ހަބަރު

ފަރުވާއަށް ބޭރަށް ފޮނުވުން މެދެއް ނުކެނޑޭ: އާސަންދަ

ހުސްނުވާ އާސަންދައިގެ ދަށުން ރާއްޖޭން ބޭރުން ފަރުވާ ކުރަން މީހުން ފޮނުވުން މެދު ނުކެނޑޭ ކަަމަށާއި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ވެސް އުނދަގުލެއް ނެތި ކުރިއެކޭ އެއްގޮތަށް އާސަންދަ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. އަޑުފެތުރިފައިވާ ގޮތުގައި، ގިނަ ބިލްތަކަށް ފައިސާ ނުދެއްކި އާސަންދައިގެ ހިދުމަތް ބޭރުގައި ވަނީ މެދުކެނޑިފަ އެވެ.

އާސަންދަ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުސްނުވާ އާސަންދައިގެ ދަށުން ފަރުވާ ހޯދުމަށް އިއްޔެވެސް އެތައް ބަޔަކު ރާއްޖޭން ބޭރަށް ފުރާފައިވާ ކަމަށާއި މާދަމާ ވެސް އެތައް ބަޔަކު ފުރަން ހަމަޖެހިފައިވާ ކަމަށެވެ. ބަޔާނުގައި ބުނީ "ހުސްނުވާ އާސަންދަ ސްކީމްގެ ހިދުމަތްތައް ރާއްޖޭން ބޭރުން މިހާރު ނުލިބޭ ކަަމަށް ބައެއް މީޑިއާތަކުން ފަތުރާފައިވާ ހަބަރު ދޮގުކުރާ" ކަމަށެވެ.

"ވީމާ އާންމު ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަމެއްގައި ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު ހަބަރު ނުފެތުރުމަށް އާސަންދަ ކުންފުނީގެ ފަރާތުން އިލްތިމާސް ކުރަމެވެ،" ބަޔާނުގައި ވެއެވެ.