ހަބަރު

ސަރުކާރުން ފްލެޓު ދޭ 661 ފަރާތް އާންމުކޮށްފި

Sep 11, 2017
17

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ޝަރުތުތައް ހަމަވެ، ފްލެޓު ލިބޭ 661 އަށް ވުރެ ގިނަ މީހުންގެ ނަންތައް ހައުސިން މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

ހައުސިން މިނިިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާލޭގެ ރަށްވެހިންށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އާއިލާތަކަށް ހާއްސަކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓުތަކުގެ ތެރެއިން މާލެ ކެޓަގަރީ އެކެއް އަދި ދެއަކުން ފްލެޓް ހޯދުމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން، ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ހާމަކޮށްފައިވާ ކަމަށެވެ.

ސަރުކާރުން ފްލެޓް ދޭން ނިންމާފައިވާ ފަރާތްތަކުގެ ތެރެއިން މާލެ ކެޓަގަރީ އެކެއްގައި ހިމެނެނީ 500 މީހުންނެވެ. އަދި ކެޓަގަރީ ދޭއްގައި ހިމެނެނީ 161 މީހުންނެވެ. ލިސްޓްގައި ހިމަނާފައި ވަނީ ހަމައެކަނި ފްލެޓް ލިބޭ ފަރާތްތަކުގެ ފޯމް ނަމްބަރު އެކަންޏެވެ. ނަމާއި އެޑްރެސް ފަދަ މައުލޫމާތު އެ ލިސްޓްގައި ހިމަނާފައެއް ނުވެ އެވެ.

އެ ލިސްޓާ މެދު ޝަކުވާއެއް ހުށަހަޅަން ބޭނުން ނަމަ އަންނަ ހަފްތާ އާދީއްތަ ދުވަހުގެ ކުރިން ހައުސިން މިނިސްޓްރީއަށް ލިޔުމަކުން އެންގުމަށް އެދޭ ކަމަށާއި ޝަކުވާތައް ބަލައިގަނެ ލިސްޓަށް އުނިއިތުރު ކުރުމަށް ފަހު ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓު އަންމު ކުރާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.