ހަބަރު

ބަލި މީހުން އުފުލާ ހެލިކޮޕްޓަރު މާލެއަށް ޖައްސަން ތައްޔާރުވަނީ

އަތޮޅުތަކު ތެރެއިން ބަލި މީހުން ގޮވައިގެން އަންނަ ހެލިކޮޕްޓަރު ސީދާ މާލެއަށް ޖެއްސޭ ގޮތް ހަދަން އެމްއެންޑީއެފުން މަސައްކަތް ފަށައިފި އެވެ. ރަށްރަށުން ބަލި މީހުން ގޮވައިގެން އަންނަ އެމްއެންޑީއެފްގެ ހެލިކޮޕްޓަރު މިހާރު ޖައްސަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މާލެ ގެންނަނީ ލޯންޗުގަ އެވެ.

ނަމަވެސް މާލޭ ސުވިމިން ޓްރެކް ސަރަހައްދުގައި އޮންނަ އުސްފަސްގަނޑަށް ހެލިކޮޕްޓަރު ޖެއްސޭ ގޮތް ހަދަން އެމްއެންޑީއެފް އިން ވަނީ މަސައްކަތް ފަށާފަ އެވެ. މިއަދު މެނދުރުގެ ވަގުތެއްގައި ވަނީ އެތަނުގައި ހެލިކޮޕްޓަރު ޖައްސަން ޓެސްޓުވެސް ކޮށްފަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ހެލިކޮޕްޓަރު ސީދާ މާލެއަށް ޖެއްސޭ ގޮތަށް ހެދުމުން ބަލި މީހުން ސީދާ ހޮސްޕިޓަލަށް ގެންދިޔުމަށް ފަސޭހަތަކެއް ވެގެން ދާނެ ކަމަށެވެ. ހެލިޕެޑުގައި އިތުރު ސަލާމަތީ ކަންކަން ބަލާ ނިމުމަށް ފަހު ހެލިކޮޕްޓަރު ޖެއްސުމަށް އެ ސަރަހައްދު ބޭނުން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފް އިން ބޭނުން ކުރަމުން އަންނަނީ އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ދެ ހެލިކޮޕްޓަރެވެ.

ފޮޓޯއިން: