ހަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅު އެކްޝަންޕްލޭންގެ ވޯކްޝޮޕް ފަށައިފި

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް‮ ‬ހުއްޓުވުމަށް ‬ކަމާބެހޭ‮ ‬އިދާރާތަކުގެ‮ ‬ބައިވެރިވުން‮ ‬ހޯދައިގެން‮ އެކުލަވާލި ގައުމީ ‬އެކްޝަން‮ ‬ޕްލޭނަށް ކުޑަކުދިންގެ ހިޔާލާއި ބައިވެރިވުން ހޯދުމުގެ ގޮތުން މިއަދު ފޯރަމެއް ބާއްވައިފިއެވެ.

ޖެންޑާ މިނިސްޓްރީ އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ޗަންޕާ ސެންޓްރަލް ހޮޓަލުގައި ކުރިއަށް ގެންދިޔަ މި ފޯރަމްގައި 15 އަހަރާއި 17 އަހަރާ ދެމެދުގެ 34 ކުދިން ބައިވެރިވެފައިވެއެވެ. މިގޮތުން ކުދިން ބައިވެރިވި ސްކޫލްތަކުގެ ތެރޭގައި އަހުމަދިއްޔާ އިންޓަނޭޝަލް ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް، މެޕްސް އިންޓަނޭޝަނަލް ހައި އަދި ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ހިމެނެއެވެ. މީގެއިތުރުން ޖަމާލުއްދީން ސްކޫލްގެ ކްލާސް ފޯރ ހިޔަރިންގ އިމްޕެއަރޑް ޗިލްޑރަންގެ ދަރިވަރުންވެސް ބައިވެރިވެފައިވެއެވެ.


ޖެންޑާ މިނިސްޓްރީން ބުނީ އެ ފޯރަމުގައި އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެކުލަވާލި ގައުމީ ‬އެކްޝަން‮ ‬ޕްލޭނާ ގުޅޭގޮތުން ކުދިންގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށާއި އެ ކުދިންގެ ހިޔާލުތައް ކަރުދާހެއްގެ ސިފައިގައި ހުށަހަޅައިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ނިޒާމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް، އެކަންކަން ހައްލުކުރުމަށް މުއައްސަސާތަކުން އަދާކުރެވިދާނެ ދައުރާމެދު ކުދިންގެ ވިސްނުން ހިއްސާކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

"އާންމުން ހޭލުންތެރިކުރުވުމަށް ކުރެވިދާނެ ކަންކަމާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާ ގުޅޭގޮތުން ގާނޫނީ ނިޒާމުގެ ތެރެއިން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ކުދިންގެ ހިޔާލު ހޯދައި މަޝްވަރާކޮށްފައިވޭ،" މިނިސްޓްރީން ބުންޏެވެ.

ައަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެކުލަވާލި ގައުމީ އެކްޝަން ޕްލޭނަކީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމްއިއްޔާތަކުގެ އިތުރުން ރާއްޖޭން ބޭރުގެ ފަރާތްތައް ހިމެނޭގޮތަށް މަޝްވަރާކުރެވުމަށްފަހު، އޮގަސްޓު މަހު އިފުތިތާހުކުރެވުނު ދެ އަހަރު ދުވަހުގެ ޕްލޭނެކެވެ.