ހަބަރު

ފިޔަވަޅު އެޅިޔަސް މަސައްކަތެއް ނުހުއްޓާނަން: ވަކީލުން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) އިން ރޭ 56 ވަކީލުން ސަސްޕެންޑު ކުރީ ބިރުދައްކާ ހިތްވަރު ދުއްވާލަން ކަމަށާއި ނަމަވެސް ހައްގު ބަސް ބުނުމުގައި އަދިވެސް ފަހަތަށް ނުޖެހޭނެ ކަމަށް އެ ގާނޫނީ ވަކީލުން މިއަދު ބުނެފި އެވެ.

ޝަރުއީ ދާއިރާގެ މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހުކޮށް ދިނުމަށް އެދި، ވަކީލުން ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނަކާ ގުޅިގެން ފިޔަވަޅު އެޅި ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަކީލު މަހަފޫޒް ސައީދު ވިދާޅުވީ ޕެޓިޝަން ހުށަހެޅީ ލޯކުރިމަތިން ފެންނަމުން ދިޔަ ކަންކަމަށް އެއްބަސްވެވެން ނެތުމުން އެންމެ ކުޑަ މިނުން ނޫނެކޭ ބުނުމުގެ ހިތްވަރު ދެއްކުމަށް ކަމަށެވެ. ނަމަވެސް އެއަށް ނުބަލާ އެއްވެސް ހަމައެއް ނެތި ދީޖޭއޭ އިން ވަކީލުންތައް ސަސްޕެންޑު ކުރަން ނިންމީ އެ ފިޔަވަޅުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރަކަށް ވިސްނާ ނުލާ ކަމަށް މަހަފޫޒް ވިދާޅުވި އެވެ

ޕެޓިޝަނުގައި ސޮއި ނުކުރާ ހުރިހާ ވަކީލުންވެސް ގަބޫލު ކުރާ އެއްކަމަކީ އެ ޕެޓިޝަނުގައި ގާނޫނާ ހިލާފަށް އެއްވެސް ވާހަކައެއް ދައްކާފައި ނޯންނާނެ ކަމަށާއި ނަމަވެސް މިނިވަން މުއްސަސާތަކުން އަމަލު ކުރަނީ ގާނޫންތަކާ ހިލާފަށް ކަމަށެވެ. އަދި ވަކީލުންތައް ސަސްޕެންޑު ކުރަން ނިންމީ ބިރުދެއްކުމަށް ކަމަށާއި ނަމަވެސް މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށް މަހަފޫޒް ވިދާޅުވި އެވެ.

"ގާނޫނުގައި ކުރެވެން ނެތް ކަމެއް ފަނޑިޔާރުން ކުރައްވާތީ އެހެން ބުނުމުގެ ހިތްވަރު އަޅުގަނޑުމެން ދެއްކީތީ އަޅުގަނޑުމެންނަށް ދިން އަދަބަކީ ސަސްޕެންޝަން، ހަމައެކަނި އެ ފިޔަވަޅު ބިނާވެފައި އޮތް އަސާސަކީ ވެސް ހައްގު ބަސް ބުނުން، ގާނޫން އަސާސީއަށް ހިލާފަށް އެބޭފުޅުން ކުރައްވާ ކަންކަން ރަނގަޅު ކުރުމުގެ ރޫހެއް އެ ބޭފުޅުންގެ ނެތް އިރު އެއާ ހިލާފަށް ބަސް ބުނުމަށް ވެސް ފުރުސަތު ނުދިނުން، އަދި ބޭނުމަކީ ކުރިޔަށް ބަސް ބުނަން ހުރި ފަރާތްތަކުގެ ވެސް ހިތްވަރު ދުއްވާލުން،" މަހަފޫޒް ވިދާޅުވި އެވެ. "އަޅުގަނޑުމެން މިތިބީ ހުއްޓާލާކަށް ނޫން، މި މަސައްކަތް ކުރިޔަށް ގެންދާނަން، މިއަދުން ފެށިގެން ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރާނަމަ އެކަމާ ބެހޭ ގޮތުން އަޅުގަނޑުމެންގެ ހުރި ހިޔާލުތަކެއް ފާޅު ކުރަމުން ދާނަން، އެއީ ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތެއް،" މަހަފޫޒް ވިދާޅުވި އެވެ.

ވަކީލުންތައް ސޮއިކޮށްގެން ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނުގައި ބުނެފައިވާ ވަނީ މުއްދަތު ޖެހުމުގައި ހަމައެއް ލަމައެއް ނެތުމާއި ޣައިރު ހާޒިރުގައި ހުކުމް ކުރުމާއި ސިއްރު ހެކިބަސް ނެގުމާއި ފަނޑިޔާރުންގެ ސުލޫކާއި ފަނޑިޔާރުންނަށް ނުހައްގުން އަދަބު ދިނުމާއި ވާޒީފާގެ ބިރު ދައްކާތީ ކަންބޮޑުވާ ކަމަށެވެ. އަދި ވަކީލުންގެ ކަންކަމާ ސުޕްރީމް ކޯޓުން ހަވާލުވުމާއި ގާނޫނު އަސާސީއިން ލިބިދީފައިވާ ބާރުގެ ބޭރުން ސުޕްރީމް ކޯޓުން އަމަލުކުރުމާއި އެއް ފަނޑިޔާރުގެ މަސައްކަތަށް އަނެއް ފަނޑިޔާރަކު ނުފޫޒު ފޯރުވުމާއި ތުހުމަތުގައި ބަންދުކުރެވޭ ފަރާތްތަކުގެ ހައްގުތައް ގެއްލުމާއި ސަބަބެއް އެންގުމެއް ނެތި ވަކީލުންނަށް ފިޔަވަޅު އަޅާ ކަމަށް ބުނެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި ޖޭއެސްސީ ހިންގުމުގައި ހަމައެއް ލަމައެއް ނެތުމާއި ޝަރީއަތް ހިންގޭ ގޮތް ގޯސްވުމާއި ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނަރަލް މަސްއޫލިއްޔަތު އަދާނުކުރެއްވުން ޕެޓިޝަންގައި ކަންބޮޑުވުންތަކުގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ

ވަކީލު ހިސާން ހުސެން ވިދާޅުވީ އެ ކަންބޮޑުވުންތަކަކީ ހަމައެކަނި ވަކީލުންނާއި ކޯޓުގައި މައްސަލައެއް އޮތް ފަރާތްތަކުގެ ހުރި ކަންބޮޑުވުމެއް ނޫން ކަމެށެވެ. އޭގެ ބަދަލުގައި ދިވެހި ހުރިހާ ރައްޔިތުން ވެސް އަދުލު އިންސާފުގެ ނިޒާމާ މެދު މިހާރު ހުރި ކަންބޮޑުވުންތައް ކަމަށާއި އެއިން އެއްވެސް ކަމެއް ބެލުމެއް ނެތި މައްސަލަ ހުށަހެޅި ފަރާތްތަކަށް ފިޔަވަޅު އެޅުމަކީ އެއްވެސް އުސޫލެއް ނޫން ކަމަށެވެ.

ޑީޖޭއޭ އިން ވަކީލުން ސަސްޕެންޑު ކުރީ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި ބައެއް ގާނޫތައް އަދި ގަވާއިދުގަތަކާ ހިލާފުވެގެން ކަމަށް ބުނެ އެވެ. އެގޮތުން ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނާއި ވަކީލުންނާބެހޭ ގަވާއިދާއި އޭގެއިން ބާރުލިބިގެން އެކުލަވާލާފައިވާ ގާނޫނީ ވަކީލުންގެ އިގުރާރު، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދު، ކޯޓުތަކުގެ ޤާނޫނާއި އަދި ސުޕްރީމް ކޯޓުގެ ގަވާއިދު ހިމެނޭ ކަމަށް ޖޭއެސްސީ އިން ބުންޏެވެ.