ހަބަރު

ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅި 54 ވަކީލުން ސަސްޕެންޑްކޮށްފި

ޝަރުއީ ދާއިރާގެ މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހުކޮށް ދިނުމަށް އެދި، ވަކީލުން ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނަކާ ގުޅިގެން އެ ޕެޓިޝަންގައި ސޮއި ކުރި 54 ވަކީލުން ސަސްޕެންޑް ކުރަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) މިރޭ ނިންމައިފި އެވެ.

ޑީޖޭއޭ އިން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ވަކީލުން ސަސްޕެންޑް ކުރީ، އަދުލު އިންްސާފު ގާއިމުކުރުމުގެ ބާރުގެ މުސްތަގިއްލުކަމާއި ފަނޑިޔާރުންގެ މުސްތަގިއްލުކަމަށް ހުރަސް އެޅޭގޮތަށް ޖަމާއަތް ހަދައިގެން ޣައިރު ގާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓު ދޮށަށް އެވަކީލުން އެއްވި މައްސަލައެއް ބަލަމުން އަންނާތީ ކަމަށެވެ. މީގެ އިތުރަށް، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިހުތިޞާސްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ހިލާފު ޣައިރު ގާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ހުރުމަތް ކެނޑި މައްސަލަ ވެސް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެ އެވެ.

ވަކީލުން ސަސްޕެންޑް ކުރީ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި ބައެއް ގާނޫތައް އަދި ގަވާއިދުގަތަކާ ހިލާފުވެގެން ކަމަށް ބަޔާނުގައިވެ އެވެ. އެގޮތުން ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނާއި ވަކީލުންނާބެހޭ ގަވާއިދާއި އޭގެއިން ބާރުލިބިގެން އެކުލަވާލާފައިވާ ގާނޫނީ ވަކީލުންގެ އިގުރާރު، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދު، ކޯޓުތަކުގެ ޤާނޫނާއި އަދި ސުޕްރީމް ކޯޓުގެ ގަވާއިދު ހިމެނޭ ކަމަށް ޖޭއެސްސީ އިން ބުންޏެވެ.

ސަސްޕެންޑް ކުރި ވަކީލުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ހިމެނިވަޑައިގަންނަވަ އެވެ.

ޝަރުއީ ނިޒާމާ މެދު ހުރި ކަންބޮޑުވުންތަކެއް ހިމެނޭ ޕެޓިޝަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވަން ވަކީލުން ވަަޑައިގެންނެވީ މިދިޔަ އޮގަސްޓްމަހުގެ 30 ވަނަ ދުވަހު އެވެ. އެ ޕެޓިޝަން ސުޕްރީމް ކޯޓުން ބަލައިގެންފައެއް ނުވެ އެވެ.

ޕެޓިޝަންގައި ވަކީލުން ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި މުއްދަތު ޖެހުމުގައި ހަމައެއް ލަމައެއް ނެތުމާއި ޣައިރު ހާޒިރުގައި ހުކުމް ކުރުމާއި ސިއްރު ހެކިބަސް ނެގުމާއި ފަނޑިޔާރުންގެ ސުލޫކާއި ފަނޑިޔާރުންނަށް ނުހައްގުން އަދަބު ދިނުމާއި ވާޒީފާގެ ބިރު ދެއްކުން ހިމެނެ އެވެ.

އޭގެއިތުރުން ވެސް ވަކީލުންގެ ކަންކަމާ ސުޕްރީމް ކޯޓުން ހަވާލުވުމާއި ގާނޫނު އަސާސީއިން ލިބިދީފައިވާ ބާރުގެ ބޭރުން ސުޕްރީމް ކޯޓުން އަމަލުކުރުމާއި އެއް ފަނޑިޔާރުގެ މަސައްކަތަށް އަނެއް ފަނޑިޔާރަކު ނުފޫޒު ފޯރުވުމާއި ތުހުމަތުގައި ބަންދުކުރެވޭ ފަރާތްތަކުގެ ހައްގުތައް ގެއްލުމާއި ސަބަބެއް އެންގުމެއް ނެތި ވަކީލުންނަށް ފިޔަވަޅު އަޅާ ކަމަށް ބުނެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި ޖޭއެސްސީ ހިންގުމުގައި ހަމައެއް ލަމައެއް ނެތުމާއި ޝަރީއަތް ހިންގޭ ގޮތް ގޯސްވުމާއި ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނަރަލް މަސްއޫލިއްޔަތު އަދާނުކުރެއްވުން ޕެޓިޝަންގައި ކަންބޮޑުވުންތަކުގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ

ޕެޓިޝަން ހުށަހެޅި ދުވަހު ވަކީލުން ވަނީ، ޝަރުއީ ދާއިރާ އިސްލާހުކޮށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން، "ދުސްތޫރީ ފަސާނާ" ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. އެގޮތުން އެ ހަރަކާތުގެ ފަރާތުން މިއަދު ވަނީ ބަންޑާރަ ނައިބު، އަނިލްއަށް ބޮޑު ގާނޫނު އަސާސީ އެއް ވެދުމަށް އަރުވައިފަ އެވެ.