ހަބަރު

ގާސިމްގެ ފަރުވާގެ މުއްދަތު އިތުރުކޮށް ނުދިން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަންގައިފި އެވެ. ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ ގާސިމް ބޭސްފަރުވާ ކުރުމަށް ކަރެކްޝަންގެ މެޑިކަލް ބޯޑުން ދޭން ނިންމާފައި ވަނީ 10 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު އަންނަ ހޮނިރު ދުވަހަށް ހަމަވާނެ އެވެ.

ނަމަވެސް އެމަނިކްފާނަށް އިތުރު ތިން ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމުގެ ލިޔުމާއެކު އާއިލާއިން ވަނީ ކަރެކްޝަނަށް ސިޓީއެއް ހުށަހަޅާމ މުއްދަތު އިތުރުކޮށްދިނުމަށް އެދިފަ އެވެ.

އެކަމާ ގުޅިގެން ކަރެކްޝަން އިން އާއިލާއަށް މިއަދު ފޮނުވި ލިޔުމުގައި ބުނެފައި ވަނީ ގާސިމް ރާއްޖެ އިން ބޭރުގައި ފަރުވާ ހޯދަން ދިން 10 ދުވަހުގެ މުއްދަތު އިތުރު ކުރެވެން ނެތް ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ކަރެކްޝަންގެ ރަސްމީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ގާސިމްގެ ހާލަތާ ގުޅޭ ގޮތުން ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުން ޑޮކްޓަރު ބުނެފައި ވަނީ އެމަނިކްފާނު ކޮރޮނަރީ އެންޖިއޯގްރާމް ކޮރޮނަރީ އެންޖީއޯޕްލާސްޓީ ހަދަން ޖެހޭ ކަމަށެވެ. އަދި އެމަނިކްފާނުގެ ހާލަތު ގާތުން ބައްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި އެކަމަށް ތިން މަސް ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށެވެ.

ގާސިމް ސިންގަޕޫރަށް ފުރާ ވަޑައިގަތުމުގެ ކުރިން އެމަނިކްފާނު ވަނީ އައިޖީއެމްއެޗްއާއި އޭޑީކޭ އަދި މެޑިކާގައި ވެސް އެޑްމިޓްކޮށްފަ އެވެ. އޭގެ އިތުރުން ކަރެކްޝަން އިން ކަނޑައެޅި ހާއްސަ ޑޮކްޓަރު ވެސް ގާސިމްގެ ހާލަތު ބެލުމަށް ފަހު ވަނީ އިތުރު ޓެސްޓުތައް ހެދުމަށް ލަފާދީފަ އެވެ. އެމަނިކްފާނު ވަނީ ޝަރީއަތް ކުރިޔަށް ދަނިކޮށް ވެސް ހޭފުޅު ނެތިގެން ވެއްޓިފަ އެވެ.

ރިޝްވަތު ދޭން އުޅުމުގެ ކުށް ސާބިތުވެ ގާސިމްގެ މައްޗަށް ކުރި ހުކުމުގައި އެމަނިކްފާނު ވީހާ ވެސް އަވަހަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް ބަންޑާރަ ނައިބު ވަނީ ހުކުމްގެ އެ ބައި އިސްތިއުނާފުކޮށްފަ އެވެ.