުމަތަށްވާ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. އޭގެ ސަބަބުތައް ވެސް މައުމޫން ހަމީދު ދެއްކެވި އެވެ.

އެގޮތުން މައުމޫން ހަމީދު ވިދާޅުވެފައިވަނީ ރިޝްވަތު ދިނުމަކީ ޖިނާއީ ބޮޑު ކުށެއް ނޫންކަން ހައިކޯޓުން މި މަހުގެ 23 ވަނަ ދުވަހު ކުރި ހުކުމެއްގައި ކަނޑައަޅާފައިވާ ކަމަށެވެ. އެ މައްސަލައަކީ ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓް އަހުމަދު ޝާފިއު ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށް ކަނޑައަޅައި ހައިކޯޓުން ކުރި ހުކުމެވެ.

ޝާފިއުގެ މައްސަލަ ބިނާވެފައިވަނީ ވެސް އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ވެސް ކުރެވޭ މައްސަލަކަން އެނގޭ ކަމަށާއި ޝާފިއު މައްސަލާގައި ހުށަހަޅާފައިވާ ހެއްކާއި ގަރީނާއަކީ މީހަކު ބަންދުގައި ބަހައްޓަންޖެހޭފަދަ ހެއްކާއި ގާރީނާ ނޫން ކަމަށް ކުރިމިނަލް ކޯޓުން ވެސް ނިންމާފައިވާ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. ހަމަ އެ ހެއްކާއި ގަރީނާއަކީ ފާރިސް ބަންދުގައި ބަހައްޓަން އެކަށީގެންވާ ހެއްކާއި ގާރީނާ ކަމަށް ކުރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި، "މީހެއްގެ މައްޗަށް ތުހުމަތުކުރެވެނީ ޖިނާއީ ކުޑަ ކުށެއްގައި ކަމަށްވާނަމަ އޭނާ 15 ދުވަހަށްވުރެ ދިގު މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްގެން ނުވާނެ" ކަމަށް ބުނެފައިވެ އެވެ. މައުމޫން ހަމީދު ވިދާޅުވީ، ރިޝްވަތު ދިނުމަކީ ކުށެއް ކަމަށާއި 15 ދުވަހަށްވުރެ އިތުރަށް ބަންދުގައި ނުބެހެއްޓޭނެ ކަމަށް ހައިކޯޓުން ބުނާއިރު އެ ކުށުގެ ތުހުމަތުގައި ފާރިސް ބަންދުގައި ހުންނަތާ 37 ދުވަސްވެފައިވާ ކަމަށެވެ.

ފާރިސް ހުރީ ގާނޫނީ ބަންދެއްގައި ކަމަށް ބެލެވެން ނެތުމުން އޭނާ ވަގުތުން މިނިވަންކުރުމަށް ޕީޖީއިން ލަސްނުކޮށް އަމަރު ނެރެދެއްވުމަށް ޕީޖީގެ އަރިހުގައި މައުމޫން ހަމީދުގެ ސިޓީ ނިންމަވާލައްވަމުން އެދިވަޑައިގެންފައިވެ އެވެ.