ހަބަރު

އާރްޓޫޕީ ވޯޓްގައި ބައިވެރި ނުވާން ކުރިން އޮތީ ނިންމާފައި: ފޮރިން

ހަނގުރާމައިގެ ކުށްތަކާއި ނަސްލުނައްތައިލުމާއި އިންްސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހުއްޓުވުމަށް އަމަލުކުރާ "ރެެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް" (އާރްޓޫޕީ) ގެ ނަމުގައި ފިޔަވަޅު އެޅުމަށް އދ. ގައި ނަގާ ވޯޓްތަކުގައި ބައިވެރިވެރި ނުވާން ކުރިން ވެސް ނިންމާފައިވާ ކަަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އދ. ގެ އާއްމު މަޖިލީހުގެ 72 ވަނަ ސެޝަންގައި ބަހުސް ކުރުމަށް ސަޕްލިމެންޓްރީ އައިޓަމެއްގެ ގޮތުގައި އާރްޓޫޕީ ހިމަނަން ފެނޭތޯ ނެގި ވޯޓުގައި ރާއްޖޭން ބައިވެރި ނުވުމުން، އެއި ރޯހިންޔާ ދަރިކޮޅުގެ މީހުންގެ ހައްގުގައި ލީ ވޯޓެއްގައި ބައިވެރި ނުވުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެ ފާޑުކިއުންތަކަށް ރައްދު ދިނުމަށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭން ބައިވެރި ނުވި ވޯޓަކީ "ޖެނެރަލް އެސެމްބްލީގެ އެޖެންޑާ ނަންބަރު 132 ގެ ދަށުން 'ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް އެންޑް ދަ ޕްރިވެންޝަން އޮފް ޖެނޮސައިޑް، ވޯ ކްރައިމްސް، އެތުނިކް ކްލެންސިން، އެންޑް ކްރައިމްސް އެގެއިންސްޓް ހިއުމެނިޓީ' މިމައުޟޫޢު ހިމަނާނެތޯ ނުވަތަ ނުހިމަނާނެތޯ ބެލުމަށް ނެގުނު ޕްރޮސީޖަރަލް ވޯޓެއް" ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ "މިއަދު ނެގުނު ވޯޓަކީ ރޮހިންޔާ މުސްލިމުންނާއި ބެހޭގޮތުން ނެގުނު ވޯޓެއް ނޫން ކަމަށާއި އެވޯޓުގައި ހިމެނޭ މައްސަލައިގައި ރޮހިންޔާ މުސްލިމުންގެ ނަން ހިމަނާފައެއް ވެސް ނެތް" ކަމަށެވެ.

ބަޔާން ނިންމައިލަމުން ބުނެފައި ވަނީ އާރްޓޫޕީ ގެ ނަމުގައި ފިޔަވަޅު އެޅުމަށް އދ. ގައި ނަގާ ވޯޓްތަކުގައި ބައިވެރިވެރި ނުވާން ކުރިން ވެސް ނިންމާފައިވާ ކަަމަށެވެ. އެ ގޮތުން ނަގާ ވޯޓުތަކުގައި ބައިވެރި ނުވާން ނިންމި ސަބަބެއް ކަަމަށް ބުނެފައި ވަނީ އާރް.ޓޫ.ފީ ގެ އުޞޫލުގެ ނަމުގައި ޤައުމުތަކުގެ ދާހިލީ ކަންތައްތައްތަކުގެ ތެރެއަށް ބާރުގަދަ ޤައުމުތަކުން ވަންނަން ފުރުސަތު ދެވޭ ކަމަށް ރާއްޖޭން ގަބޫލު ކުރުމެވެ.

" 'ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް' ނުވަތަ އާރު. ޓޫ.ފީ ގެ އުޞޫލުގެ ނަމުގައި ޤައުމުތަކުގެ ދާޚިލީ ކަންތައްތައްތަކުގެ ތެރެއަށް ބާރުގަދަ ޤައުމުތަކުން ވަންނަން ފުރުޞަތު ދެވޭތީ އާރު.ޓޫ.ޕީގެ ނަމުގައި ފިޔަވަޅު އެޅުމަށް އަމާޒުކޮށް އ.ދ. ގެ އާންމު މަޖިލީހުގައި ނެގޭ ވޯޓުތަކުގައި ބައިވެރިނުވުމަށް ރާއްޖެއިން ވަނީ ވަރަށް ކުރިއްސުރެ ވެސް ނިންމާފައެވެ،" ބަޔާނުގައި ވެއެވެ.

އދ.ގެ 72 ވަނަ ސެޝަނުގެ އެޖެންޑާގައި ހިމަނަން އޮސްޓްރޭލިއާއާއި ގާނާއިން ހުށަހެޅި ''ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް އެންޑް ދަ ޕްރިވެންޝަން އޮފް ޖެނޮސައިޑް، ވޯ ކްރައިމްސް، އެތުނިކް ކްލެންސިންގ، އެންޑް ކްރައިމްސް އެގެއިންސްޓް ހިއުމެނިޓީ" އަކީ ރޯހިންޔާ ދަރިކޮޅުގެ މީހުންނަށް ޓަކައި ހުށަހެޅި ކަމަކަށް ނުވިޔަސް އެއީ އެމީހުންގެ ހާލަތާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މިޔަންމާއަށް ފާޑުކިއުމަށް މަގުފަހިވާނެ ހުށަހެޅުމެކެވެ. އެ އައިޓަމް ހިމަނަން ހުށަހެޅީ މިޔަންމާގައި ހިންގަމުންދާ ޖަރީމާތައް މިފަހަރު ހައްދު ފަހަނަ އަޅައި ދިޔަ ހާދިސާ ހިނގުމުގެ ކުރިން ކަމަށް ވިޔަސް އެކަން އެޖެންޑާ ކުރަން ފެނޭތޯ ވޯޓަށް އެހީ އެޖަރީމާތައް ވަރަށް މައްޗަށް ދިޔަ ފަހުންނެވެ.

މިޔަންމާ ސިފައިންނާ ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ހަރަކާތްތައް ފެށީ 2012 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މީހުން މެރުމާއި އިތްފަތް ފޭރުމާއި ގެދޮރު އެންދުމުގެ އަމަލުތައް ހިންގި ނަމަވެސް އެކަން ދުނިޔޭގެ ސަމާލުކަމަށް އައީ މިދިޔަ އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ރޯހިންޔާ ހަނގުރާމަވެރިންގެ ބަޔަކު މިޔަންމާ ސިފައިންނާ ދެކޮޅަށް ހަމަލާތަކެއް ދިނުމުންނެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި ރޯހިންޔާ ހަނގުރާމަވެރިންގެ އަމަލުތައް ވެސް ވަނީ ކުށްވެރިކޮށްފައެވެ.

އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން މިޔަންމާ ސިފައިން ފެށި ކެމްޕޭނުގައި 300000 އަށް ވުރެ ގިނަ ރޯހިންޔާ މީހުން ވަނީ ގައުމުން ބޭރުކޮށްލާފައެވެ. އެމީހުން މިހާރު ތިބީ އަވަށްޓެރި ބަންގްލަދޭޝްގައެވެ.