ހަބަރު

ރިޔާޒު ވަކިކޮށް، ފުލުހުންގެ އިތުރު އޮފިސަރުންނަށް ފިޔަވަޅު އަޅަނީ

Sep 10, 2017
11

ޗީފް ސުޕްރިޓެންޑަންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު އާއި އެހެން އިސް އޮފިސަރުންތަކެއްގެ މައްސަލަ ފުލުހުންގެ ޑިސިޕްލިނަރީ ކޮމިޓީން ބަލައި ފިޔަވަޅު އަޅަމުން އަންނަ ކަމަށް އަޑު ފެތުރިއްޖެ އެވެ. އެގޮތުން ރިޔާޒު ވަކިކުރަން ނިންމާފައިވާ ކަމަށްވެ އެވެ.

ބޮޑެތި ތަހުގީގުތަކުގައި ވަރަށް އިސްކޮށް އުޅުއްވާ ރިޔާޒް އެންމެ ފަހުން ހުންނެވީ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑްގެ މަގާމުގަ އެވެ. އެގޮތުން ބަންގްލަދޭޝްގައި ދަންޖެހިފައި ހުއްޓާ ފެނުން ދިވެހި މޮޑަލް ރައުދާ އާތިފްގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ވެސް އެ ގައުމަށް ގޮސް ބޮޑެތި ކުރިއެރުންތަކެއް ރިޔާޒް ހޯދި އެވެ. އޭގެ ފަހުން އޭނާ އެހެން ޑިޕާޓްމަންޓަކަށް ބަދަލު ކުރި އެވެ.

ނަމަވެސް މިއަދު ވަނީ ފުލުހުންގެ ޑިސިޕްލިނަރީ ކޮމިޓީން ރިޔާޒްގެ މައްސަލައެއް ބަލައި އޭނާ ވަޒީފާއިން ވަކި ކުރަން ނިންމާފައިވާ ކަމުގެ އަޑު ފެތުރިފަ އެވެ. އޭގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމްގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ އަހުމަދު ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށް ވެސް ވަނީ އަޑު ފެތުރިފަ އެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މުވައްޒިފުންނާ މެދު ޑިސިޕްލިނަރީ ބޯޑުން ބަލާ މައްސަލަތަކަކީ އެއީ މުވައްޒިފުންގެ ޒާތީ ކަންކަން ކަމަށް ވާތީ އެކަން ހިއްސާ ނުކުރެވޭނެ ކަމަށެވެ. އަދި އާ ޕޮލިސީގެ ދަށުން އެ ބޯޑުން އަޅާ ފިޔަވަޅުތަކަކީ މީޑިއާތަކުގައި ހާމަ ނުކުރެވޭ ކަންކަން ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

މި މައްސަލާގައި ރިޔާޒްގެ ބަހެއް ހޯދުމަށް އެނާގެ ފޯނަށް ތަކުރާރުކޮށް ގުޅި ނަމަވެސް ޖަވާބެއް ނުދެއްވަ އެވެ. އަދި ފޯނަށް މެސެޖު ކުރުމުން އެއަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.