ހަބަރު

ޗީފް އޮފް ޑިފެންސް ފޯސް ޖަޕާނަށް

Sep 10, 2017
1

ރަސްމީ ދަތުރެގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް، ޖަޕާން (ޓޯކިޔޯ) އަށް މިއަދު ފުރާވަޑައިގެންފި އެވެ.

މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް، ޗީފް އޮފް ޑިފެންސް ފޯސް، ޖަޕާނަށް ކުރައްވާ މި ދަތުރަކީ، އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި މިމަހުގެ 11 އިން 14 އަށް އެ ގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޖަޕާން ކޯސްޓްގާޑް ގްލޯބަލް ސަމިޓް" ގައި ބައިވެރިވެލެއްވުމަށް، ޗީފް އޮފް ޑިފެންސް ފޯސް ކުރައްވާ ރަސްމީ ދަތުރެކެވެ.

މި ސަމިޓަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، މެރިން އެންވާރަމެންޓް ޕްރޮޓެކްޝަނާއި ގުޅުން ހުރި ކަންތައްތަކާއި މެދު މަޝްވަރާކުރެއްވުމަށް ބޭއްވޭ ސަމިޓެކެވެ. "ޖަޕާން ކޯސްޓްގާޑް ގްލޯބަލް ސަމިޓް" ގައި 36 ގައުމެއްގެ އިތުރުން ބޭރުގެ ބައެއް ޖަމިއްޔާތަކުން ބައިވެރިވެއެވެ.

މި ސަމިޓުގައި ކޯސްޓްގާޑް ކޮމާންޑާ ކާނަލް މުހައްމަދު އިބްރާހީމް ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރު ނިންމަވާލެއްވުމަށް ފަހު ޗީފް އޮފް ޑިފެންސް ފޯސް އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.