ހަބަރު

ފާރިސްއަށް ކުރާ ދައުވާ ބަދަލުވެފައިވާ ކަމަށް ވަކީލުން ވިދާޅުވެއްޖެ

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާ ދައުވާއަކީ ރިޝްވަތު ދިން ކަމުގެ ދައުވާ ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް ލިބިފައިވާ ލިޔެކިޔުންތަކުން ދައުލަތުން އުފުލާފައިވަނީ އެ ދައުވާ ނޫން ކަން އެނގިފައިވާ ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ. ވަކީލުން ވިދާޅުވި ގޮތުގައި ދައުލަތުން ފާރިސްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފިކަމުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ވެސް މީޑިއާއަށް ދީފައިވާ މައުލޫމާތަށް ބަލާއިރު ފާރިސްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ. މިރޭ ފާރިސްގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ފުލުހުންނާއި ޕީޖީގެ ފަރާތުން ފާރިސްއަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ ކަމަށް މައުލޫމާތު ލިބުނު ނަމަވެސް އޭނާއަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ފާރިސްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާ ކަމަށެވެ.

މައުމޫން ހަމީދު ވިދާޅުވީ، ފާރިސްއަށް ދައުވާކޮށް ޕީޖީ އޮފީހުން ހަވާލާދީފައިވަނީ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ހ)އަށް ކަމަށެވެ. އެ މާއްދާގައި ބުނެފައިވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ވާހަކަ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި އެނގޭ އެއްޗަކީ ޕީޖީއިން ފާރިސްއަށް މި ކުރަނީ ރިޝްވަތު ހިފުމުގެ ދައުވާކަން، އެކަމަކު ބުނަމުން މި ދިޔައީ ކުރަނީ ރިޝްވަތު ހުށަހެޅުމުގެ ދައުވާ ކަމަށް، މީގެން ވެސް އެބަ އެނގޭ އެބޭފުޅުންނަށް އެނގިވަޑައެއް ނުގަންނަވާ ކަން ކޮބައިކަން ކުރަންވީ ދައުވާއަކީ ކޮބައިކަން ނުކުރަންވީ ދައުވާއަކީ، ކޮބައިކަން ހަގީގީ ކުށަކީ، ކޮންމެވެސް ދައުވާއެއް ކުރަން އެބަޖެހޭ، ކުރަން މަޖުބޫރުވެގެން މިއޮތީ ދައުވާކޮށްފަ، ކުރެއްވީއިރު ކޮށްފަ އޮތް ދައުވާއަކާ އެ ބޭފުޅުން ވިދާޅުވާ އެއްޗަކާ ދިމާލެއް ނުވޭ،" މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ، ފާރިސް ރިޝްވަތު ހިފިކަމުގެ ދައުވާ ސާބިތުވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. ޖިނާއީ ކުށެއް ފާރިސް ކުރައްވާފައިނުވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ތަހުގީގުގައި ފާރިސްއާ ސުވާލު ވެސް ކޮށްފައިނުވާ ކަމަށެވެ. އެ ކުށް ފާރިސްގެ މައްޗަށް ސާބިތުކުރުމަށް ސިއްރު ހެކި ހުށަހަޅާފައިވާތީ ވެސް މައުމޫން ހަމީދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހެކި ބަސް ދޭނަމަ ފާޅުގައި ދިނުމަށް އެދޭ ކަމަށާއި އެމީހަކަށް ފާރިސްގެ ފަރާތުން ދިމާވާނެ ގެއްލުމެއް ނެތް ކަމަށެވެ. ސިއްރުން ހެކި ހުށަހަޅަނީ ދޮގު ފާޅުވެދާނެތީ ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.

ފާރިސްގެ ފޯނު ފުލުހުން ހިފަހައްޓައި، ފުލުހުން ތައްޔާރުކޮށްފައިވާ އެނާލިސިސް ރިޕޯޓްގައި ފާހަގަވި ކަންތައްތައް ވެސް މައުމޫން ހަމީދު ފާހަގަކުރެއްވި އެވެ. މައުމޫން ހަމީދު ވިދާޅުވީ ފާރިސްގެ ފޯނު ހިފަހައްޓާފައިވަނީ ޖޫން މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ. އެ ފޯނުގެ އެނާލިސިސް ރިޕޯޓް ތައްޔާރުކޮށްފައިވަނީ އޯގަސްޓް މަހުގެ އަށްވަނަ ދުވަހު ކަމަށެވެ. އެ ރިޕޯޓްގައި ފާރިސްގެ ފޯނަށް ޖުލައި ތިންވަނަ ދުވަހު ލިބިފައިވާ މެސެޖްތަކެއްގެ ސްކްރީން ޝޮޓްތަކަކާއި 15 ޖޫންގައި ލިބިފައިވާ ފޮޓޯތަކެއްގެ ވާހަކަ ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ފާރިސްގެ ފޯނު އޮތްވާ އެ ފޯނަށް އައި މެސެޖްތަކާއި ފޮޓޯތަކުގެ ޒިންމާ ފާރިސް ނަންގަވަން ނުޖެހޭނެ ކަމަށާއި އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ފުލުހުން ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ، ފާރިސްގެ މައްޗަށް ވަނީ ހެކި އުފައްދާފަ ކަމަށެވެ. ހަމަ ވަސީލަތްތަކާއި ފުރިހަމައަށް ފުރުސަތު ލިބިދޭ ޝަރީއަތްތަކެއް ކުރިއަށް ގެންދާނަމަ ފާރިސްގެ މައްޗަށް ކުށް ސާބިތުވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.