ކުޅިވަރު

ރަން މެޑަލް ހޯދައިދިން ޝާހީންއަށް ހޫނު މަރުހަބާއެއް

Aug 28, 2017
3

ދެކުނު ކޮރެއާގައި ކުރިއަށް ގެންދިޔަ އޭޝިއަން ބޮޑިބިލްޑް އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި، އޭޝިއާގެ ވަރުގަދަ ގައުމުތަކާ ވާދަ ކޮށް، 55 ކިލޯގެ ބޮޑިބިލްޑް ކެޓަގަރީން އެއް ވަނަ ހޯދި ޝާހީން އިބްރާހިމް ދީދީ މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ. މިއީ އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތަކުން ރާއްޖެއަށް ރަން މެޑަލް އެއް ލިބުނު ފުރަތަމަ ފަހަރެވެ.

ޝާހީންއަށް މަރުހަބާ ކިއުމަށް އޭނާ ނިސްބަތްވާ ގއ. ކޮނޑޭއަށް ނިސްބަތްވާ މީހުން ޖެޓީ ސަރަހައްދަށް ޖަމާވެފައިވެ އެވެ.

އެ ކެޓަގަރީން ޝާހީން އެއް ވަނަ ހޯދީ އަށް ގައުމަކުން ނުވަ ބައިވެރިންނާ ވާދަކޮށެވެ. އެ ކެޓަގަރީން ޝާހީން އާ ވާދަކޮށް ދެ ވަނަ ހޯދީ މޮންގޯލިއާގެ ޗުލުންބަޒަރު އެވެ. ތިން ވަނަ ހޯދީ ނޭޕާލްގެ ކަމާލް ބަހަންދަރީ އެވެ. ހަތަރު ވަނަ އަކީ ތައިލެންޑްގެ ޕްރަސާތު ޖިއާން ޗަޓަޗަވަލަވޮންގް އެވެ. ފަސް ވަނަ ހޯދީ އިންޑިއާގެ މުރުގަސަން ރަމަމްރުތީ އެވެ.

ފަންސާސް ފަސް ކިލޯގެ ބޮޑިބިލްޑް ކެޓަގަރީން އެއް ވަނަ ހޯދައިގެން މާލެ އައިސް މީޑިއާ އާ ވާހަކަ ދައްކަމުން ޝާހީން ބުނީ މިއީ ރާއްޖެއަށް ހޯދައިދެވުނު ރީތި ނަމެއް ކަމަށާއި ބޮޑީ ބިލްޑިން އަކީ ރާއްޖެއަށް ރީތި ނަމެއް ހޯދައިދެވޭނެ ކުޅިވަރެއް ކަމަށެވެ. އަދި މި ލިބުނު ކާމިޔާބަށް މުޅި ދިވެހި ރާއްޖެ ފަހުރުވެރިވާން ޖެހޭ ކަމަށެވެ.

އެ ކުޅިވަރުން ކުރިއަށް އޮތްތަނުގައިވެސް ގިނަ މެޑަލްތަކެއް ހޯދޭނެ ކަމަށް ޝާހީން ބުންޏެވެ.

އޭޝިއަން ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ ފަސް ބޮޑީ ބިލްޑަރުން ވާދަ ކޮށްފައިވެ އެވެ. މިސްޓަ މޯލްޑިވްސްގައި، ޝާހީން ވަނީ ލައިޓް ވެއިޓް ބައިގެ އެއް ވަނަ ހޯދާފަ އެވެ. މިފަހަރުގެ މިސްޓަ މޯލްޑިވްސްގެ އެއް ވަނަ މުހައްމަދު ޔާމީން (ޔާމްބެ) އެވެ. ޝާހީން ވަނީ މި މަހު ނިމުނު މިސްޓަ މޯލްޑިވްސްގެ ދެވަނަ ހޯދާފަ އެވެ.