ވިޔަފާރި

ބަރެސްދޫގެ ކޮޓަރިތައް އަގު ހެޔޮވާނެ ކަމަށް އުންމީދުކުރެވޭ: އެމްއައިޓީޑީސީ

  • ބިޑް ފޮތް ވިއްކަން ހުޅުވާލައިފި
  • ހާހަކަށްވުރެ ގިނަ ކޮޓަރި ހިމެނޭ
  • ގިނަ ހިދުމަތްތަކެއް ދޭނެ މަޝްރޫއެއް

ލ. އަތޮޅުގައި ތަރައްގީ ކުރާ ގެސްޓް ހައުސް އައިލެންޑް، ބަރެސްދޫގެ ކޮޓަރިތައް އަގުހެޔޮވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނެފި އެވެ.

ބަރެސްދޫ މަޝްރޫއުގެ މައުލޫމާތު އިންވެސްޓަރުންނަށް ދިނުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއައިޓީޑީސީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ބަރެސްދޫއަކީ ޓޫރިޒަމްގެ މުޅިންއާ ކޮންސެޕްޓަރަކަށް ތަރައްގީކުރާ ރަށެއް ކަމަށާއި، މި ރަށަށް އިންވެސްޓަރުންގެ ބޮޑު ތަރުހީބެއް ވެސް އެބައޮތް ކަމަށެވެ.

"މަޝްރޫއަށް ބަދަލު ގެނައުމާއެކު ވަރަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން. ގިނަ އިންވެސްޓަރުންގެ އިންކުއަރީ ވެސް ލިބެމުންދޭ،" ޝާހިދު ވިދާޅުވި އެވެ.

"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވި ގޮތުގައި މިރަށަށް ޓޫރިސްޓުން ގެނައުމަށް އެއާލައިންތަކާ ވާހަކަ ދައްކަމުންދާ ކަމަށާ، އަގުހެޔޮކޮށް އެ ރަށަށް ޓޫރިސްޓުން ގެންދެވޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށެވެ.

"އަގު ބޮޑުވަނީ ދަތުރުފަތުރުގެ ސަބަބުން. އެއާލައިންތަކާ ވާހަކަ ދައްކަމުން މިދަނީ ރަނގަޅު އަގުތަކެއް ހަމަޖައްސަން. އުންމީދު ކުރަނީ އަގު ހެޔޮވާނެ ކަމަށް.އެކަމަކު ހޮޓެލްތަކުގެ ރޫމް ރޭޓްތައް ކަނޑައަޅާނީ ހިންގާ ފަރާތްތަކުން،" ޝާހިދު ވިދާޅުވި އެވެ.

ބަރެސްދޫ ތަރައްގީ ކުރަނީ 30 އަށް ވުރެ ގިނަ ގެސްޓްހައުސް އާއި މޫދު ކޮޓަރި ނުވަތަ ވިލާތައް ހުންނަ ގޮތަށް ތަރައްގީ ކުރާ ތިން ހޮޓާ ވެސް ހުންނަ ގޮތަށެވެ. ރަށުގައި ހުންނަ ކޮންމެ ހޮޓަލެއްގައި 100 އެނދު ހުރެ އެވެ. އަދި ގެސްޓްހައުސްތަކަކީ 35 ކޮޓަރި އާއި 60 ކޮޓަރީގެ ތަންތަނެވެ. މިގޮތުން މި ރަށުގައި ޖުމްލަ 1،500 އެނދު ހުންނާނެ އެވެ. ގާތްގަނޑަކަށް 3،000 ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ އެވެ.

މި ރަށުގައި ދެ ބީޗް ރިސޯޓާއި 10 ބީޗު ހޮޓަލުގެ އިތުރުން 11 ރެސްޓޯރެންޓާއި ފިހާރަ ފަދަ 40 ތަން ހުންނާނެ އެވެ. މީގެ އިތުރުން ބާ ފަދަ ހަތަރު ތަނެއް ވެސް ހުންނައިރު މި މަޝްރޫއު އެމްއައިޓީޑީސީ އިން ކުރި އަށް ގެންދަނީ ބަރެސްދޫއާ ޖެހިގެން އޮންނަ މާކަންފުށީގައި އިންޖީނުގެ އާއި ލޯންޑްރީ ފަދަ މުނިސިޕަލް ހިދުމަތްތައް ދެވޭ ގޮތަށެވެ. މި ރަށުގައި ބަނދަރު ހަދައި، ކީވޯލްތައް މިހާރު ވަނީ އަޅާފަ އެވެ.

ބަރެސްދޫ ގެސްޓްހައުސް މަޝްރޫއު އެމްއައިޓީޑީސީން މިހާރު ކުރި އަށް ގެންދަނީ މި ރަށުގެ އެކި ޕްލޮޓުތައް ތަރައްގީކޮށް ކުއްޔަށް ދޫކުރާ މޮޑެލް އަށެވެ. މި ތަންތަނުގެ ކުލި އުޅެނީ މަހަކު 500 ޑޮލަރުން 45،000 ޑޮލަރާއި ދެމެދުގަ އެވެ. މި މަޝްރޫއުގެ ބިޑް ފޮތްތައް ވިއްކުން އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ. ބިޑު ފޮތެއް 3،000ރ. ވިއްކާއިރު ބިޑު ފޮތްތައް ހުށަހަޅަން ހުޅުވާލާނީ އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.

މެނޭޖިން ޑިރެކްޓަރު ޝާހިދު ވިދާޅުވީ އެ ޕްލޮޓަކަށް ދެ ފަރާތެއް ކުރިމަތިލައިފިނަމަ، އެޑްވާންސް ދައްކާ އަދަދާއިއެ ފަރާތެއްގެ ކިބައިގައި މިފަދަ މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ ތަޖުރިބާ ހުރި މިންވަރު ފަދަ ކަންކަމަށް ބެލެވޭނެ ކަމަށެވެ.

"ބެލެވޭނެ ކަންތައްތައް ބިޑް ފޮތް ބައްލަވައި ގަންނައިރު އެނގެން ހުންނާނެ. ތަޖުރިބާ ފަދަ ކަންތައްތަކަށް ބެލޭނެ،" ޝާހިދު ވިދާޅުވި އެވެ.

ބަރެސްދޫ މަޝްރޫއަކީ ކުރިން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބެލެހެޓި މަޝްރޫއެކެވެ. މިގޮތުން މި މަޝްރޫގެ ބައެއް ބިންތައް އެ ކުންފުނިން ވަނީ ވިއްކާފައެވެ. ފަހުން އެމްއައިޓީޑީސީއާ މި މަޝްރޫއު ހަވާލު ކުރުމާއެކު އެފަރާތްތަކާ ވާހަކަ ދައްކައި މަޝްރޫއާއެކު ކުރިއަށްދާން ބޭނުންވި ފަރާތްތަކާއެކު އެއްބަސްވުންތައް ހަދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.