ހަބަރު

ޑިމޮކްރެސީ ދުވަހުގެ ހަރަކާތްތައް މިފަހަރު ހުރާގައި

Sep 11, 2017

ޑިމޮކްރެސީ ދުވަސް ފާހަގަކުރުމަށް ކ. ހުރާގައި އަންނަ ހުކުރު ދުވަހު ހާއްސަ ހަރަކާތެއް ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެކޮމިޝަނުން އިންތިޒާމްކޮށްގެން "ޑިމޮކްރެސީ ރަން 2017" ގެ ނަމުގައި ބާއްވާ އެ ހަރަކާތް ކުރިއަށް ދާނީ ހުކުރު ދުވަހު ހަވީރު 4.00 އިން 5.00 އަށް ކަމަށެވެ.

ހަރަކާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ކ. ހުރާ ސްކޫލުގެ ދަރިވަރުން ޑިމޮކްރެސީއަށް ހޭލުންތެރިކުރުވުމާއި، މީޑިއާތަށް މެދުވެރިކޮށް ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންނަށް ޑިމޮކްރެސީއާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމެވެ.

ޑިމޮކްރެސީ ރަން 2017 ގައި ދައުލަތުގެ އެކި މިނިވަން މުއައްސަސާތަކުންނާއި، އިލެކްޝަންސް ކޮމިޝަނުގެ ހުރިހާ މުވައްޒަފުންގެ އިތުރުން، ހުރާ ސްކޫލުގެ ދަރިވަރުންނާއި ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއި މާލެ އަތޮޅު ހުރާ ކައުންސިލްގެ އިދާރާގެ މުވައްޒަފުން ބައިވެރިވާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.