ހަބަރު

"އަމާޒަކީ 2020 ގެ ކުރިން ރާއްޖެއިން ޓީބީ ނައްތާލުން"

ރާއްޖެއަކީ މި ރީޖަންގައި އެންމެ ގިނަ ބަލިތައް ނައްތާލެވިފައިވާ ގައުމު ކަމަށާއި 2020 ގެ ކުރިން ރާއްޖެއިން ޓީބީ ނައްތާލަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ރާއްޖޭގެ ޕެރެޑައިޒް އައިލެންޑް ރިސޯޓްގައި ބޭއްވި 70 ވަނަ ސަރަހައްދީ ބައްދަލުވުން ނިންމާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި މިނިސްޓަރު ވިދާޅުވީ ޑަބްލިއުއެޗްއޯއިން މަސައްކަތް ކުރަނީ 2030 ވަނަ އަހަރުގެ ކުރިން ޓީބީ ނައްތާލަން ކަމަށާއި ނަމަވެސް 2020 ގެ ކުރިން ރާއްޖެއިން ޓީބީ ނައްތާލަން ކުރެވެން ހުރި މަސައްކަތެއް ކުރަން ރާއްޖެއިން އަމާޒު ހިފާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 2020 ގައި ރާއްޖެއިން ޓީބީ ނައްތާލަން ޑަބްލިއުއެޗްއޯ އާއި ކައިރި ގައުމުތަކުގެ އެހީ ހޯދާނެ ގޮތާމެދު މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެއާއެކު ހެޕްޓައިޓިސްއާައި ރޯޑް ކިލް އެކްސިޑެންޓްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

"ޑަބްލިއުއެޗްއޯއިން 2030 ވަނަ އަހަރުގެ ކުރިން ޓީބީ ނައްތާލަން ކުރާ މަސައްކަތުގައި ރާއްޖެއިން އަޒުމް ކަނޑައަޅައިގެން މިތިބީ ހުރިހާ ރައްޔިތުންގެ މަސައްކަތާއި ހެލްތް ދާއިރާގެ ބޭފުޅުންގެ މަސައްކަތާއި ސަރުކާރުގެ މަސައްކަތުން 2020 ގައި ރާއްޖެއިން ޓީބީ ނައްތާލުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަން، އެކަމަށްޓަކާ ޑަބްލިއުއެޗްއޯގެ އެހީ ހޯދާނެ ގޮތާއި ކައިރި ގައުމުތަކުގެ އެހީ ހޯދާނެ ގޮތާމެދު މަޝްވަރާ ކުރިން،" މިނިސްޓަރު ވިދާޅުވި އެވެ.

ހިމަބިހި ނައްތާލެވިފައިވާތީ ރާއްޖެއަށް އެވޯޑް ލިބުމުން މި ރީޖަންގައި ޓީބީ ނައްތާލާ ފުރަތަމަ ގައުމަށް ރާއްޖެ ހަދަން ކުރާ މަސައްކަތައް ވަރަށް ބޮޑު ތައުރީފެއް އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ އާބާދީ ކުޑަވުމާއި އާބާދީގެ ހޭލުންތެރިކަން އިތުރުވުމުގެ ސަބަބުން އޭގެ އެޑްވާންޓޭޖް ރާއްޖެއަށް އެބައޮތް ކަމަށާއި އެކަމުގެ ފައިދާ ނަގައި 2020 ގެ ކުރިން ރާއްޖެއިން ޓީބީ ނައްތާލަން މަސައްކަތް ކުރާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ޕޫނަމް ކެތްރަޕަލް ސިންގް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީ އެކަމަށް ވަރަށް ބޮޑު ހޭދައެއް ކުރާ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމު ވަރަށް ބޮޑަށް ހަރުދަނާ ވެފައިވާ ކަމަށެވެ.