ހަބަރު

ސެނަހިޔާ އިން ދޭ ހިދުމަތްތަކުން އިތުރު ފީއެއް ނަގަނީ

ސެނަހިޔާ ހޮސްޕިޓަލުން ދޭ ހިދުމަތްތަކަށް މިއަދުން ފެށިގެން އާސަންދައިން ނަގާ ފީގެ އިތުރު އެހެން ފީއެއް ނަގަން ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނީ ސެނަހިޔާ އިން ދޭ ހިދުމަތްތަކުން އިތުރު ފީ އެއް ނަގަން ނިންމީ އެ ހޮސްޕިޓަލުން ދޭ ހިދުމަތްތކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކޮށް ރާއްޖެއިން ބޭރުގެ ގައުމުތަކުގެ ފެންވަރުމަތީ ޑޮކްޓަރުން ސެނަހިޔާ ހޮސްޕިޓަލުގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް ގެނައުމުގެ ގޮތުން ކަމަށެވެ.

އެ ފީ އާ ބެހޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ނުދެ އެވެ. ސެނަހިޔާ ހޮސްޕިޓަލަކީ ސިފައިންނާއި ފުލުހުންނާއި، އިމިގްރޭޝަން އަދި ކަސްޓަމްސްގެ މުވައްޒިފުންނާއި އާއިލާތަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލެކެވެ.

އެ ހޮސްޕިޓަލުން ގިނަ ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން ޓެސްޓުތައް ހެދެ އެވެ. ސެނަހިޔާ ހޮސްޕިޓަލް ހުޅުވާފައިވަނީ މީގެ ފަސް އަހަރު ކުރިންނެވެ.