ހަބަރު

"ބެލްޓް އެންޑް ރޯޑް" އިން ރާއްޖެއަށް ފައިދާއެއް ނުވާނެ: ނަޝީދު

Aug 31, 2017
26

ސަރަހައްދުގެ އިގްތިސާދީ ޖައްވުގެ ކުލަ މުޅިން ބަދަލުކޮށްލާނެ އަގު ބޮޑު މަޝްރޫއެއް ގޮތަށް ޗައިނާ އިން ސިފަ ކުރަމުން އަންނަ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" އިން ރާއްޖެއަށް އެއްވެސް ފައިދާއެއް ނުވާނެ ކަމަށާއި ވެރިކަން ލިބިވަޑައިގެންފި ނަމަ އެ މަޝްރޫއަށް ސަމާލުކަން ނުދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި އިރު، ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއަކީ ރައީސް އަބްދުﷲ ޔާމީން ވަރަށް އިސްކަމެއް ދެއްވައި ޗައިނާއަށް ފުރިހަމަ އެއްބާރުލުން ދެއްވަން ނިންމާފައިވާ މަޝްރޫއެކެވެ. "ދަ ހިންދޫ" ނޫހަށް ނަޝީދު ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނުގެ ވެރިކަމެއްގައި އެ މަޝްރޫއާގެން ކުރިޔަށްދާނެތޯ ނޫސްވެރިޔާ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ ބެލްޓް އެންޑް ރޯޑުގެ ތެރެއިން ބިޔަ މަޝްރޫއުތައް ލިބޭނެ ކަމަށް ބުނާ ވާހަކަތަކަކީ 1900 އިގެ ހިޔާލެއް ކަމަށެވެ. އަދި އޭގެން ރާއްޖެއަށް ވާނެ އެއްވެސް ފައިދާއެއް ނުފެންނަ ކަމަށެވެ.

"[ބެލްޓް އެންޑް ރޯޑް] ފަދަ މަޝްރޫއުގެ ބަދަލުގައި އާންމު ރައްޔިތުންގެ އާންމްދަނީ ބޮޑުކޮށް، އާންމު ދިރިއުޅުމަށް ފަސޭހަވާނެ ފަދަ މަޝްރޫއުތަކަށް ވިސްނާނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ހާލަތުގެ ގޮތުން ބޭރުގެ ދަރަނީގެ 70 ޕަސަންޓު އޮތީ ހަމައެކަނި ޗައިނާއަށް ކަމަށެވެ. އަދި އެއީ ތަރައްގީ ކުރުމަށް ނަގާފައި ހުރި ލޯނުތަކެއް ނޫން ކަމަށާއި އޭގެ ބަދަލުގައި މުޅިން ވެސް ވިޔަފާރީގެ ގޮތުން ނަގާފައި ހުރި ދަރަނިތަކެއް ކަމަށެވެ.

"އެގޮތަށް ދާނަމަ 2020 ވަނަ އަހަރުގައި އަޅުގަނޑުމެން ޗައިނާއަށް ދޭ އިންޓްރަސްޓަށް އެކަނިވެސް ތައުލީމީ އަދި ސިއްހީ ދާއިރާއަށް ކުރާ ހަރަދަށް ވުރެ ބޮޑު ހަރަދެއް ކުރަން ޖެހޭނެ،"
މުހައްމަދު ނަޝީދު | ކުރީގެ ރައީސް

ޗައިނާއާއެކު އުފެދިފައި ހުރީ ގާނޫނާ ހިލާފަށް ހުރި އެއްބަސްވުންތަކެއް ކަމަށާއި އެހެންކަމުން އާބިޓްރޭޝަންއަށް ގޮސް އެ ލޯނުތަކުން ފަށާފައިވާ މަޝްރޫއުތައް ކުރިޔަށް ދެވިދާނެތޯ ބައްލަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.