ހަބަރު

ބްރިޖުގެ މަސައްކަތްދަނީ ޝެޑިއުލާ އެއްގޮތަށް: މިނިސްޓްރީ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ ޝެޑިއުލާ އެއްގޮތަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އިއްޔެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ބްރިޖު ސައިޓަށް ޒިޔާރަތްކުރައްވާފަ އެވެ. މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ބްރިޖު އެޅުމުގެ މަސައްކަތް ކުރިޔަށް ދަނީ ތާވަލަށްވުރެ އަވަހަށް ކަމަށެވެ. އަދި ގާތްގަނޑަކަށް މި މަހާއި ހަމައަށް އަންނައިރު ބްރިޖުގެ ތަނބުތއއް ފެންމަތިން ފެންނާނެ ކަމަށް ވެސް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފަ އެވެ. ބްރިޖުގެ ފައުންޑޭޝަނަށް ބޭނުންވާ ޕައިލް ޖެހުމުގެ މަސައްކަތް ވަނީ މިއަހަރުގެ ކުރީކޮޅު ނިންމާލާފަ އެވެ.

ބްރިޖް މަސައްކަތް ހަވާލުކޮށްފައި ވަނީ، ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިންއާ އެވެ. އެ ކުންފުނިން ބްރިޖްގެ މަސައްކަތް ކޮށްދެނީ 200 މިލިއަން ޑޮލަރަށެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީ އެވެ. އަނެއް ބައި ދެނީ ލުއި ލޯނުގެ ގޮތުގަ އެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖްގެ ދިގު މިނުގައި ޖުމްލަ ދެ ކިލޯމީޓަރު ހުންނަ އިރު، އެއީ 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު ހުންނާނެ އެވެ. ބްރިޖުން 15 މިނެޓް ތެރޭގައި 6500 އަށްވުރެ ގިނަ މީހުންނަށް މާލެއިން ހުޅުލެއަށް ދެވޭނެކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހުގަ އެވެ.