ހަބަރު

ބްރިޖް މައްޗަށް ރާޅު އަރާނެ ކަމަށް ބުނާ ވާހަކައަށް މުއިއްޒު ރައްދު ދެއްވައިފި

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ޑިޒައިންކޮށްފައި ހުންނާނީ ގޯސް މޫސުންތަކަށް ވެސް ރައްކާތެރި ގޮތަކަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ވަގުތީ ބްރިޖަށް ރާޅެއް އަރާ ކަމަށް ބުނާ ވީޑިއޯއެއް ފެތުރުމާ ގުޅިގެނެވެ. އެ ވީޑިއޯ އިން ފެންނަނީ ބްރިޖަކަށް ރާޅު އަރާ ވަރަށް ބޮޑަށް ގެއްލުން ދޭ މަންޒަރެވެ. ނަމަވެސް އެއީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ކަމެއް ސާފެއް ނޫނެވެ. ނަމަވެސް އެއީ ލޮނުޒިޔާރަތް ކޮޅުން މިހާރު ފެންނަ ބްރިޖު ކަމަށާއި ރާޅު އަރައިފި ނަމަ ގެއްލުން ލިބޭނެ ކަމަށް ބުނެ އެ ވީޑިއޯ ޝެއާކޮށް ވަރަށް ބޮޑަށް ފާޑުކިޔުންތައް ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ.

ޓްވިޓާގައި ފެތުރެމުން އަންނަ ވީޑިއޯ --

އެކަމަށް ރައްދު ދެއްވަމުން މުއިއްޒު ވިދާޅުވީ ޓްރެސަލް ބްރިޖާއި އަސްލު ބްރިޖުގެ ތަފާތު ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި އަސްލު ބްރިޖު ޓްރެސަލް ބްރިޖަށް ވުރެ އެތަށް މީޓަރެއް އުސްވާނެ ކަމަށާއި އަދި ޑިޒައިންކޮށްފައި ހުންނާނީ އެންމެ ގޯސް މޫސުންތަކުގައި ވެސް ރައްކާތެރި ގޮތަކަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްގެން ހަދާ މި ބްރިޖު ޑިޒައިންކޮށްފައި ވަނީ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭ ގޮތަށެވެ. އަދި މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު ހުންނާނެ އެވެ. އެއީ ޔޮޓު ފަދަ އުޅަނދުތަކަށސް ދަތުރު ކުރެވޭ ގޮތަށެވެ.

ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް 2015 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު ފަށާފައިވާ އިރު ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ދާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.