ހަބަރު

އަނެއްކާވެސް އާ ނެރު މައްޗަށް ދޯންޏެއް އުރިއްޖެ

މާލޭގައި ދާދި ފަހުން ހިއްކާފައިވާ ސިނާއީ އަވަށާއި ޖެހިގެން އިރަށް އޮންނަ އާ ނެރުން ވަންނަން އުޅުނު ދޯންޏެއް އެ ނެރުމައްޗަށް އުރިއްޖެ އެވެ.

"މޯފާ 301" މުދާ އުފުލާ އެ ދޯނި ފުން ކުރަން އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ގެންދަނީ މަސައްކަތް ކުރަމުންނެވެ އެ މަސައްކަތުގައި ކޯސްޓްގާޑުގެ ޑައިވަރުން ވެސް ބައިވެރިވެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބުރާހިމް އާޒިމް ވިދާޅުވީ އެ ދޯނި އުރުނުކަމުގެ ރިޕޯޓް ލިބުނީ މިރޭ 10.40 ގައި ކަމަށެވެ. އޭނާ ވިދާޅުވީ އެ ދޯނިން ދަތުރުކުރީ ދެމީހުން ކަމަށާއި އެއީ ދިވެއްސަކާއި ބަންގްލަދޭޝް މީހެއް ކަމަށެވެ. އެ ހާދިސާގައި އެ ދެމީހުންނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.

ސިނާއީ ސަރަހައްދާ ދިމާލުން އަލަށް ހަދާފައިވާ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ގިނަ ހާދިސާތަކެއް ވަނީ ހިނގަ އެވެ. މިދިއަ ބުރާސްފަތި ދުވަހު ވެސް އެ ނެރު މައްޗަށް ޑިންގީއެއް ބަންޑުން ޖަހާލިތާ ގިނައިރު ނުވެ ލޯންޗެއް އެރި އެވެ.