ހަބަރު

ދޮންނަ މެޝިނެއްގައި ރޯވެ އަންހެނަކު ފިހިއްޖެ

މާލޭގެ ގެއެއްގައި ބޭނުން ކުރަމުން ދިޔަ ދޮންނަ މެޝިނެއްގައި ރޯވެ، ދުވަސްވީ އަންހެނަކު ފިހިއްޖެ އެވެ. އެކަމާ ގުޅިގެން ސިފައިން މިހާރު ވަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދާދި ދެންމެ ބުނީ މއ. ފެސިނޭޝަން ނަމަކަށް ކިޔާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގީ އެ ގޭގެ ދޮންނަ މެޝިންގައި ރޯވެގެން ކަމަށެވެ. އަދި ބުނީ އެހާދިސާގައި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ފިހިފައި ވަނީ އުމުރުން 56 އަހަރުގެ އަންހެނެކެވެ.



އައިޖީއެމްއެމްއެޗުން ބުނީ އަންހެން މީހާގެ ހަށިގަނޑުގެ 70 ޕަސެންޓް ފިހިފައިވާ ކަމަށާއި އިމަޖެންސީގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ޒަހަމްވީ މީހާއަށް ލިބިފައި ވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި އެހާދިސާގައި ގެއަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ނޭނގެއެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން މިހާރު އަންނަނީ އެގޭގައި ހަރަކާތްތެރި ވަމުންނެވެ.

ސިފައިން އެންމެ ފުރަތަމަ ބުނީ، އަލިފާން ރޯވީ ގޭސް ފުޅިއެއް ގޮވައިގެން ކަމަށެވެ. އެހެން ނަމަވެސް އެމްއެންޑީއެފް އިން ފަހުން ބުނީ އެގޮތަށް މައުލޫމާތު ދެވުނީ އަލިފާނުގެ ހާދިސާ ރިޕޯޓް ކުރި ފަރާތުން އެހެން ބުނުމުން ކަމަށެވެ. އެހެން ނަމަވެސް ފަޔަ އެންޑް ރެސްކިއުއިން ގޮސް ބެލިއިރު އަލިފާން ރޯވެފައި ހުރީ ދޮންނަމެޝިނެއްގައި ކަން ޔަގީން ކުރެވިފައިވާކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.