ރައީސް މުހައްމަދު ނަޝީދު

ރާއްޖޭން ބޭރުގައި ހުންނެވީ ޕާޓީން އެދޭތީ: ނަޝީދު

ރާއްޖޭން ބޭރުގައި ހުންނެވީ މޯލްޑިވިއަން ޑިިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެގޮތަށް އެދޭތީ ކަމަށާއި އުމުރު ދުވަހު ޖަލުގައި ހުންނަވަން ޖެހި ވަޑައިގެންނެވި ނަމަވެސް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންްޑިއާގެ ދަ ހިންދޫ ނޫހަށް ދެެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވި ކަމަށް އެ ނޫހުން ބުނީ އުމުރު ދުވަހު ބޭރުގައި ނޫޅުއްވާނެ ކަަމަށެވެ.

"އަޅުގަނޑު މިއުޅެނީ އުމުރުގެ ބާކީ ބައިގައި އަރުވާލެވިގެން ހުންނާކަށް ނޫން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ އެތައް ރަސްކަލުންނެއް އެންމެ ފަހުން އަވަހާރަވީ [އިންޑިއާގެ] ލަކަނޫގައި. އަޅުގަނޑު މިއުޅެނީ އެގޮތަށް ކަންތައް ކުރާކަށް ނޫން. މިހާރު މުޅި އޮޕޮޒިޝަން ޖަލުގައި އޮތީމާ ބޭރުގައި ހުރެގެން މަސައްކަތް ކުރަން އެދެނީ އަޅުގަނޑުމެންގެ މީހުން [މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ]. އެކަމަކު އެއީ އަޅުގަނޑުގެ ވަޒަން. އަޅުގަނޑު އެނބުރި ދާނަން. އުމުރުގެ ބާކީ ބައި ޖަލުގައި ހޭދަކުރަން ޖެހުނަސް،" ނަޝީދު ވިދާޅުވި ވެއެވެ.

ރައީސް ނަޝީދު މި ޖަވާބު ދެއްވާފައި ވަނީ ރާއްޖެއަށް އެނބުރި ވަޑައިގެންނެވުމާމެދު އެމަނިކުފާނުގެ ސީރިއަސް ކަމެއް ނެތް ކަމަށް ސަރުކާރުން ބުނާ ކަމަށާއި "އެނބުރި ވަޑައިގަންނަވަން އަދިވެސް ވިސްނަވަންތޯ؟ އަދި އެއީ ކޮން އިރަކުތޯ؟" ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރާއްޖޭން ބޭރުގައި އަމިއްލަފުޅަށް އަރުވާލެއްވިގެން އުމުރު ދުވަހު ހުންނަވަން ޖެހުނަސް އެހެން ގައުމަކުން ރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވެވަޑައި ނުގަންނަވާ ކަމަށް ވެސް އިންޓަވިއުގައި ނަޝީދު ވިދާޅުވެފައި ވެއެވެ. އެގޮތުން އިންޑިއާއިން ރާއްޖޭގެ ކަންތަކަށް ސީދާ ވަނުމަށް އެދިވަޑައިގެންނެވުމަކީ ބިނާ ކުރަނިވި ކަމަށް ނުވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

" ޑިމޮކްރަސީގައި މޫލާން ވަގުތު ނަގާނެ. އަރުވާލެވިގެން އުޅުމަކީ އަޅުގަނޑަށް ފަރުދީ ގޮތުން ކިތަންމެ އުނދަގޫ ކަމަކަށް ވިޔަސް، އެއްވެސް މީހަކު އަޅުގަނޑުގެ ގައުމުގެ ކަންކަމަށް ވަންނާކަށް އަޅުގަނޑު ބޭނުމެއް ނުވާނެ،" ނަޝީދު ވިދާޅުވެފައި ވެއެވެ.