ފައިސަލް ނަސީމް

"މެންބަރުންގެ މަސްއޫލިއްޔަތަކީ ދުވަހު ހާޒިރީ ހޯދުމެއް ނޫން"

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތު ތަކަކީ ހަމައެކަނި ދުވަހު ހާޒިރީ މާކް ކުރުމާއި، ހާޒިރީ ރިޕޯޓުން ވަނަ ހޯދަން މަސައްކަތް ކުރުން ނޫން ކަމަށާއި އެއަށްވުރެ މާފުޅާ ދާއިރާއެއްގައި މަޖިލީހުގެ ތަޅުމުގައާއި މަޖިލީހުން ބޭރުގައި ރައްޔިތުންގެ ހާލަތު ދެނެގަނެ ގާނޫނުތައް ހެދުމުގެ ޒިންމާ ރައްޔިތުން މަތިކޮށްފައިވާ ބައެއް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މި މޭރުމުން ފައިސަލް ވިދާޅުވި އިރު ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގައި މަޖިލީހަށް އެންމެ މަދުން ހާޒިރުވެ ވަޑައިގެންނެވި ދެ މެންބަރުންގެ ތެރޭގައި އޭނާ ހިމެނި ވަޑައިގަންނަވަ އެވެ. އޭނާ މިދިޔަ ދައުރުގައި މަޖިލީހަށް ހާޒިރުވެ ވަޑައިގެންނެވީ އެންމެ ދުވަހަކު އެވެ.

ފައިސަލް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މަޖިލީހުގެ މެންބަރުންނަކީ މަޖިލީހުގެ ތަޅުމުގައާ މަޖިލީހުން ބޭރުގައި ރައްޔިތުންގެ ހާލު ދެނެގަނެ ރައްޔިތުންގެ ލާބަޔާ މަންފާއަށް ގާނޫނުތައް ހެދުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ތަނުގައި ރައްޔިތުންނަށް ފައިދާ ހުރި އެކަށީގެންވާ މަސައްކަތްތަކެއް މަޖިލީހުން ކުރެވިފައި ނުވާކަމީ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ކިބައިގައި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގެ އެއްވެސް އިހުލާސްތެރި ނިޔަތެއް ނެތްކަން އަންގައިދޭ ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

މަޖިލީހުގެ ހާޒިރީއާ ބެހޭ ގޮތުން ލިޔެފައިވާ ހަބަރެއް

ފައިސަލް ވިދާޅުވީ މަޖިލީހުގެ ކޮންމެ ދައުރެއްވެސް ނިމިގެން ދާއިރު އެދައުރެއްގައި ބޭއްވުނު ޖަލްސާތަކުގެ އަދަދު އެއީ މަޖިލީހުން ކުރެވުނު މަސައްކަތްތަކުގެ ކާމިޔާބީ ރަމްޒުކޮށްދޭނެ ކަމެއްނޫން ކަމަށާއި ރައްޔިތުން ބޭނުންވަނީ މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ފައިދާ ކުރުވަނިވި ގާނޫނުތަކެއް ފާސްކޮށް އޭގެން މަންފާ ލިބުން ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ގާނޫނު އަސާސީއިން، ބާރުތަކަކާއި ޒިންމާތަކާއި މައްސޫލިއްޔަތު ތަކެއް މަތިކޮށް ރައްޔިތުންގެ ފަރާތުން ގައުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ހައްގަށް ބަސްބުނުމަށް ރައްޔިތުން އިންތިހާބުކޮށްފައިވާ ފަރާތްތަކެއް، ނަމަވެސް ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ހައްގުގައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި ފާސްކުރަން ޖެހިފައިވާ މުހިންމު ގާނޫނުތަކެއް އަދި ވެސް ފާސް ނުކުރެވި ލަސްވަމުންދާކަމީ ރައްޔިތުން ކަންބޮޑުވާކަމެ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހައްގުގައި ބަސްބުނެ، ރައްކާތެރި ކަމާއިއެކު މަސައްކަތް ކުރެވޭ މާހައުލެއް ގާއިމުކުރެވިފައި ނެތްކަމީ މަޖިލީހުގެ ރިޔާސަތުގެ ނާގާބިލުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް މަޖިލީހުގައި ބޮޑުތަޅު އަޅުވައި، ބާރުގެ ބޭނުންކޮށްގެން މަޖިލީހުގެ މަސައްކަތްތަކަށް ރިޔާސަތުން ދިޔައީ ހުރަސް އަޅަމުން ކަމަށް ފައިސަލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ހައްގުގައި އަޅުގަނޑުގެ މަސްއޫލިއްއަތު ތަކާއި ވާޖިބުތައް އަދާ ކުރުމުގެ ގޮތުން ކުރި މަސައްކަތުން އަޅުގަނޑަށް ލިބިފައިވާ ބޮޑެތި އަނިޔާތަކަށް މިއަދުވެސް މިދަނީ ބޭސް ފަރުވާ ކުރަމުން، އަދި މަޖިލީހުގެ ގިނަ މެންބަރުންތަކެއް ނަފްސާނީ އަނިޔާ ތަހައްމަލު ކުރަމުންދާކަމީ ދެބަސް ވެވެން ނެތް ހަގީގަތެއް، އަދި މަޖިލީހުގެ މެންބަރުންގެ ގޮޑިގެއްލިފައިވާ ކަމަށް ގާނޫނުއަސާސީއާ ހިލާފާށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަޑައަޅާފައި ވުމަކީ މަޖިލިސް މެންބަރުން ނަށް ބިރުދެއްކުމުގެ ގޮތުން ކޮށްފައިވާ ފިނޑި އަމަލެއް" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ މަޖިލީހަކީ މިނިވަންކަމާއި، ރައްކާތެރިކަމާއި އިންސާފުވެރި ކަމާއިއެކު ރައްޔިތުންގެ ބަސްބުނެވޭ އަދި ރައްޔިތުންގެ އިހުސާތައް ދެނެގަނެ، ރައްޔިތުންގެ ލާބާޔާއި މަންފާއަށް މަސައްކަތްކުރެވޭ ތަނެއްގެ ގޮތުގައި ދައުލަތުގެ އެންމެހާ ފަރާތްތަކުން މަސައްކަތް ކޮށްދޭން ޖެހޭ ކަމަށެވެ.