ރިޕޯޓް

ޣައިރު ހާޒިރުގައި ހުކުމްކުރުމުގެ ބޮޑު ބަހުސް!

އާންމު ގޮތެއްގައި ސިޔާސީ ބޭފުޅެއްގެ ޝަރީއަތް ހިނގާނަމަ އެ ޝަރީއަތަކުން އާ ކަންތައްތަކެއް ފެންމަތިވެގެން އާދެ އެވެ. އެއީ އެ މައްސަލަތަކަށް މީޑިއާގެ ސާމަލުކަން މާބޮޑަށް ލިބޭތީ ކަމަށް ވެދާނެ އެވެ. އެގޮތުން މިފަހުން މީޑިއާގެ ސަމާލުކަން ވެސް އެންމެ ބޮޑަށް ހޯދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޝަރީއަތަކީ އަނެއްކާވެސް އާ ކަންތައްތަކެއް ފެންމަތިވި ޝަރީއަތެކެވެ.

ރިޝްވަތު ހުށަހެޅުމުގެ ދައުވާ ގާސިމްގެ މައްޗަށް ސާބިތުކޮށް ހުކުމް އިއްވާފައިވަނީ އެމަނިކުފާނަށް "ސިއްރުން" އެވެ. އެމަނިކުފާނުގެ ޣައިރު ހާޒިރުގަ އެވެ. ކުށްވެރިވެ ޖަލަށްލީކަން އެނގިވަޑައިގަތީ ހޮސްޕިޓަލްގައި އެޑްމިޓްވެފައި އޮންނަވަނިކޮށެވެ. މިއީ ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ޖިނާއީ މައްސަލައެއްގައި ހުކުމް އިއްވި ފުރަތަމަ ފަހަރު ކަމަށް ބުނެ، އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.

ރާއްޖޭގެ އަދުލްގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެސް، ދައުވާ ލިބޭ މީހާގެ ހައްގުތައް ވަރަށް ބޮޑަށް ކަށަވަރުކޮށްދޭ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެ ޝަރީއަތް ހިންގިއިރު، ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި މައްސަލާގެ ހުކުމް އިއްވުމުން ގާނޫނީ ބޭފުޅުންގެ ފާޑުކިޔުން އެ ހުކުމަށް އަމާޒުވެފައިވެ އެވެ. ޕީޖީ އޮފީހުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޣައިރު ހާޒިރުގައި ޖިނާއީ މައްސަލައެއް ބެލޭނެ ގޮތެއް ނެތް ކަމަށެވެ. އެއީ ޖިނާއީ އަދުލުގެ ނިޒާމާއި ގާނޫނު އަސާސީ ދަންނަ ކަމެއް ނޫން ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވި އެވެ.

ނަމަވެސް ގާސިމްގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓްގައި މައްސަލަ ބެއްލެވި ގާޒީ އާދަމް އާރިފް ވަނީ އެ މައްސަލާގައި ޣައިރު ހާޒިރުގައި ހުކުމް އިއްވި ސަބަބު ވަރަށް ތަފްސީލްކޮށް ވިދާޅުވެ ދެއްވާފަ އެވެ. އަދި އެއީ ގާނޫނާ ހިލާފު ނުވަތަ އާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެ ރިޕޯޓްގައި ގާޒީ އާދަމް އާރިފް ވިދާޅުވެފައިވަނީ، ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުމުގެ މަފްހޫމަކީ އާ މަފްހޫމެއް ނޫންކަން ޖިނާއީ އިޖުރާއަތުގެ ގާނޫނު 107 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ބެލުމުން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އެ މާއްދާގެ (ނ) ގެ 10 ވަނަ ނަންބަރުގައި ބުނެފައިވަނީ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފްވާ މީހުންގެ ޝަރީއަތް އެމީހުންގެ ޣައިރު ހާޒިރުގައި ހިންގިދާނެ ކަމަށެވެ.

އެގޮތުން އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފްވާ މީހާއަށް ލިބިނުދެވޭނެ ހައްގުގެ ތެރޭގައި އޭނާގެ ހާޒިރުގައި ޝަރީއަތް ކުރުމުގެ ހައްގު ހިމެނޭ ކަމަށާއި އެ މާއްދާގެ (ށ) އަށް ބަލާއިރު އިބްދާއީ އަޑުއެހުމަށް ދައުވާ ލިބޭ ފަރާތް ހާޒިރު ނުވާ ހާލަތަކީ އެމީހެއްގެ ޣައިރު ހާޒިރުގައި އެމީހާ އެ ދައުވާއަށް އިންކާރު ކުރީ ކަމަށް ފަނޑިޔާރު ކަނޑައަޅަންޖެހޭ ހާލަތެއްކަން އެނގެން އޮންނަ ކަމަށެވެ.

"އަދުލު އިންސާފަށް ހުރަސްއެޅިގެންދާ ފަދަ ގޮތަކަށް ޝަރީއަތަށް ހާޒިރުވުމުގެ ހައްގު ދޫކޮށްލާނަމަ ދައުވާ ލިބޭ ފަރާތުގެ އެ އަމަލު ދައުލަތުން ހުށަހަޅާ ކަން ކަމަށް އެ ފަަރާތުން އިންކާރު ކުރަނީ ކަމަށް މާނަކޮށް އެ ފަރާތުގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުމަށް ދައުލަތުން އެދޭނަމަ އެކަން އެގޮތަށް ކުރުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފުވެގެންވާ ކަމަށް ބަލާނެ ހަމައެއް ނެތް،" ރިޕޯޓްގައި ބުނެފައިވެ އެވެ.

ރިޕޯޓްގައި ގާޒީ ބަޔާން ކުރައްވާފައިވާ މާއްދާއަށް ފާޑުވިދާޅުވެ، ދިފާއީ ވަކީލެއް ކަމަށްވާ މަހުފޫޒު ސައީދު ވިދާޅުވެފައިވަނީ، ދައުވާ އުފުލިފައިވާ ކުށަށް ފުރަތަމަ މަރުހަލާގައި ވެސް އިއުތިރާފްވާ މީހާގެ ޣައިރު ހާޒިރުގައި ޝަރީއަތް ކުރެވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ހުއްދަކުރާ ހާލަތެއް ކަމަށެވެ. އެހެންނަމަވެސް ގާޒީ ވިދާޅުވާ، އެ މާއްދާގައި އެ ބަޔާންކުރަނީ އުފުލިފައިވާ ދައުވާއަށް އިއުތިރާފްވާ މީހާގެ ވާހަކަ ކަމަށެވެ.

"މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ އަށްވަނަ މާއްދާގެ (ނ) ބައްލަވާ، އެ މާއްދާގައި ބުނެފައި އޮންނަނީ ވަކި އެއްޗެއްގެ ވާހަކަ ނުވަތަ ވަކި މީހެއްގެ ވާހަކަ، ކަނޑައެޅިގެން ގާނޫނުގައި ބަޔާންކޮށްފިކަމަށްވާނަމަ، އޭގެ މާނައަކީ، އެނޫން އެހެން މީހުންނަށް ނުވަތަ އެނޫން އެހެން އެއްޗެއްސަށް އެ ގާނޫނުގައިވާ އެ އުސޫލު ނުހިނގަނީ ކަމަށް ބަލަންވާނޭ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި، އިއުތިރާފްވާ މީހާގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުން ހުއްދަކަމަށް ބުނެފައި، އިންކާރުކުރާ މީހާއާ މެދު އަމަލުކުރާނޭ ގޮތް ބުނެފައި ނެތުމުން، އިއުތިރާފްވާ މީހާގެ މައްޗަށް ހިނގާނޭކަމަށް އެ ގާނޫނުގައި ބުނެފައި އޮތް އުސޫލު އިންކާރު ކުރާ މީހާގެ މައްޗަށް ނުހިނގާނޭކަން ސާބިތުވޭ،" މަހުފޫޒު ސައީދު، އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.

މަހުފޫޒު ވިދާޅުވީ އެއީ ގާނޫނު މާނަކުރުމުގައި ދެބަސްވުމެއްނެތް، ވަރަށް އަސާސީ އުސޫލެއް ކަމަށެވެ. އެހެންކަމުން، ޣައިރު ހާޒިރުގައި ހުކުމް ކުރާ މަޖިލިސް ބޭއްވުމަކީ ހުކުމް ކުރުމުގެ ކުރިއަށް އައި ބާތިލު އިޖުރާއަތެއް ކަމަށެވެ.

ގާސިމްގެ މައްސަލާގައި ހުލާސާ ބަޔާން އިއްވާފައިނުވުމަކީ ވެސް މައްސަލަ ތަފާތުވާ ސަބަބެކެވެ. ހުލާސާ ބަޔާން އިއްވުން އެއީ މާ މުހިންމު ކަމެއް ނޫން ގޮތަށް ސިފަވާ ގޮތަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފަ އެވެ. ރިޕޯޓްގައިވާ ގޮތުން، ހުލާސާ ބަޔާން އިއްވާ މަޖިލީހަކީ ޝަރީއަތުގައި ހިނގައިދިޔަ ކަންކަމުގެ ހުލާސާ އިއްވުމަށް ބާއްވާ އަޑުއެހުމެއް ކަމަށާއި އެ އަޑުއެހުމުގައި އާ ކަމެއް ހުށަހަޅަން ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި އަދަބު ދަށް ކޮށްދިނުމަށް ދައުވާލިބޭ ފަރާތުން އެދުނަސް ނުވަތަ ނޭދުނަސް އަދަބު ދަށް ކުރަންޖެހޭ ހާލަތެއް ސާފު ހެކިން ސާބިތުވާނަމަ އަދަބު ދަށް ކުރުމަކީ ގާޒީއަށް ލާޒިމް ކަމެއް ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

"އެހެންކަމުން މި މައްސަލާގައި ދައުވާ ލިބޭ ފަރާތުގެ މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ދައުވާ ލިބޭ ފަރާތުގެ ހާޒިރުގައި ޝަރީއަތް ހިންގުމުގެ ހައްގު އުނިވެފައިވާ ކަމަށް ނުބެލެވޭނެ،" ރިޕޯޓްގައިވެ އެވެ.

އެކަމަށް ފާޑުވިދާޅުވެ މަހުފޫޒު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 150 ވަނަ މާއްދާގެ (ހ) ގެ ދަށުން ހެކިންގެ ހެކިބަސް ނަގައި ނިންމުމަށްފަހު ފަނޑިޔާރަކު ހަބީރަކު ހާޒިރުކުރާނަމަ އެކަން ކޮށް ނިމުމުން ދެން އޮންނާނީ ހުލާސާ ބަޔާން ހުށަހެޅުން ކަމަށެވެ. އަދި އެ މާއްދާގެ ދަށުން ހުލާސާ ބަޔާން ހުށަހަޅައި ނިމުމުން، ޝަރީއަތުގެ އަޑުއެހުންތައް ނިމުނީ ކަމަށް ފަނޑިޔާރު އިއުލާނު ކުރަންވާނޭ ކަމަށާއި، އަދި އެ މައްސަލައިގެ ހުކުމްކުރުމުގެ މަޖިލިސް އޮންނާނެ ތާރީހު ވެސް އިއުލާނުކުރަންވާނެ ކަމަށް އެ ގާނޫނުގެ 151 ވަނަ މާއްދާގެ (ހ) އަދި (ރ) ގައި ބަޔާންކޮށްފައި އޮންނަކަން މަހުފޫޒު ފާހަގަކުރެއްވި އެވެ.

"ހުލާސާ ބަޔާން އިއްވަން ފުރުސަތު ނުދީ ވާނޭ ހަމަ އެއްވެސް ގޮތެއް އިޖުރާއަތުގެ ގާނޫނުގައި ކިޔައިދީފައެއް ނެތް، ގާނޫނުގައި ވަކި ގޮތަކަށް އަމަލުކުރުމަށް ކަނޑައަޅާފައި އޮއްވައި، އެއީ އެހާ މުހިންމު ކަމެއް ނޫން ކަމަށް ފަނޑިޔާރަށް ފެނިގެން އަމަލުކުރުމުން މަނާވެގަނެވޭނޭ ހާލަތެއް ވެސް މި ގާނޫނަކު ނެތް،" މަހުފޫޒު ވިދާޅުވި އެވެ.

މީގެކުރިން މިފަދަ ހުކުމެއް އިއްވާފައިނުވާއިރު މި ހުކުމް އިސްތިއުނާފު ކުރުމަށް ގާސިމްގެ ވަކީލުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ޣައިރު ހާޒިރުގައި ޝަރީއަތް ކުރުމުގެ ބަހުސް ހައިކޯޓުގެ އިސްތިއުނާފު މައްސަލާގެ ޝަރީއަތުގައި ވަރަށް ޝައުގުވެރިވާނެ ކަމަށް ބެލެވެ އެވެ. އަދި އެކަމުގައި ވަކި ގޮތެއް އެ ކޯޓުން އެ މައްސަލާގައި ކަނޑައަޅަން ވެސް ޖެހޭނެ އެވެ. މިހާރު ފެށިފައިވާ މި ބަހުސް ކޮޅެއްގައި ޖެހޭނީ ހައިކޯޓުން ގޮތެއް ކަނޑައެޅުމުންނެވެ.