ހަބަރު

އުއްތަމަ ފަނޑިޔާރަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޮޔޮކަމަކީ އިސްތިއުފާ ދެއްވުން: ލަތީފު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް މިހާރު ކޮށްދެއްވެން އޮތް އެންމެ ރަނގަޅު ކަމަކީ އިސްތިއުފާ ދެއްވުން ކަަމަށް ވިދާޅުވެ، އިދިކޮޅު އްއެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު އުއްތަމަ ފަނޑިޔާރު ސައީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށް ސަންގުޓީވީން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަފުޅު ދައްކަވަމުން ލަތީފު ވިދާޅުވީ އެއީ ދިވެހިންގެ އިތުރުން މުޅި އިސްލާމީ އުއްމަތަށް ކޮށްދެއްވޭ ހެޔޮ ކަމަކަށް ވާނެ ކަމަަށެވެ.

"މިވަގުތު އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީިދަށް ހަމަ އެންމެ ރަނގަޅު ގޮތަކަށް އޮތީ، މުޅި އިސްލާމީ އުއްމަތަށް ކޮށްދެވޭނެ އެންމެ ހެޔޮ ކަމަކަށް ވާނީ އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުން. މުޅި މި ދިވެހި ރާއްޖެއަށް އަދި އިސްލާމީ އުއްމަތަށް، އަބްދުﷲ ސައީދަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކަށް އޮންނާނީ އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުން،" ހަސަން ލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީއާ އެއްގޮތަށް ކަންތައް ކުރާނެ އުއްތަމަފަނޑިޔާރެއް ހޯދާނެ ކަަމަށާއި ކަންތައްތައް ހަމައަކަށް އެޅޭނީ އޭގެ ފަހުން ކަމަށެވެ.

މިރޭގެ ޑިސްކަޝަންގައި ލަތީފު ތަކުރާރުކޮށް ތުހުމަތު ކުރެއްވީ ފަނޑިޔާރުން މަަސައްކަތް ކުރައްވަނީ ރައީސް އަބުދުﷲ ޔާމީނު ވިދާޅުވާ ގޮތަށް ކަަމަށެވެ. ވަކީލުންތައް ނުކުތީ އެކަން އެގޮތަށް ކުރުން ހުއްޓުވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިރޭގެ ޑިސްކަޝަންގައި ލަތީފުގެ އިތުރުން ބައިވެރިވަޑައިގެންނެވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދެވެ. ރާއްޖޭގައި ޑިމޮކްރަސީގެ ހާލަތު އޮތް ގޮތާ މެދު ވާހަކަފުޅު ދައްކަވަމުން ތިން ބޭފުޅުން ވެސް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ އޮތީ ނާޒުކު ހާލަތެއްގައި ކަމަށެވެ. އަދި ވިދާޅުވީ އެކަން ހަމަ އެކަނި ސިޔާސީ ޕާޓީތަކަށް ހައްލު ނުކުރެވެނޭނެ ކަމަށެވެ.

"... އަޅުގަނޑުމެން އެވާހަކަ އެބަ ދައްކަން ޖެހޭ. އަޅުގަނޑުމެން ހައްގު ބޭނުން ކަަމަށް ވަންޏާ އެހައްގު ހޯދުމަަށް ނުކުންނަން ޖެހޭ. ގޯސްކޮށް ދައުލަތުގެ ވެރިން ކަންތައް ކުރާ ކަމަށް ވަންޏާ އެވާހަކަ ދައްކައިގެން ، ނުވަތަ އެއްވެ ނުކުމެ ދައްކައިގެން މިރާއްޖެއަކީ އަޅުގަނޑުމެންގެ މިލްކެއް ކަން ގަބޫލުކޮށްގެން،" މާރިޔާ ވިދާޅުވިއެވެ.