ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރުމަށް މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން މުޒްދަލިފާ އިން މިނާއަށް ދިޔަ މަގުމަތީގައި އޭގެ ތެރެއިން ގިނަ ބަޔަކު ޖަމާއަތާ ވަކިވެ، ދުރު ހިސާބުތަކަށް ބެހުމުގެ ސަބަބުން ގެއްލިފައިވާ ދިވެހި ހައްޖުވެރިންގެ ތެރެއިން ދެ ހައްޖުވެރިޔަކު އަދިވެސް ނުފެންނަ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ޖަމާއަތާ ވަކިވެ އެކި ދިމާލަށް ބެހި މަގު އޮޅެން މެދުވެރިވި ސަބަބަކީ ދިވެހިން ދަތުރު ކުރުމަށް ހަމަޖައްސާފައިވާ ބަސް އައުން ލަސްވުމުން ބައެއް އެހެން ބަސްތަކަށް އަރައިގެން ދިޔުން ކަމަށާއި އެހާ ހިސާބުން މަގު އޮޅިގެން ވަރަށް ގިނަ މީހުން ޖަމާައަތްތަކަށް ގުޅަމުން ގެންދާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެގޮތުން ގެއްލިފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ބަޔެކެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ހޯދާފަ އެވެ.
ރާއްޖެޓީވީގެ ހަބަރު ގަޑިއަށް މައްކާގައި މި ވަގުތު ހުރި ނޫސްވެރިޔަކު ބުނީ ދެ މީހެއް ފިޔަވައި ގެއްލުނު އެހެން މީހުން ހޯދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ވީނުވީއެއް ނޭނގި ގެއްލުނު މީހުންގެ ތެރެއިން ފެނުނު އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
ގެއްލި ނުފެނިވާ ދެ މީހުންގެ މައުލޫމާތު ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފައެއް ނުވެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން މިވަގުތު މައްކާގައި ހުންނެވި އެ ކޯޕަރޭޝަންގެ އެމްޑީ ޔާމީން އިދްރީސްއަށް ފޯނުން ގުޅޭ ގޮތެއް ނުވި އެވެ. ސައީދު ވިދާޅުވި ގޮތުގައި ހައްޖު ކޯޕަރޭޝަނުން ދަނީ ގެއްލިފަިއވާ ދެ މީހުން ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
ގެއްލުނު މީހުންގެ ތެރޭގައި ހިމެނޭ ގއ. ވިލިނގިލީ ދެމަފިރިންގެ ތެރެއިން އަންހެން މީހާ ފެނިފައިވަނީ މީރާގެ މަގުތަކުގައި ހިނގަނިކޮށް ކަމަށާއި ފިރިހެން މީހާ ފެނުނީ މިނާގެ ސިއްހީ މަރުކަޒެއްގައި އޮތްވާ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި މިއަދު ފެނުނު އިތުރު މީހާ ފެނިފައިވަނީ ޚައިފު މިސްކިތުގައި އިންދާ ކަމަށެވެ. އިއްޔެއިން ފެށިގެން އޭނާ އިނީ އެ މިސްކިތުގައި ކަމަށްވެ އެވެ. ގެއްލުނު މީހެއްގެ އަތުގައި އޮތް ކާޑް ފެނިގެން އެހެން ގައުމެއްގެ މީހެއް އޭނާ ގެނެސްދީފައިވާ ކަމަށް ވެސް ސައީދު ވިދާޅުވެފައިވެ އެވެ.