ހަބަރު

އެމްއެމްއޭގެ ބޯޑު މެންބަރަކަށް އިދްހާމް ހަމަޖައްސަވައިފި

މަރުކަޒީ ބޭންކް، އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރު އިދްހާމް ހުސެއިން އެ އޮތޯރިޓީގެ ބޯޑު މެންބަރުކަމަށް ހަމަޖައްސަވައިފި އެވެ.

އެމްއެމްއޭގެ ބޯޑު މެންބަރު ކަމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް، އިދުހާމް ހަމަޖައްސާފައިވަނީ މިއަދު އެވެ.

އެކަމަނާ ބޯޑު މެންބަރު ކަމަށް މިއަދު ހަމަޖައްސަވާފައިވާއިރު މިދިޔަ ހަފްތާގައި ވަނީ މަޖިލީހުގެ ރުހުން ލިބި، އެމްއެމްއޭގެ ގަވަރުނަރު ކަމަށް އަހުމަދު ނަސީރު އައްޔަން ކުރައްވާފަ އެވެ. ނަސީރު އައްޔަން ކުރައްވާފައިވަނީ ކުރީގެ ގަވަރުނަރަކަށް ހުންނެވި އަޒީމާ އާދަމް އެ ގަމާމުން އިސްތިއުފާ ދެއްވުމުންނެވެ، އެކަމަނާ އިސްތިއުފާ ދެއްވީ އެކަމަނާގެ ފިރިކަލުން އަލީ ނަސީރުގެ ދިރިއުޅުއްވުން ރާއްޖެއިން ބޭރަށް ބަދަލު ކުރާތީ ފިރިކަލުންނާ އެކު ބޭރަށް ވަޑައިގަތުމަށެވެ.

އެމްއެމްއޭގެ ގަވަރުނަރަކަށް ހަމަޖައްސަވަން ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފުރަތަމަ ފޮނުއްވީ އެބޭންކުގެ އެސިސްޓެންޓް ގަވަރުނަރު ކަމުގެ މަގާމުގައި ހުންނެވި ނީޒާ އިމާދުގެ ނަމެވެ. ނަމަވެސް އެކަމަނާގެ ނަން ނަންގަވައި އެ މަގާމަށް، އަހުމަދު ނަސީރުގެ ނަން ރައީސް މަޖިލީހަށް ފޮނުއްވުމުން އެކަމަނާ ވަނީ އެސިސްޓެންޓް ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.