ހަބަރު

ވަކި ސިނގިރެޓް ނުވިއްކޭ ގޮތަށް ގަވައިދު އެކުލަވާލައިފި

ދުންފަތުން ލިބޭ ގެއްލުންތައް މަންޒަރާ އެކު ފެންނަ ގޮތަށް ފޮށިތަކުގެ ބޭރުގައި އިންޒާރު ޖަހައިގެން ނޫނީ ނުވިއްކުމާއި ވަކި ވަކިން ސިގިރޭޓް ވިއްކުން ވެސް މަނާކުރާ ގޮތަށް ދުންފަތް ކޮންޓްރޯލް ކުރުމުގެ އާ ގަވާއިދު އެކުލަވާލައި ގެޒެޓް ކުރަން ފޮނުވައިފި އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުގެ މެމްބަރު އަދި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު "އަވަސް" އަށް ވިދާޅުވީ އާ ގަވައިދު ގެޒެޓް ކުރެވި އަންނަ އަހަރު އެ ގަވާއިދަށް އަމަލުކުރަން ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ އާ ގަވައިދު އެކުލަވައިލީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑާއި ވޯލްޑް ހެލްތު އޯގަނައިޒޭޝަން ( ޑަބްލިއުއެޗްއޯ)ގެ މާހިރުންގެ ލަފާގެ މަތިން ކަމަށެވެ. އަދި އެގަވައިދު ގެޒެޓް ކުރަން ފޮނުއްވީ އެޓާނީ ޖެނެރަލްގެ ލަފާވެސް ހޯއްދަވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އާ ގަވައިދުގައިވާ ގޮތުން ދުންފަތުގެ އުފެއްދުންތައް ވިއްކޭނީ ޕެކިންގެ ބޭރުގައި އޭގެއިން ލިބޭ ގެއްލުންތައް މަންޒަރާ އެކު ފެންނަ ގޮތަށް އިންޒާރުތައް ޖަހައިގެންނެވެ. ހަސަން ވިދާޅުވީ އެގޮތަށް އިންޒާރު ޖެހުމުން ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް ބާރަކަށް ވާކަން ދުނިޔޭގެ އެކި ގައުމުތަކުގައި ކޮށްފައިވާ ދިރާސާތަކުން އެނގިފައިވާ ކަމަށެވެ.

" މިއީ ދިރާސާތަކުން ސާބިތުވެފައި ހުރި ކަންތައްތައް މިގޮތަށް މަންޒަރު ޖެހީމާ ފައިދާތަކެއް ކުރޭ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓަން ބޭޏުންވާ މީހުންނަށް. އަދި ދުންފަތް ކޮންޓްރޯލް ކުރުމަށް ހިތްވަރަކަށް ވޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވަކި ސިނގިރޭޓް ނުވިއްކުމުގެ ބޭނުމަކީ ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސްގެ ބުރަ މީހުންނަށް ސީދާ އިހުސާސް ވެ، އެތަކެއްޗަށް ހަރަދު ނުކުރުމަށް ބާރު އެޅުން ކަމަށެވެ.

"ގާނޫނުގައި ވެސް އޮންނާނެ މި ގާނޫނުގެ މަގުސަދަކީ އަންނަން އޮތް ޖީލުތައް ދުންފަތުގެ ވަބާއިން ރައްކާތެރި ކުރުމޭ. އެގޮތުން ބަލާއިރު ކުޑަކުދިން މި ފަށަނީ އެކުދިންނަށް ލިބޭ އިންޓޯލް ލާރިން. ކުޑަ ލާރިކޮޅަކުން ވަކި ވަކި ސިނގިރެޓް ގަނެގެން. ދުންފަތުގެ ސިނާއަތުން އަބަދުވެވސް މަސައްކަތް ކުރަނީ އާ ބަޔަކު ދަލުގައި ޖެއްސުމަށް، " ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަދު މަދުން ބައެއް ފަހަރު ސިނގިރެޓެއް ބޯލާ މީހުން ވެސް އާއްމުކޮށް ގަންނާނީ ވަކި ވަކިން ކަމަށާއި ވަކި ސިނގިރެޓް ނުވިއްކަން ފެށުމުން އެފަދަ މީހުން ދުންފަތާ ދުރުވުމަށް ވެސް ބާރަކަށް ވާނެ ކަމަށެވެ.

ދުންފަތުގެ އުފެއްދުންތަކުގައި މަންޒަރު ފެންނަ ގޮތަށް އިންޒާރު ޖެހުމަކީ ރާއްޖޭން 2005 ވަނަ އަހަރު ސޮއިކޮށް އަމަލުކުރަން ފަށާފައިވާ ބައިނަލް އަގުވާމީ މުއާހަދާއަކުން ރާއްޖެއަށް ލާޒިމުކުރާ ކަމެކެވެ. ރާއްޖޭގައި އެކަން އެގޮތަށް ނުކުރެވި އޮތް އިރު މި ސަރަހައްދުގެ އެހެން ގައުމުތަކާއި ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް އަމަލުކުރަމުން އަންނަނީ އެގޮތަށެވެ.