ހަބަރު

ރޮހިންޔާއަށް އެހީވާން ސަރުކާރުން ހާއްސަ ހަރަކާތްތަކެއް ފަށަނީ

މިޔަންމާގެ ރަކީން ސްޓޭޓްގައި އަނިޔާ ލިބެމުންދާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއެކު ދިވެހިން ތިބިކަމަށް ހާމަކޮށްދީ އެހީވުމަށް މަސައްކަތްތައް ކުރުމުގެ ގޮތުން ސަރުކާރުން ހާއްސަ ކޮމިޓީއެއް އުފައްދާ، ހަރަކާތްތަކެއް ހިންގުމަށް ނިންމައިފި އެވެ.

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން އުފެއްދި ކޯޑިނޭޝަން ކޮމިޓީގައި އެންމެ އިސްކޮށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ހިމެނިވަޑައިގަންނަވާ އިރު ދެން ހުންނަވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުއާއި ހޯމް މިނިސްޓްރީއާ ޖެންޑާ މިނިސްޓްރީއާ ޑިޒާސްޓާ މެނޭޖްމަންޓް އަދި ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ އިސްވެރިޔަކު ހިމެނެ އެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރޮހިންޔާ މުސްލިުންނަށް އެހީވުމަށް ދިވެހި އަމިއްލަ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތައް ވިލަރެސް ކުރުމާއި އެ ފަރާތްތަކަށް އިދާރީ އެހީތެރިކަން ސަރުކާރުގެ ފަރާތުން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކޮމިޓީން ކުރައްވާނެ ކަމަށާއި ރާއްޖޭގެ ފަރާތުން ރޮހިންޔާ މުސްލިމުންނަށް ފޮނުވާ އެހީތައް އެ ފަރާތްތަކަށް ލިބޭކަން ކަށަވަރު ކުރުމަކީ ވެސް އެ ކޮމިޓީން ކުރަމުންދާނެ މަސައްކަތެއް ކަމަށެވެ.

އެކަން ކުރުމަށް ހާއްސަ ހޮޓްލައިނެއް ގާއިމްކޮށްފައިވާ ކަމަށާއި އޭގެ އިތުރުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެކަން ކުރުމަށް ބެންކް އޮފް މޯލްޑިވްސް އަދި އިސްލާމިކް ބެންކުން އެކައުންޓެއް ހުޅުވޥާ މޮބައިލް މެދުވެރިކޮށް ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރުމަށް އޮޑިޓް ފާމް އެއް ބޭނުން ނުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަމަލީ ގޮތެއްގައި ފައިސާއެއް ޖަމާއެއް ނުކުރާނެ، ނަމަވެސް އެހީވާން ބޭނުންވާ ފަރާތްތަކަށް އެކަން ކުރަން އެހީ ވާނަން، މި މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ވީހާ ވެސް ބޮޑަކަށް ޓްރާންސްޕޭރަންސީއަށް އިސްކަން ދޭނަން، އެހެންވެ އަޅުގަނޑުމެންގެ އެދުމަކީ ރައްޔިތުންނަށް ތަނަވަސްކަން ހުރި މިންވަރަކުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދީ ފަންޑު ރައިޒް ކުރުމަށް އެހީތެރިވުން، އަޅުގަނޑުމެން ހުރީ ސީދާ ފައިސާއިން އެހީ ފޯރުކޮށްދިނުން، އޭރުން އަޅުގަނޑުމެން އެ ފައިސާ ބޭރު ފައިސާއަށް ބަދަލުކޮށްގެން އެ ފަރާތްތަކަށް ފޯރުކޮށްދޭނަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ބޮޑު އެއް ކަމަކަށް މި މަހުގެ 21 ވަނަ ދުވަހު ޓެލެތޮން އެއް ބާއްވާނެ ކަމަށެވެ. އަދި އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރޮހިންޔާ މުސްލިމުންނާ އެކު ދިވެހިން ތިބިކަން ހާމާ ކުރުމަށް ސަރުކާރުން ވަނީ މިޔަންމާއާ އެކު އޮތް ވިޔަފަރީގެ ގުޅުން ކަނޑާލައިފަ އެވެ. އަދި ރާއްޖޭގެ އެކި ރަށްތަކުގައި އެ ގައުމުގެ މުސްލިމުންނަށް ކުރާ އަނިޔާއާ ދެކޮަށް ހިނގާލުންތައް ބާއްވާފައިވެ އެވެ.