ވިޔަފާރި

މިދިޔަ މަހު ޖީއެސްޓީގެ އާމްދަނީ 18 ޕަސެންޓް ދަށަށް

މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ ގާތްގަނޑަކަށް 18 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ދައްކައިފި އެވެ.

މީރާ އިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ދައުލަތުގެ އާމްދަނީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ދައުލަތައް އާމްދަނީގެ ގޮތުގައި ޖީއެސްޓީން ލިބިފައިވަނީ 469 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ 556 މިލިއަން ރުފިޔާއާ އަޅާބަލާއިރު 18 ޕަސެންޓް މަދު އަދަދެކެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ދައުލަތައް ޖުމްލަ އާމްދަނީގެ ގޮތުގައި މީރާ މެދުވެރިކޮށް އެއް ބިލިއަން ރުފިޔާ ބަލައިގެންފައިވާއިރު، މީގެ ތެރޭގައި ޑޮލަރުން ބަލައިގަތް އާމްދަނީ އުޅެނީ 39.7 މިލިއަން ޑޮލަރުގަ އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރުގެ އޮގަސްޓް މަހު ބަލައިގަތް އާމްދަނީއާ ބަލާއިރު 0.4 ޕަސެންޓް ދަށް އަދަދެކެވެ. އަދި ލިބޭނެ ކަމަށް އަންދާޒާކުރި 2.5 ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ މަހު ވިޔަފާރީގެ ފައިދާއިންނަގާ، ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 93 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 170 މިލިއަން ރުފިޔާ އެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި 52 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު ލިބުނީ 54 މިލިއަން ރުފިޔާ އެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި 161.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެއާޕޯޓު ސާވިސް ޗާޖްގެ ގޮތުގައި 44.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.