ހަބަރު

ނަސްލު ނައްތާލުމާ ދެކޮޅު މައްސަލައަށް ރާއްޖޭން ވޯޓެއް ނުދިން

ހަނގުރާމައިގެ ކުށްތަކާއި ނަސްލުނައްތައިލުމާއި އިންްސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހުއްޓުވުމާ މެދު އދ.ގެ އާއްމު މަޖިލީހުގެ 72 ވަނަ ސެޝަނުގައި ބަހުސް ކުރުމަށް ހިމެނުމަށް އޮސްޓްރޭލިއާއާއި ގާނާއިން ހުށަހެޅި އައިޓަމް އެޖެންޑާގައި ހިމަަނަން ފެނޭތޯ ނެގި ވޯޓުގައި ރާއްޖޭން ބައިވެރިއެއް ނުވިއެވެ.

ރާއްޖޭން ބައިވެރި ނުވިޔަސް އެ އައިޓަމް އެޖެންޑާގައި ހިމަަނަން 117 ގައުމެއްގެ ވޯޓާއި އެކު ވަނީ ފާސްކޮށްފައެވެ. އެ އައިޓަމް ހިމަނަން ނުފެންްނަން ކަމަށް ވޯޓް ދީފައިި ވަނީ ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ޗައިނާއާއި ރޯހިންޔާ ދަރިކޮޅުގެ މީހުންގެ ނަސްލު ގައުމުން ފުހެލަން އުޅޭ މިޔަންމާއާއި މިސްރާއި އިކުއެޑޯއާއި ބޮލީވިއާ އެވެ. ރައްޔިތުންނާ ދެކޮޅަށް ތަކުރާރުކޮށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ސޫރިޔާއިން ވެސް ވަނީ އެކަމާ ދެކޮޅަށް ވޯޓް ދީފައެވެ. ޒިމްބާބްވޭއާއި ވެނެޒުއޭލާއިން ވެސް ބުނެފައި ވަނީ ނޫނެކޭއެވެ. ޗައިނާއާ އެންމެ އެކުވެރި ރަޝިޔާއާއި އުތުރުކޮރެއާއިން ވެސް ވޯޓްދީފައި ވަނީ އައިޓަމް ހިމަނަން ނުފެންނަ ކަމަށެވެ.

ހަނގުރާމައިގެ ކުށްތަކާއި ނަސްލުނައްތައިލުމާއި އިންްސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހުއްޓުވުމާ މެދު ބަހުސް ކުރުމުގެ އައިޓަމް ހިމަނަން ފެންނަ ކަމަށް ވޯޓްދިން ގައުމުތަކުގެ ތެރޭގައި ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ސައުދީ އަރަބިއްޔާއާއި ރާއްޖެއާއި ބޫޓާން ފިޔަވަައި ދެކުނު އޭޝިއާގެ ގައުމުތައް ހިމެނެެއެވެ.

ވަކިކޮޅަކަށް ވޯޓް ނުދިނުމުގެ ސަބަބުން އައިޓަމް ހިމެނުމަށް ތާއިދު ނުކުރި ގައުމުތަކުގެ ތެރޭގައި ބޫޓާނާއި ބުރޫނާއީއާއި އުރުދުން ހިމެނެއެވެ.

ހަނގުރާމައިގެ ކުށްތަކާއި ނަސްލުނައްތައިލުމާއި އިންްސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހުއްޓުވުމާ މެދު ބަހުސް ކުރުމުގެ އައިޓަމެއް ހިމަނަން ފެނޭތޯ ނެގި ވޯޓުގައި ރާއްޖޭން ބައިވެރި ނުވުމަކީ ރޯހިންޔާ ދަރިކޮޅުގެ މީހުންނާ މެދު ވީ އިހުމާލެއް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ސިފަކުރުމުންނެވެ. ނަމަވެސް އެކަން ހިމަނަން އޮސްޓްރޭލިއާއާއި ގާނާއިން ހުށަހަޅާފައި ވަނީ މިޔަންމާގައި ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް މިފަހަރު އިތުރުވި ހާދިސާގެ ކުރިންނެވެ. މިފަހަރުގެ ޖަރީމާތައް ހައްދު ފަހަނަ އެޅީ އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ރޯހިންޔާ ހަނގުރާމަވެރިން ދިން ހަމަލާތަކަކަށް ފަހުގައެވެ. އައިޓަމް ހިމަނަން އޮސްޓްރޭލިއާއާއި ގާނާއިން އދ.ގެ ސެކްރެޓަރީ ޖެނެރަލް އަށް ސިޓީ ފޮނުވާފައި ވަނީ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ.