ހަބަރު

ތަގައްޔަރު ވެފައި ހުރި ކުކުޅު ބިސްތައް ނައްތާލަނީ

ނެދަލޭންޑްސް، ބެލްޖިއަމް، ޖަރުމަނު އަދި ފަރަންސޭސި ވިލާތުން ރާއްޖެ އެތެރެކޮށްފައިވާ ކުކުޅު ބިސް ފިޕްރޯނިލް ޕެސްޓި ސައިޑުން ތަޣއްޔަރުވެފައިވާތީ ވަކި ބެޗެއް ނުބަލައި އެ ގައުމުތަކުން އެތެރެކޮށްފައިވާ ބިސްތައް ނައްތާލުމުގެ މަސައްކަތް ފަށައިފި އެވެ. ފިޕްރޯނިލް އަކީ ބުޅާ، ކުއްތާ ފަދަ ޖަނަވާރުތަކުގައި އަޅާ އުކުނު ފަދަ ސޫފި ނައްތާލުމަށް ބޭނުންކުރާ ކެމިކަލެކެވެ. އެ ކެމިކަލަކީ ސިއްހީ ގޮތުން އިންސާނުންނަށް ނޭދެވޭ އެއްޗަކަށްވާތީ އެއީ އިންސާނުން ކެއުމަށް ބޭނުންކުރާ ޖަނަވާރާއި، އެފަދަ ތަކެތި ގެންގުޅޭ ތަންތަނުގައި ބޭނުންކުރުން މަނާ ކެމިކަލެކެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ވިލާތުގެ އިއްތިހާދުގެ ކާބޯތަކެއްޗާއި ގުޅޭ މައުލޫމާތުތައް އަވަހަށް ފޯރުކޮށްދިނުމަށްޓަކައި އެކުލަފާއިވާ ނިޒާމް "ރަސަފް" މެދުވެރިކޮށް ފިޕްރޯނިލް ޕެސްޓިސައިޑުން ތަގައްޔަރުވެފައިވާ ކުކުޅު ބިސް ރާއްޖެ އެތެރެވެފައިވާކަމަށް އަންގާފައިވާ ކަމަށެވެ.

އަދި މިދިޔަ މަހުން ފެށިގެން ފިޕްރޯނިލް ޕެސްޓިސައިޑުން ތަގައްޔަރު ވެފައިވާ ކުކުޅު ބިސް ރާއްޖޭގެ ބާޒާރުގައި ދައުރުވަމުންދާކަމުގެ ޝަކުވާތައް ލިބެން ފެށުމާއެކު އެގައުމުތަކުން އެތެރެކުރާ އެފަދަ ބިސް ކަމަށް ބެލެވޭ ކުކުޅު ބިހާއި ބިހުގެ ބާވަތްތައް ޕޯޓުތަކުގައި ހިފަހައްޓާ އެތަކެތި ހާއްސަ ސަމާލުކަމެއް ދީގެން ބަލާފާސްކުރަމުންދާ ކަމަށެވެ.

ތަގައްޔަރުވެފައިވާ ކުކުޅު ބިހާއި ބިހުގެ ބާވަތްތައް ބެލުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކަމާގުޅޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި ތަގައްޔަރުވެފައިވާ ބިސް ރާއްޖެ އެތެރެވެ ކުރިއަށް އޮތްތަނުގައިވެސް އެތެރެވުމުގެ ފުރުސަތު އޮތުމާއެކު ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ނެދަލޭންޑަސް، ބެލްޖިއަމް، ޖަރުމަނު، ފަރަންސޭސީ ވިލާތް އަދި ކުކުޅު ބިހާއި ބިހުގެ ބާވަތްތައް އިތުރުނުކުރަން އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެގައުމުތަކުން ބިހާއި ބިހުގެ ބާވަތްތައް އެތެރެކޮށްފިނަމަ އެތަކެއްވަށް ހެލްތު ކްލިއަރެންސް ދޫކުރާނީ އެގައުމެއްގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ "ކޮންފިޑެންޓް އޮތޯރިޓީ" އިން ބިސް ނުވަތަ އުފެއްދުމަކީ ފިޕްރޯނިލް އިން ތަގައްޔަރު ނުވާ އެއްޗެއްކަމަކަށް ކަނޑައަޅައި އެކަން ބަޔާންކޮށް ލިޔުމެއް ހުށަހެޅުމުން ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައިވެ އެވެ.