ހަބަރު

ކުރަންޖެހޭ މަޝްވަރާއެއް ނެތް: އިދިކޮޅު ޕާޓީތައް

ގައުމުގައި މިހާރު ދިމާވެފައި ހުރީ ސަރުކާރުން އަމިއްލައަށް ހައްލު ކުރެވޭނެ މައްސަލަތައް ކަމަށާއި އެކަންކަން އިސްލާހު ކުރުމަށް ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރަން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން މަޝްވަރާ ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ބުނެ މިދިޔަ މަހު 30 ވަނަ ދުވަހު އިދިކޮޅު ޕާޓީތަކަށާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ފޮނުވި ސިޓީއާ ގުޅިގެން އެ ފަރާތްތަކުން މިއަދު ނެރުން ބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރެއްވުމަށް ސަރުކާރުން ބޭނުން ވަނީ އެކަން ކުރުމުގެ އެއްވެސް އިހުލާސްތެރި ނިޔަތެއް އޮވެގެން ނޫން ކަމަށެވެ.

ސަރުކާރުން އަންނަނީ ގާނޫނު އަސާސީއަށާއި ގާނޫންތަކަށް ބެލުމެއް ނެތި އިދިކޮޅު ލީޑަރުންނަށް ނުހައްގުން ދައުވާކުރައްވައި ޖަލަށްލާ، މަޖިލީހުގެ މެންބަރުންނަށް އެއްވެސް އަސާސެއް ނެތި ދައުވާތައް އުފުއްލަވަމުން ކަމަށާއި ޕްރޮސިކިޔުޓާ ޖެނެރަލާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ސަރުކާރުން ނުފޫޒު ފޯރުއްވައި، ބިރުދައްކަވަމުން ގެންދަވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވެ އެވެ.

ހައްގުތައް ނިގުޅައިގެން، ސިޔާސީ ހަރަކާތްތައް ހުއްޓުވައި، ސިޔާސީ ޕާޓީތަކުގެ ދައުރު ނައްތާލުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށާއި ޕާޓީތަކަށް ދައުލަތުން ދެއްވަންޖެހޭ ފައިސާ ސަރުކާރުން ހިފަހައްޓާފައިވާ ކަމަށް ވެސް އިދިކޮޅު ޕާޓީތަކުން ބުނެފައިވެ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަޑީގައި ހުންނަވައިގެން ކޮރޮޕްޝަނާއި ވައްކަމުގެ އަމަލުތަކަށް ހިތްވަރު ދޭ ކަމަށާއި ބޮޑެތި ޖިނާއީ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުއްވުމުގެ ވިސްނުން ރައީސް ޔާމީންގެ ކިބައިގައި ނެތް ކަމަށް ވެސް އެ ބަޔާނުގައި ތުހުމަތު ކުރައްވާފައިވެ އެވެ. އޭގެ އިތުރުން ރާއްޖޭގެ ފަޅުތަކާއި ފަރުތަކާއި ރަށްތައް ނުއަގުގައި ވިއްކާލުމާއި އިގްތުސާދު ނާޒުކު ފައްތަރަކަށް ވައްޓާލައްވާފައިވާ ކަމަށާއި ސަރުކާރުގެ ހާރިޖީ ސިޔާސަތު ވެސް ވިއްކަވާލައްވާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވެ އެވެ.

އެހެންކަމުން އެކަންކަމަކީ ޕާޓީތަކާއެކު މަޝްވަރާކޮށްގެން ހައްލު ކުރެވޭނެ ކަންކަމެއް ނޫން ކަމަށާއި ސަރުކާރުން އަމިއްލައަށް އެ މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވެ އެވެ.

"މިދެންނެވި ކަންކަން އިސްލާހު ކުރުމަކީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށްގެން ކުރަންޖެހޭ ކަންކަން ކަމުގައެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކަކުން ނުދެން، ސަރުކާރުގެ ހެޔޮ ނިޔަތް އޮތްކަމުގައިވާނަމަ މިގައުމުގައި އިސްލާހުކުރަން ހުރި ކަންކަމަކީ ސަރުކާރަށް މިހާރުން މިހާރަށް ވެސް ކުރެއްވޭނޭ ކަންކަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް ޕާޓީތަކުން ސަރުކާރާ މަޝްވަރާ ކުރަން މަސައްކަތް ކުރި ނަމަވެސް ސަރުކާރުން ބަހަނާތަކެއް ދެއްކެވުމަށްފަހު އެ މަޝްވަރާތައް ވަނީ ފެއިލްކޮށްލައްވާ ކަމަށެވެ. އަދި މަޖިލީހުން ބަޖެޓަށް ފާސްކޮށްފައިވާ އިރު އެ ބަޖެޓަށް ސަރުކާރުން ހެދި ގޮތެއް އެނގެން ނެތް ކަމަށާއި އެ ބަޖެޓުގައިވާ މަޝްރޫއުތައް ސަރުކާރުން ހިންގެވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު ކުރަންޖެހޭ މަޝްވަރާއެއް އޮންނާނެ ކަމަކަށް ޕާޓީތަކުން ގަބޫލު ނުކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔަނުގައި އިތުރަށް ބުނެފައި ވަނީ މަޝްވަރާ ކުރަން އުޅެނީ ސަރުކާރުގެ މާލީ ދަތިކަން ފިލުވުމަށް ބޭރުގެ އެކިއެކި ފަރާތްތަކުގެ ލޮލުގައި އަނދުން އެޅުވުމަށް ކަމަށެވެ. ނަމަވެސް އެ ވިސްނުން ދޫކޮށްލުމަށް ފަހު އިހްލާސްތެރިކަން ދެއްކެވުމަށް ބަންދުކޮށްފައި ހުރި އިދިކޮޅު ލީޑަރުން ދޫކޮށްލުމަށް ގޮވާލާ ކަމަށާއި އެއަށް ފަހު ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ދައުވަތު ދިނުމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވެ އެވެ.

ސަރުކާރުން މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ވަނީ މަޝްވަރާ ކުރުމަށް އިދިކޮޅު ފަރާތްތަކަށް ދައުވަތު ދެއްވައިފަ އެވެ. ނަމަވެސް އެ ހުރިހާ ފަހަރަކު ވެސް ވަނީ ދައުވަތު ގަބޫލު ނުކުރައްވާ، އިދިކޮޅު ލީޑަރުން ދޫކޮށްލުމަށް ގޮވާލައިފަ އެވެ.